އުފެދުމުގައި، އަދި އޭގެ ފަހުން ވެސް ކަންފަތް ބީރުވެފައި ތިބި މީހުންނާއި މަންމަން މީހުން ރަނގަޅު ކުރާ ކަމަށް މަޝްހޫރު ކުރާ އިރާގުގެ ޑޮކްޓަރަކު ރާއްޖޭގައި "ފަރުވާ ދިން" ކަމަށް ބުނާ މައްސަލަ ހެލްތު މިނިސްޓްރީގެ ސަމާލު ކަމަށް އަތުވެއްޖެ އެވެ.
ޑރ. މާލާ އަލީ މަހުމޫދު އެކަން ކުރަނީ މާ ބޮޑު ފަރުވާއެއްނުދީ، ހަމައެކަނި ގުރުއާނުގެ އާޔަތްތަކެއް ކިޔައިގެން ކަމަށް ވެއެވެ. އަޑު ނީވޭ އެތައް ބަޔަކު، އެތައް ބަޔެއްގެ ކުރިމަތީގައި ރަނގަޅު ކުރި ކަމަށް މަޝްހޫރު ވެފައި ވާތީ މުސްލިމް ބައެއް ގައުމުތަކުގައި އޭނާ އަކީ ވަރަށް މަގުބޫލު މީހެކެވެ.
އޭނާ ވަނީ މިދިޔަ މަހުގެ 29 ގައި ޓޫރިސްޓް ވިސާގައި ރާއްޖެ އައިސްފަ އެވެ. އޭނާ ގޮސް ރަށެއްގައި ހުރި އިރު އުމުރުން ގާތްގަނޑަކަށް 10 ވަރަކަށް އަހަރުގެ ކުއްޖަކު ވެސް އެ އާއިލާގެ މެމްބަރުންގެ ކުރިމަތީގައި ރަނގަޅު ކުރި ކަމަށް ބުނާ ވީޑިއޯއެއް އޭނާގެ ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފަ އެވެ. އޭނާ ހުޅުމާލޭގައި ވެސް ހުރި ކަމަށް ވެ އެވެ. އޭނާ ބުނެފައި ވަނީ އަޑުއިވުމުން މަހުރޫމްވެފައިވާ ވަރަށް ގިނަ ކުދިން އޭނާ ރާއްޖެ އިން ރަނގަޅުކޮށްދިން ކަމަށެވެ. އެކަމަކު އޭގެ ހަގީގަތެއް އަދި ނޭނގެ އެވެ.
އެކަމަކު ހެލްތު މިނިސްޓްރީން ބުނީ އޭނާ އެކަން ކޮށްފައި ވަނީ ހުއްދަ ނުހޯދާ ކަމަށާއި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. އެފަދަ އެއްވެސް ކަމެއް ކުރެވޭނީ ކަމާ ބެހޭ ހުއްދަ ހޯދައިގެންނެވެ.
"ރެއިން ފެށިގެން މިނިސްޓްރީ އަށް ވީޑިއޯތައް ލިބެމުން ދިޔަ. އެއީ މިނިސްޓްރީގެ ހުއްދައެއް ނަގައިގެން އައިސް އުޅޭ މީހެއް ނޫން. އޭނާ އެ ކުދިންނަށް ފަރުވާ ދީފައި ވަނީ ކޮން ރަށެއްގަތޯ ބަލަމުން މި ދަނީ." މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
މާލާ އެކަން ކޮށްފައި ވަނީ ވެސް ފައިސާ ނަގައިގެންނެވެ. އަދި، އެއީ ދީނާ އެއްވެސް ގުޅުމެއް ނެތް ކަމެއް ކަމަށް ބުނެ، އޭނާއާ ދޭތެރޭ ސަމާލުވުމަށް ވެސް ދީނީ ބައެއް އިލްމުވެރިން މިއަދު ގޮވާލައިފައި ވެ އެވެ.
މަކަރު ހަދާ ކަމަށް ބުނެ ސައުދީ އަރަބިއްޔާއިން ވެސް އޭނާ ވަނީ މީގެ ކުރިން ޑީޕޯޓް ކޮށްލައިފަ އެވެ. އެއް ބަޔަކު ބުނަނީ އޭނާ ހަދަނީ ސިހުރު ކަމަށެވެ.