އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަދި މި އަހަރުގެ ފަހުކޮޅު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވިއްޖެ ނަމަ ފުވައްމުލަކުގައި ރިސޯޓެއް ހަދާނެ ކަމުގެ ވައުދު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެވަޑައިގެންފި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަ ކުރައްވާ ނަޝީދު އެހެން ވިދާޅުވީ، ކެމްޕެއިނުގެ ތެރެއިން އައްޑުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު ފުވައްމުލަކަށް ވަޑައިގެންނެވެ.

ފުވައްމުލަކުގައި އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވައި މިއަދު ހަވީރު ބޭއްވި ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ ފުވައްމުލަކު އެއާޕޯޓު ހެދުމަށްފަހު އެމްޑީޕީން ހުށަހެޅީ އެއާޕޯޓުން މޫދާވީ ފަޅި ވަކި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި އެތަނުގައި ޓޫރިޒަމްގެ ވިޔަފާރި ހިންގަން ކަމަށެވެ. ދެހާސް ހަތް ވަނަ އަހަރު އަހަރުން ފެށިގެން ވެސް ވަކި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައި ކަމަށާއި ޖެހިގެން އައި އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު ވެސް އެތަން އޮތީ އެގޮތަށް ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި އަދި "މާ ބޮޑަށް" އެ ވާހަކަ ބަޔާންކޮށްފައިވާނެ ކަމަށާއި، އެކަމަކު އެކަން ނުކުރެވި މިހާރު ފަސް އަހަރު ނިމިގެން ދަނީ ކަމަށެވެ. އަދި ވިދާޅުވީ، މި އަހަރުގެ ނޮވެމްބަރު މަހު އެތަނުގައި ރިސޯޓެއް އެޅުމުގެ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"ފަސް އަހަރު ނިމިދަނީ، އަޅުގަނޑުމެންނަށް އެކަން މިއޮތީ ނުކުރެވި. އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކަން އަރުވަން އިރާދަކުރެއްވިއްޔާ ނޮވެމްބަރު މަހުގައި އެތަނުގައި ރިސޯޓެއް އެޅުމުގެ މަސައްކަތް ފެށޭނެ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު ނަޝީދު ފުވައްމުލަކަށް ވަޑައިގަތުމުން އެމަނިކުފާނުގެ ސަޕޯޓަރުން މަރުހަބާ ކިޔަނީ --
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު ނަޝީދު ފުވައްމުލަކަށް ވަޑައިގަތުމުން އެމަނިކުފާނުގެ ސަޕޯޓަރުން މަރުހަބާ ކިޔަނީ --

ފުވައްމުލަކުގައި ރިސޯޓެއް ހެދުމަށް ވައުދުވެވަޑައިގަތުމުގެ އިތުރުން ސަރުކާރުން ހިންގާ ހުރިހާ ޓޫރިޒަމް ޕްރޮމޯޝަނެއްގައި ވަކިން ހާއްސަކޮށް ފުވައްމުލަކު އިސްތިހާރު ކުރާނެ ކަމުގެ ވައުދު ވެސް ނަޝީދު ވެވަޑައިގެންވި އެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކަން އަރުވަން ދިވެހި ސަރުކާރުން ހިންގާ ހުރިހާ ޕްރޮމޯޝަނެއްގައި ހާއްސަ ގޮތެއްގައި ފުވައްމުލަކުގެ ޓޫރިޒަމްގެ ވާހަކަ އަކީ "އެހެން ވާހަކައެއްގެ ގޮތުގައި" އަޅުގަނޑުމެން މުޅި ދުނިޔެއަށް ފާހަގަކުރަމުން ގެންދާނަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ފުވައްމުލަކުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ވިސްނުމުގައި އެ ރަށް މުޅި ދުނިޔެއަށް ތައާރަފުކޮށްދީފައިވާ ކަމަށެވެ. އެގޮތުން އެއީ އިތުރުި ގުދުރަތީ ވަސީލަތްތައް ހުރި ތަނެއް ކަމާއި ދިރޭތަކެތީގެ ބާވަތްތައް ގިނަ ކަމާއި ހާއްސަކޮށް ވަށައިގެންވާ ކަނޑުގެ މުއްދަނދިކަން ދުނިޔެއަށް މަޝްހޫރުވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އައްޑުއާއި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު ނަޝީދު ވަނީ މާލެ ވަޑައިގެންފަ އެވެ.