ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި މިއަދު ހަވީރު އެ އަތޮޅު އިނގުރައިދު އާއި ދުވާފަރު ބައްދަލު ކުރި މެޗު ނިމުމަށް ފަހު ދެ ރަށުގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ބަޔަކަށް ބޮޑެތި އަނިޔާތަކެއްް ވެއްޖެ އެވެ.
އުނގޫފާރުގައި އޮތް ފައިނަލް މެޗަށް ފަހު ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުމެއް ހިނގައި އަނިޔާވި މީހުންނަށް އެ ރަށު ހޮސްޕިޓަލުގައި ފަރުވާ ދިނެވެ.
އެ ހާދިސާ ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު އެ ވީޑިއޯއިން ފެންނަނީ ދެ ރަށުގެ ސަޕޯޓަރުންގެ މެދުގައި ފުލުހުންތަކެއް ސަފެއްހެން އެތުރިގެން ތިބެ އެ މީހުން ދުރުކުރަން އުޅޭ މަންޒަރެވެ.
ބައެއް މީހުން ހަޑި ހުތުރުބަހުން އެއްޗެހި ކިޔައި ފުލުހުންގެ ސަފު ފޫއަޅުވާލާފައި ދާން މަސައްކަތް ކުރެ އެވެ. އަދި އަނެއް ކޮޅުގައި ތިބި މީހުންނާ މެދު ހަމަނުޖެހުން ހިންގަން މަސައްކަތް ކުރެ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ދުވާފަރާއި އިނގުރައިދޫ ބައްދަލު ކުރި މެޗުގައި ދެ ޓީމުގެ ދެމެދުގައި ހަމަނުޖެހުން ހިނގާފައިވާކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ހަމަނުޖެހުމުގައި 14 އަހަރުގެ ކުއްޖަކާއި 39 އަހަރުގެ މީހަކަށް އަނިޔާވެގެން ފަރުވާދީފައިވާ ކަމަށެވެ.
އެހެން ނަމަވެސް، އެ ހާދިސާގައި އޭގެ އިތުރުން ވެސް އެކި ވަރުގެ އަނިޔާ ލިބިގެން ގިނަ ބަޔަކު ހޮސްޕިޓަލަށް ގޮސްފައި ވެ އެވެ.
އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިއަދު އޫނގޫފާރުގައި އޮތް ފައިނަލް މެޗުގައި ދުވާފަރުން އިނގުރައިދޫ ބަލި ކުރީ 4-3ގެ ނަތީޖާއަކުންނެވެ. ދުވާފަރުން މެޗު ކާމިޔާބު ކުރީ އިނގުރައިދޫން ތިން ލަނޑު ޖަހާފައި ވަނިކޮޮށް ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެންނެވެ.