ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް: އިލްޔާސްގެ ގަރާރުގައިވާ ގޮތަށް އޮކްޓޯބަރު 30 ގައި ނިޒާމީ ވޯޓު ނެގުމަށް އެމްޑީޕީގެ އިއުތިރާޒެއް ނެތް ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: މަޖިލިސް
20 ސެޕްޓެމްބަރ 2023 - 12:41
އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު، ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އިއުތިރާޒެއް ނެތް ކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ނިޒާމީ ވޯޓު ނެގުމަށް ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރަށް މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން، ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒް ވިދާޅުވީ، ފެހި ގާނޫނުއަސާސީ އެކުލަވާލެވުނު ފަހުން މިހާތަނަށް ބޭއްވި ކޮންމެ އިންތިހާބެއްގައި ވެސް ރައްޔިތުން އިންތިހާބު ކޮށްފައިވަނީ ގިނަ ބަޔަކު ބައިވެރިވެގެން އުފައްދާ ސަރުކާރަކަށް ކަމަށެވެ.
އޭނާ ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ހާމަވީ އެކަން ކަމަށާއި ރިޔާސީ ނިޒާމެއްގައި މިގޮތަށް ވޯޓު ދެނީ ނިޒާމުގެ ސަބަބުންތޯ ރައްޔިތުން ކައިރީގައި އެހުމަށް ދެކޮޅު ނުހައްދަވާ ކަމަށެވެ.
"އެއީ ވެރިކަމުގެ ނިޒާމުގެ ސަބަބުންތޯ ބެލުމަށް އަޅުގަނޑުމެން ދެކޮޅެއް ނުހަދަން. އެހެންވީމާ މި ގަރާރުގައި މި ބުނާ ހިޔާލު ހޯދުމުގެ ވޯޓެއް ހުށަހެޅުމާ ރައްޔިތުންނާ ހަމައަށް ދިއުމާ ދޭތެރޭގައި އަޅުގަނޑުމެންގެ އިއުތިރާޒެއް ނެތް. އަޅުގަނޑުމެން އެއަށް ތާއީދުކުރަން،" އަލީ ނިޔާޒް ވިދާޅުވި އެވެ.
ހިޔާލު ހޯދުމުގެ ނިޒާމީ ވޯޓު ނަގާނެ ވަގުތަކަށް ވިސްނާއިރު، ޑިމޮކްރެޓްސްއިން ހުށަހަޅާ ގޮތަށް މި މަހުގެ 28 ގައި އެކަން ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ގަރާރުގައިވާ ގޮތަށް އޮކްޓޯބަރު 30 ނެގިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މިއޮތް ތާރީޙުގައި އެކަން ކުރެވިދާނެ. އެކަން ކުރަނީ ރައްޔިތުންގެ މަޖިލީހަކުން ނޫން، އެކަން ކުރަނީ ސަރުކާރަކުން ވެސް ނޫން. ގާނޫނުއަސާސީގައި އެބަހުރި މުއައްސަސާއެއް ކަނޑައަޅާފައި، އެ ފަރާތުން ދައްކާ ވާހަކައަށް ބަލާއިރު 30 އޮކްޓޯބަރުގައި އެކަން ކުރުމަކީ ކުރެވިދާނެ ކަމެއް،" ޑިމޮކްރެޓްސްއާއެކު ކުރެވުނު މަޝްވަރާތަކުގައި ވެސް މިއަދު ބައިވެރިވެ ވަޑައިގަތް އަލީ ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވަނީ އެމްޑީޕީގެ އެހެން މެންބަރުން ވެސް ގަރާރަށް ތާއީދު ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.
އިލްޔާސްގެ ގަރާރުގައި އޮކްޓޯބަރު 30 ގައި ވޯޓު ނަގަން އޮތް ނަމަވެސް، އޭނާ ނިސްބަތްވާ ޑިމޮކްރެޓްސް އިން ފާސްކޮށްފައިވަނީ މި މަހުގެ 28 ގައި އެ ވޯޓު ނެގުމަށް ހުށަހެޅުމަށެވެ. އެނގިފައިވާ ގޮތުގައި ގަރާރުގައިވާ ތާރީހު ބަދަލުކުރުމަށް ކޮމިޓީގެ ކުރިން މިއަދު ކުރިއަށް ދިޔަ ޕާޓީތަކުގެ މަޝްވަރާގައި އެ ޕާޓީން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ވެސް ބުނެފައިވާ ގޮތުގައި މި މަހު ވޯޓު ނެގުުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އިންތިހާބުގެ ކުރިން ރައްޔިތުން ހޭލުންތެރިކުރުމަށް އެއް މަސް ދުވަސް ބޭނުންވާނެ ކަމަށް އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
20 September 2023
ރައްޔިތުންގެ އަނގަމަތީ މަލަންއަޅުވައިގެންތިބެ ކުރި 30 އަހަރުގެވެރިކަން ބަދަލުކޮށް، މަލްޓިޕާޓީ ޑެމޮކްރެޓިކް ނިޒާމް ގެނައުމުގެސަބަބުން ލިބުނުކުރިއެރުން ދިވެހިން ތަޖުރިބާކޮށްފި. # ދެންއޮތީ ޤަދީމީޒަމާނުން ފެށިގެން މުޤައްދަސްރަށްކޮޅަށް ބާރުޖަމާކޮށްގެންތިބެ ކުރަމުންމިގެންދާ ރަސްކަމެއްފަދަ "ރިޔާސީ ނިޒާމް ބަދަލުކޮށް" އެއްރަށްދައުލަތް ސިޔާސަތު ކަފުންކުރުމަށްޓަކާ، ތަހުޒީބުދައުލަތްތައް ހިންގާފަދަ "ޕާލަމެންޓަރީ ސިސްޓަމަށް" މިދައުލަތް ހިންގުމަށް ބާރުއެޅުން.
ޞޮރު
20 September 2023
ބޭބޭފުޅަށް އިންތިހާބުގައި ރައްޔިތުން ނޫނެކޭ ބުނީމާ ތިއުޅުއްވަނީ މިހާރު ނިޒާމު ބަދަލުކުރަންތޯ؟ ވޯޓަށް 50 މިލިއަން ބައިތުލްމާލުން އިސްރާފުނުކުރައްވާ ވެރިކަން ރަސްކަމަކަށް ބަދަލުކުރައްވަވާ ތިއާއިލާގެ ރަސްކަމެއް ގާއިމްކުރައްވަން އުޅުއްވުން ރަނގަޅުވާނެ ނޫންތޯ؟
ފަރުވާވީ
20 September 2023
ނުވާނެ ތިކަމެއް އިންޝާﷲ. ރައްޔިތުންގެ 60 އިންސައްތައިން ޑރ މުޢިއްޒު އަންނަ ފަސްއަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ހޮވީމާ ދެން ތިޔަ ސަކަރާތް ނުޖައްސަވާށެވެ. އެމްޑީީއަށް މެޖޯރިޓީ ވޯޓް ލިބިއްޖިއްޔާ ތިޔަކަން ކުރުމުގައި ފަރުވާލެއްނެތެވެ. މިހާރު އިހަށް ތިޔަވާހަކަ ނުދައްކަމާ ހިނގާށެވެ.
ސޯބު
20 September 2023
މިއުޅެނީ ނިޒާމުގެ މައްސަލައެއް ނޫނޭ. އިހުލާސްތެރިކަމެއް ނެތް މަޖިލީހުގެ މެމްބަރުންގެ މައްސަލަ. ދާއިރާއިން ހޮވާ މެމްބަރު ހޮވުމަށްފަހު ދާއިރާގެ އެއްމެން ފަހަތުން ދުވެ އާދޭސް ކުރިއަސް ތާއީދުކުރަނީ އަމިއްލަ އަށް ފެންނަ ގޮތަކަށް ނޫނީ ޕާރޓީ ލީޑަރު ބުނާގޮތަކަށް. ގިނަފަހަރަށް މެމްބަރު ރައްޔިތުނަށް ކޮމާންޑުކުރަނީ ވަކި ގިތަކަށް ތާޢީދު ކުރަން.
މަހޭން
20 September 2023
މޮޔަ ނުގޮވާ. މީހުންގެ އިހްލާސް ތެރިކަމުން ކަންކަން ކުރައްވާނެ ކަމަށް ބަލަންޏާ ކީކުރަން އޮންނަ ގާނުނު އަސާސީއެއް. އެއްވެސް ގާނުނެއް ނަހަދާވެސް ތިކަން ކުރެވިދާނެ ނޫންތޯ. ގާނީ ގޮތުން ނިޒާމެއް ކަނޑައެޅުމުގެ ބޭނުމަކީވެސް ކުރެވޭނެ ކަންކަމާ ނުކުރެވޭނެ ކަންކަން ތަރުތީބު ކުރުން. އެހެން ރަގަޅު މީހަކު އްންނާނެތޯ ނާންނާތޯ ބަލާން ނޫޅެވޭނެ
ޖުލައި2021
20 September 2023
ރައްޔިތުން ވިސްނަންޖެހޭ ކަމެއް. އެމްޑީޕީއިން މިއުޅެނީ ނިޒާމް ގަޑުބަޑުކުރަން، މީގެ މާނައަކީ އެމްޑީޕީ ސަރުކާރެއް ހޮވައިފިއްޔާ ރިޔާސީ ނިޒާމު ދުއްވާލާ ނަޝީދު ބޮޑުވަޒީރުކަމަށް ގަންނާނޭ. އެހެންވީމަ ހުރިހާރައްޔިތުން މިކަމަށް ވަރަށް ވިސްނާތި މިމަހު 30ގެ ރިޔާސީ ވޯޓުގަ . ބޮޑުވަޒީރު ގެންނަން ނޫނެކޭ ބުނާތި
އ އަހްމަދު
20 September 2023
ރައްޔިތުން އެއޮތީ ރާއްޖޭގައޮށްނަައްބޭނުންވަނީ ރިޔާސީނިޒާމެއްކަމައްނިންމާފަ ދެންރައްޔިތުންގެޓެކަސް ފައިސާއިން އެތައްމިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ތިވޯޓްނެގުމައްވުރެ ތިޔަލާރިން ތަރައްގީގެ މަސްރޫއެއް ހިންގުންމާމުހިންމު
ހަފީގަ
20 September 2023
ޑިމޮކްރެޓްސް ވޯޓްކޮޅު ހޯދަން ރައްޔިތުންގެ މަޖިލިހުން 40 މިލިއަން ރުފިޔާ ހަރަދުކުރުން ބަލައެއް ނުގަނެވޭ، އަމިއްލަ ފައިދާ އަށް ޓެކްސް ފައިސާ ހަރަދުކުރުމަކީ، ޖަވާބުދާރީވާން ޖެހޭކަމެއް،
އައިދާ
20 September 2023
އަރަބި އިސްލާމީ ގައުމުތަށް ވެރިކަންކުރާ ގޮތަށް ރަސްކަމަށް ބަދަލުކޮށްލާ މި ރާއްޖޭގައި އިންތިޚާބުތަށް ގިނަވެ ބޮލަށް ނުކުޅަދާނަ ބޮޑު ޚަރަދެއް، މުޖުތަމައު ފަސާދަވެ އަދަބު އަޚްލާގެއް ނެތި ސިޔާސީ މީހުން ވައްކަން ކުރުން އިންތިހާއަށް އެބައޮތް އިދިކޮޅެއް އެއްކޮޅެއް ކިޔާނެ ކަމެއްނެތް ގައުމު ހަފުސްވަނީ
ހިސްޓަރީމިސް
20 September 2023
ދުނިޔޭގެ ބަރުލަމާނީ ޤާއިމުކޮށްފައިވާ ޤައުމުތަކަކީ ރަސްކަން އޮންނަ ތަންތަން ނޫނީ އިނގިރޭސިން އަޅުވެތިކުރި ޤައުމުތައް. އަސްލު ބަރުލަމާނީ ގައި ރައީސެއް ނުހުންނާނެ. ދަޢުލަތުގެ ވެރިމީހާ އަކީ މޮނާރޗެއް. ރައީސް އަކީ 18 ވަނަ ޤަރުނު ގައި އެމެރިކާ އުފެދުނުއިރު ރިޔާސީ ނިޒާމާއިއެކު އުފަންވި އެއްޗެއް. 18 ވަނަ ޤަރުނުގެ ފަހުކޮޅުގައި، އިނގިރޭސި ކްލޯނިއަލް ޤައުމުގައި އަލުން ރަސްކަން ވުޖޫދު ނުކުރުމަށްޓަކައި ރައީސް އަކު ހުންނަ ބަރުލަމާނީ މަސްހުނި ނިޒާމު އުފަންވީ.
ކުޑޫ01
20 September 2023
މިއީ ދެން ވަރަަށް ދެރަވަރުގެ ކަމެއް - މިއުޅޭ އެމްޕީންނޭ ކިޔާ ބައިގަަނޑު އެއްގޮތަކަށް ޤައުމު އިސްކުރުމެއް ނެތް - ކޮންމެ މީހަކުވެސް އޭނާގެ އަމިއްލަ އެޖެންޑާުޔާގެން އުޅޭނީ - އެއްބަޔަކު މުޅި ދައުލަތުގެ ބިންތަަން މީހުންނަށް ބަހަނީ - އަނެއްބަޔަކު މުޅި ދައުލަތުގެ ހަޒާނާ ހުސްކޮށް ދެކޮޅު ނުޖެހޭ ވައުދުވަނީ -- ވަރަށް ވަރަށް ދެރަ