"މިހާރު"ގެ އިނގިރޭސި އެޑިޝަން ލޯންޗުކޮށްފި

"މިހާރު" ނޫހުގެ ވެބްސައިޓްގައި އިނގިރޭސި އެޑިޝަން ފަރުމާކޮށް މިއަދުން ފެށިގެން، އިނގިރޭސި ޚަބަރުތަކާއި ރިޕޯޓްތައް ގެނެސްދޭން ފަށައިފި އެވެ. އިނގިރޭސި އެޑިޝަންގެ އެޑްރެހަކީ http://en.mihaaru.com/ އެވެ.


"މިހާރު" ނޫސް އޭގެ ވެބްސައިޓާ އެކު އިފްތިތާހް ކުރީ ހުސްވި މެއި މަހުގެ 24 ވަނަ ދުވަހުގެ ރެ އެވެ. އޭގެ ފަހުން "މިހާރު" ނޫހުގެ ޗާޕު ކޮންމެ ހަފުތާއެއްގެ ފަސް ދުވަހު ނުކުންނަމުންދެ އެވެ. އަދި ވެބްސައިޓް ކޮންމެ ދުވަހަކު 24 ގަޑިއިރު އާ ޚަބަރުތަކާއި ރިޕޯޓްތަކާ އެކު ތާޒާވަމުންދެ އެވެ.

މި ނޫހުގައި މަސައްކަތް ކުރަނީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށް ތަޖުރިބާ ލިބިފައިވާ ގާބިލު ނޫސްވެރިންތަކެކެވެ. އޭގެ ތެރޭގައި ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމު ހޯދާފައިވާ ނޫސްވެރިންނާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އެވޯޑް ހާސިލުކޮށްފައިވާ ކުޅަދާނަ ނޫސްވެރިން ހިމެނެ އެވެ.