ސަރުކާރުން އުޅެނީ ޝިދާތާ ފްރޭމް ކުރަން، އެކަން ކުށްވެރިކުރަން: އިއްތިހާދު

އިދިކޮޅު އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝިދާތާ ޝަރީފްގެ ޕާސްޕާޓޯ ހިފެހެއްޓީ އޭނާ ފްރޭމް ކުރުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު އިއްތިހާދުން މިރޭ ބުނެފި އެވެ.


އިއްތިހާދުން ނެރުނު ބަޔާނެއްގައި ބުނީ ޝިދާތާގެ ޕާސްޕޯޓު ހިފަހައްޓައި، އޭނާގެ މައްޗަށް ދައުވާ ކުރަން ތައްޔާރުވަމުން އަންނާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ޝިދާތާއަކީ އިއްތިހާދުގެ ހަރަކާތްތަކުގައި މުހިންމު ބައިވެރިއެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ގޮތުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިންސާނީ ހައްގުތަކާއި ސިއްހީ ދާއިރާ އިން ވެފައިވާ އިހުމާލުތައް ރައްޔިތުންނަށް ހާމަ ކުރެއްވުމަށް ޝިދާތާ ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށް އިދިކޮޅު އިއްތިހާދުން ނެރުނު ބަޔާނުގައިވެ އެވެ.

އިއްތިހާދުން ވަނީ ޝަރުއީ ދާއިރާ ބޭނުންކޮށްގެން އިދިކޮޅު ފަރާތްތައް ފްރޭމް ކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ބުނެ އެ މަސައްކަތްތަކާ ދެކޮޅަށް ރާއްޖޭގެ މުއައްސަސާތަކާއި ބޭރުގެ އެކި ފަރާތްތަކުން މަސައްކަތް ކޮށްދިނުމަށް ގޮވާލައިފަ އެވެ.

ޝިދާތާ ވިދާޅުވި ގޮތުގައި އެއާޕޯޓުން މިއަދު އޭނާ ހިފެހެއްޓީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އަމިއްލަ ދަތުރެއްގައި އިންޑިއާ އާއި ސްރީލަންކާ އަށް ވަޑައިގަތުމަށް ފަހު، މިއަދު ހެނދުނު އެނބުރި މާލެ ވަޑައިގަތް ތަނުންނެވެ.

އިދިކޮޅު އިިއްތިހާދުގެ ހިޔަނި ކެބިނެޓުގެ ހެލްތު މިނިސްޓަރުކަން ވެސް ކުރައްވާ ޝިދާތާ ވަނީ މީގެ ކުރިން ފުލުހަށް ހާޒިރުކޮށް، ފޯނު އަތުލައިފަ އެވެ. އެއީ މުޒާހަރާތަކާއި އެއްވުންތަކުން ހައްޔަރުކުރާ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް އެހީ ދޭން އެ އިއްތިހާދުން އުފެއްދި ފަންޑާ ގުޅޭ މައްސަލައެއްގަ އެވެ.