ތިމާވެށްޓާ ބެހޭ ވަޒީރު ތޯރިގް (ކ) އާއި އެން-ރޭންޖުގެ މެނޭޖިން ޑިރެކްޓަރު ނާޒިޔާ ޗެލެންޖް ރަސްމީކޮށް އިފްތިތާހުކޮށްދެއްވަނީ. --ފޮޓޯ: އެން-ރޭންޖް
15 ފެބުރުއަރީ 2017 - 22:55
ޗެލެންޖަކީ މިއީ އެވެ؛ ތިޔަ ކުންފުނީގެ މުއައްޒަފުން ވެގެން މާލޭގެ ކޮންމެވެސް މަގެއް ކުނި ކަހައި ސާފުކުރަންވީ އެވެ. އެކަން ފުރިހަމަކުރުމަށް ފަހު އެހެން ކުންފުންޏަކަށް އެ ޗެލެންޖް ދޭންވީ އެވެ. ވާނެ ހެއްޔެވެ؟
މިއީ އިވެންޓް މެނޭޖްމަންޓުގެ ތެރެއަށް މުޅިން އަލަށް ވަން އެން-ރޭންޖް އިން ފަށާ ބޮޑު ހަރަކާތެކެވެ. އެއް އަހަރަށް ދިގު ދެމިގެންދާ، މާލެ ސާފުކުރުމުގެ މި އިވެންޓް ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްދެއްވީ ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމާއި އެން-ރޭންޖުގެ މެނޭޖިން ޑިރެކްޓަރު ނާޒިޔާ މުހައްމަދު (ނާނު) އެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާ ގުޅިގެން އެން-ރޭންޖުން މިރޭ ފެށި ޕްރޮގްރާމުގައި ފުރަތަމަ ޗެލެންޖް ދިނީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށެވެ. އެ ކުންފުންޏަށް އޮތް ޗެލެންޖަކީ އަންނަ ހޮނިހިރު ދުވަހު މާލޭގެ ކޮންމެވެސް މަގެއް ސާފުކުރުމެވެ.
"މި ހަރަކާތުގައި އޮންނާނީ ކޮންމެ ހޮނިހިރު ދުވަހެއްގައި ކަނޑައެޅޭ ވަކި މަގެއް ސާފުކުރުން. އެގޮތުން އެންމެ ފުރަތަމަ އެކަން އަޅުގަނޑުމެން ހަވާލުކުރީ އެމްޕީއެލްއާ. އެ ކުންފުނިން އެ މަސައްކަތް ނިންމުމަށް ފަހު އަނެއް ހަފުތާގެ ހޮނިހިރު ދުވަހު ކޮންމެވެސް އެހެން މަގެއް ސާފުކުރަން އެހެން ކުންފުންޏަކަށް ޗެލެންޖް ދޭން ޖެހޭނީ،" އެން-ރޭންޖުގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ޝަމާ ޝާކިރު (އާނު) ވިދާޅުވި އެވެ.
އެން-ރޭންޖުގެ އަމާޒަކީ އެއް އަހަރުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ނިމޭއިރު މާލެ އަކީ ސާފުތަނަކަށް ހަދައި އަދި ކުނި އުކުމާއި ކުނި މެނޭޖްކުރުމުގެ ހޭލުންތެރިކަން އިތުރުކުރުމެވެ. މިކަމަށް އެންމެ ބޮޑު ހިތްވަރެއް ދެނީ ކުނި މެނޭޖްކުރާ ކޯޕަރޭޝަން ވެމްކޯ އެވެ.
"މި އިވެންޓަށް އަޅުގަނޑުމެން ވަރަށް ބޮޑަށް މަރުހަބާ ކިޔަން. މިކަމަށް އަޅުގަނޑުމެން އެއްބާރުލުމާއި އެހީތެރިކަން ދޭނަން،" ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު ވިދާޅުވި އެވެ.
އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވާހަކަދައްކަވަނީ. --ފޮޓޯ: އެން-ރޭންޖް
އޭނާ ވިދާޅުވީ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ސަރުކާރުން އަންނަނީ ވަރަށް ބޮޑު އިންވެސްޓެއް ކުރަމުން ކަމަށާއި މިކަމަށް ބޭނުންވާ ވެހިކަލް ގެނެސް އަދި މުވައްޒަފުން ތަމްރީންކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން އެން-ރޭންޖުން މިފަދަ މަސައްކަތެއް މި ފެށީ ވަރަށް މުނާސަބު ވަގުތެއްގައިކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިއީ ވަރަށް ކާމިޔާބު މަސައްކަތަކަށް ވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން. މިގޮތަށް ޗެލެންޖެއްގެ ގޮތުގައި މިކަން ކުރާތީ މިއީ ހޭލުންތެރިކަން އިތުރުކުރަން ވެސް ލިބޭނެ ފަސޭހައަކަށް ވެގެންދާނެ. މިހާރު މިކަހަލަ ކަންކަމުގައި ފަރުދީ ޒިންމާ ނެގުމެއް ނޯވޭ. އެހެންކަމުން ފަރުދީ ޒިންމާ ނެގުމަށް އާއްމުންނަށް މިކަމުން މެސެޖް ފޯރުކޮށްދެވޭނެ ކަމަށް އުއްމީދުކުރަނީ،" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ އެހެން ބައެއް ގައުމުތައް ވެސް ރީތި ތަނެއްގެ ގޮތުގައި އޮންނަނީ މަސައްކަތްތަކެއްކޮށްގެން ކަމަށާއި މާލެ ފަދަ ކުޑަކުޑަ ތަނެއް މާ ކުޑަ މަސައްކަތުން ރީތި ތަނެއްގެ ގޮތުގައި ބޭއްވޭނެ ކަމަށެވެ.
ޝަރަފްވެރި މެހެމާން ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް ވިދާޅުވީ މިއީ ހަމަ ހަގީގަތުގައި ވެސް ބޮޑު ޗެލެންޖެއް ކަމަށާއި މި މަސައްކަތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވޭނީ ބުރަ މަސައްކަތެއް ކޮށްގެން ކަމަށެވެެ.
"ހަފުތާއަކު އެއް ފަހަރު ސާފުކުރުމުގެ ޗެލެންޖް އަހަރެއް ވަންދެއް ކުރިއަށް ގެންދިއުމަކީ ވެސް ބޮޑު ޗެލެންޖެއް. އަދި ކޮންމެ ކުންފުންޏަކުން ހަފުތާއަކު އެއް ފަހަރު މިކަން ކުރުމަކީ ވެސް އެ ކުންފުންޏަކަށް ޗެލެންޖެއް. މި މަސައްކަތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވޭނީ ވަރަށް ބޮޑަށް މިކަމަށް ވިލް އެއް އޮވެގެން. ވަރަށް އޯގަނައިޒްކޮށް ވަރަށް ފޯކަސްކޮށްގެން މި މަސައްކަތްކުރަން ޖެހޭނީ. މިފަދަ މާތް ނިޔަތެއްގައި ކުރިއަށްގެންދާ މި މަސައްކަތަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ތަރުހީބުދީ އެހީތެރިވާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މާލެ ސާފުކުރުމުގެ ޕްރޮގްރާމްތައް ބައެއް އޮފީސްތަކާއި ކުންފުނިތަކުން ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދެ އެވެ. އެކަމަކު މިއީ ސިލްސިލާ ގޮތެއްގައި، ގިނަ ކުންފުނިތަކެއް ބައިވެރިކޮށްގެން އަމިއްލަ ފަރާތަކުން ރާއްޖޭގައި ފަށާ މިފަދަ އެންމެ ބޮޑު ޕްރޮގްރާމެވެ. އެން-ރޭންޖް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ފެށި މި ޕްރޮގްރާމުގެ ތެރެއިން، ވާދަވެރި ރޫހެއްގައި މާލެ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގޮސް މާލެ އަކީ ސާފުތާހިރު ތަނަކަށް ވުމަކީ އެ ކުންފުނީގެ ބޮޑު އަމާޒެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑާޑާޑާޑާ
17 February 2017
އަހަރުމެންގެ ޓެކްސްލާރި ކޮންތާކަަށް ދަނީ؟
ދޮޅިދާން
16 February 2017
މަސްވެރިން ގެ ޕާކުގައި ރާޒުވާ ކުޅޭމީހުނަށް ކޮން ކަމެއް ވާނީ
މަރީ
16 February 2017
މީގެ ޕްރޮގްރާމެއް އެންމެ ފުރަތަމަ ހިންގީ ސަމަރސެޓް ހޮޓެލް އިން މިދިޔަ އަހަރު. އޭގައި ވަނީ އެންމެ ގިނަ ކުނި އެއްކުރި ޓީމް ތަކަށް އަގުބޮޑު އިނާމް ދީފައި. ތިހެން ޗެލެންޖް ކުރީމާ ސާފުކުރާނީ އަބަދު އެއް މަދު ދޯ؟
ގުޅަ
16 February 2017
ފިރުއައުނު ޒަމާނުގަ އަޅު މަސައްކަތް ކުރަން މީސްމީހުން ގެ ނުރުހުމުގަ ގަދަކަމުން ގެންދިޔަކަން އެގޭތޯ. ޢަދި ރޯމަން އެމްޕެރާގެ ޒަމާން ވެސް ދިޔައީ މިއުސޫލުން
ބޭބެ
16 February 2017
ސަޅި ކަމެއް ... ގިއްކިޔާފަ އެއްޗެހި އަގުބޮޑުކޮއްފަ. ޓެކްސް ގިނަކޮއްފަ އަދި އޭގެ އިތުރުން މޮޅެތި ޗެލެންޖް ކޮއްގެން ލިބޭ ހުސްވަގުތުކޮޅު މާލޭގެ މަގުތަށް ސާފުކުރަން.
ހެހެހެ
16 February 2017
މިފެންނަނީ މާލެ ސަަާފު ކޮށް ބެލެހެއްޓުމުގައި ސަރުކާރު ފެއިލްވެފައިވާ މަންޒަރު! ތިޔަ ގޮތަށް ރައީސް އޮފީސް ހިންގަންވެސް ކުންފުނިތަކަށް ޗެލެންޖެއްގެ ގޮތުގައި ހަވާލު ކުރޭ ދެން!
ރޯނުއެދުރު
15 February 2017
ސަޅިކަމެއް