ޝާކިރު: ތައުލީމީ ހަޔާތް ނިންމާލީއްސުރެން އޭނާ ޚިދުމަތް ކުރެއްވީ އަހްމަދިއްޔާގައި. -- ފޮޓޯ: އަހްމަދިއްޔާ
24 މެއި 2023 - 11:11
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އެންމެ ހިދުމަތްތެރި އެއް މުވައްޒަފު، އިބްރާހިމް ޝާކިރު ރޭ ދަންވަރު ނިޔާވެއްޖެ އެވެ.
އޭނާ ނިޔާވީ ކުއްލިއަކަށް ހަރަކާތް ހުއްޓިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށެވެ. އެންމެ ފަހު ވަގުތު ވެސް ހޭދަކުރެއްވީ ދަރިވަރުންނާ އެކު ސްކޫލުގެ ހިދުމަތުގަ އެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ އަހުމަދިއްޔާގައި ކިޔެވި ދުވަސްވަރުން ފެށިގެން އަދި އޭގެ ފަހުން ވަޒީފާއަށް ގުޅުނު ހިސާބުން ވެސް ޝާކިރަކީ ސްކޫލަށް ގިނަ ކަންތައްތައް ކޮށްދިން މުވައްޒަފެއް ކަމަށެވެ. ވަޒީފާއަށް ވުރެން ބޮޑަށް ހިދުމަތުގައި އޭނާ ދެމިހުންނެވީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެންނެވެ.
ދަރިވަރެއްގެ ގޮތުގައި އުޅުނުއިރު ސްކޫލުގައި ކުރަންޖެހޭ މަސައްކަތްތަކުން ފެށިގެން އިތުރު ހަރަކާތްތަކުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރި އެއް ދަރިވަރަކީ ޝާކިރު، 46، ކަމަށް ރަޝީދު ވިދާޅުވި އެވެ.
އަހުމަދިއްޔާގައި 25 އަހަރު ހިދުމަތްކުރައްވައި ނިޔާވިއިރު ޝާކިރު ހުންނެވީ ޑެޕިއުޓީ ޑިރެކްޓަރަކަށެވެ. އޯ ލެވެލް އަދި އޭ ލެވެލްގެ އިމްތިހާނަށް ސްކޫލުން ކުރަންޖެހޭ އިދާރީ ކަންކަމާއި ބިދޭސީ މުވައްޒަފުންގެ ވިސާ ބެލެހެއްޓެވުމަކީ ޝާކިރުގެ ޒިންމާއެކެވެ.
ޝާކިރު، އަހުމަދިއްޔާގެ ދަރިވަރުންނާއެކު އެންމެ ފަހުން ކުރެއްވި ދަތުރުގައި، ލ. އަތޮޅުގައި.-- ފޮޓޯ: އަހުމަދިއްޔާ ސްކޫލު
އެ މަސްއޫލިއްޔަތުގެ އިތުރަށް، އޭނާއަށް އެންމެ ފަހުން އަދާކުރެވުނީ ޝާކިރުގެ އުފަން އަތޮޅު، ލ. އަތޮޅަށް ދަރިވަރުންނާއެކު މިދިޔަ ހޮނިހިރު ދުވަހު ކުރި ދަތުރެވެ. އޭ ލެވެލްގެ ދަރިވަރުންނާ އެކު ފީލްޑް ޓްރިޕަަށް ކުރި ދަތުރު ނިންމާލުމަށްފަހު މާލެ އައީ ރޭ 8:30 ހާއިރެވެ.
އެ ދަތުރަށް ފަހު ވެސް ވަރަށް ހިތްހަމަޖެހިގެން ވާހަކަ ދެއްކި ކަމަށް ރަޝީދު ވިދާޅުވި އެވެ.
"ޓީޗަރުންގެ ޓީމުގައި ޝާކިރު ހިމެނީ އެ އަތޮޅު ބޭފުޅަކަށް ވެފައި ކަންކަން ހަމަޖެއްސުމަށް ފަސޭހަވެދާނެތީ. އެއާޕޯޓަށް ޖެއްސިތަނާ ފުރަތަމަ ވެސް އަޅުގަނޑަށް ގުޅާފައި ބުނެފި މިހާރު މި އާދެވުނީއޭ، ހުރިހާ ކުދިންގެ ހާލު ރަނގަޅޭ. ދެން ބުނިން އެ ކުދިން ގެއަށް ފޮނުވާލާށޭ....އޭގެ ފަހުން، 12 ޖަހާކަށްހާއިރު އަނެއްކާ ވެސް ޝާކިރަށް އަޅުގަނޑު ގުޅިން ދަތުރުގެ ކަންކަމުގެ ބައެއް މައުލޫމާތުތައް ހޯދަން. ވަރަށް ރަނގަޅަށް ވާހަކަ ވެސް ދެއްކި. އޭރު ވެސް ނުބުނެ އެއްވެސް އުނދަގުލެއް ހުންނަ ވާހަކައެއް." ރަޝީދު ވިދާޅުވި އެވެ.
ޝާކިރުގެ ހަރަކާތްތައް ހުއްޓިގެން ހޮސްޕިޓަލަށް ގެންދިޔައީ 3:30-4:00 ހާއިރެވެ. ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލަދީ، ސްކޫލުން ބުންޏެވެ.
ޝާކިރު، އަހުމަދިއްޔާ ސްކޫލުގައި ދަރިވަރަކާ އެކު: އޭނާގެ އެންމެ ފަހު ވަގުތު ވެސް ހޭދަކުރެއްވީ ސްކޫލަށް ހިދުމަތް ކޮށްދެއްވުމުގައި.
އަހުމަދިއްޔާ ސްކޫލަށް އަގު ނުކުރެވޭ ފަދަ ޚިދުމަތްތަކެއް ޝާކިރު ވަނީ ކޮށްދެއްވައިފަ އެވެ. އެހެންވެ ރަޝީދު ސިފަކުރެއްވި ގޮތުގައި އެއީ އެ ސްކޫލުގެ މުހިއްމު "އެއް ތަނބެވެ".
އެތައް އަހަރެއް ވަންދެން ކޮށްދެއްވި ހިދުމަތަށްފަހު ޝާކިރު ނެތްތަން ފޫބައްދަން އުނދަގޫވާނެ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.
"މަސައްކަތަށް ވަރަށް ފަރުވާތެރި، ގަޑިއަށް ފަރުވާތެރި މުވައްޒަފެއް. އަހުމަދިއްޔާއޭ ބުނެފިއްޔާ އެންމެ ކުރީގައި ހުންނާނީ ޝާކިރު. އަހުމަދިއްޔާއަށް ގެއްލުނު، ތަނބެއް ފަދަ މުވައްޒަފެއް އެއީ." ރަޝީދު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓު މެމްބަރުކަން ވެސް ކުރެއްވި ޝާކިރުގެ ޖަނާޒާ އޮންނާނީ މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ. އޭނާ ނިޔާވިއިރު އަނބިކަނބަލަކާއި ހަތަރު ބޭފުޅުން ތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރުމޯލުރާޖާ
25 May 2023
إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ. ޝާކިރް އަކީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ ޚުލްޤްހެޔޮބޭފުޅެއް. މާތްٱللَّٰه ޝާކިރުގެ ފުރާނަޔަށް ރަޙްމަތްލައްވާ ސުވަރުގެމިންވަރުކުރައްވާށި. އާމީން
ހެޔޮދުޢާ
24 May 2023
ހިތްހެޔޮ ޚިދުމަތްތެރިއެއް ޝާކިރަކީ. ޝާކިރާއެކު އަހްމަދިއްޔާގައި ކިޔެވިއިރުވެސް ސްކޫލުގެ ދަރިވަރެކޭ ނުވަތަ ސްކޫލުގެ ސްޓާފެކޭ ބުނާކަށް ނޭނގޭނެ އެއްވެސް މީހަކަށް. އެހާވަރަށް އޭރުވެސް ސްކޫލަށް ޤުރުބާންވީ ބޭފުޅެއް ޝާކިރަކީ. ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުުމަތް މިންވަރު ކުރައްވާށި. އާމީން
ހާސަރު
24 May 2023
انا لله وانا اليه راجعون . އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.
100 ސަތޭކަ
24 May 2023
ޝާކިރަކީ ވަރަށް ހިންގުންތެރި ހީވާގި ބޭކަލެއް... ޝާކިރުގެ ފުރާނަޔަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށި! އާމީން
ބައިރަހާ
24 May 2023
ޝާކިރުގެ ފުރާނަޔަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށި! އާމީން
މުރާސިލް
24 May 2023
މަރުޙޫމް ޝާކިރު ސާރގެ ފަފަ ފުއްސަވާ ސާރއަށް މާތްﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.