ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި.-- ފޮޓޯ: ރައީސް އޮފީސް
24 ފެބުރުއަރީ 2024 - 17:08
ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ރައްޔިތުންގެ މަޖިލީހުން ހުރަސްއަޅައި އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރުވަމުން ދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތުހުމަތުކުރައްވައިފި އެވެ.
ރައީސް ބޮޑުތިލަދުއްމައްޗަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ހއ. ހޯރަފުއްޓަށް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ މި ސަރުކާރުން ކަނޑައެޅި ފުރަތަމަ 100 ދުވަހުގެ އެކްޝަން ޕްލޭން "ހަފުތާ14"ގެ ތެރެއިން އިގުތިސާދީ ދާއިރާ ކުރިއެރުވުމަށް ވަރަށް ގިނަ އަދި މުހިންމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މާދަމާ އަށް 100 ދުވަސް ހަމަވާނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން ބޭނުންވަނީ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ކުރިމަތި ނުވެ، ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށް ގެންދެވޭނެ މަގު ފަހިވުމެވެ. ރާއްޖޭގެ ގާނޫނުއަސާސީ ބައްޓަންވެފައި އޮތް ގޮތުން އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.
"ސަރުކާރަކުން ކިތައްމެ ބޮޑު މަޝްރޫއެއް ހިންގަން ބޭނުންވިޔަސް، ގާނޫނެއް ހަދައިގެން ވެސް، ގާނޫނަކަށް ބަދަލެއް ގެނެސްގެން ވިޔަސް، އަދި އެ ނޫން ގޮތަކުން ވިޔަސް ރައްޔިތުންގެ މަޖިލީހަށް ހުއްޓުވޭނެ. އަދި ބަދަލުތައް ވެސް ގެނެވޭނެ. ހުރަސްތައް ވެސް ކުރިމަތިކުރުވޭނެ. މީގެ ކުރިން ވެސް އެކަން އެހެން ހިނގާފައި އެބަހުރި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"މިހާރު މި ދިޔަ ތިންމަސް ތެރޭގައި ވެސް ފެނިވަޑައިގަންނަވާނެ، އަޅުގަނޑުމެން އެތައް މަސައްކަތެއް، ވެފައި ހުރި ވައުދުތައް ފުއްދުމަށް 14 ހަފުތާއަށް ކަނޑައެޅި ޕްލޭންގެ ތެރެއިން ވެސް، ހަމަ ކުރަމުންކުރަމުން ދަނިކޮށް އެއްވެސް އަސާސެއް ނެތި، ފެނިވަޑައިގެންފައި ހުންނާނީ އެތައް ހުރަސްތަކެއް ސަރުކާރު ހިންގުމަށް [މަޖިލީހުން] ކުރިމަތިކުރުވަމުން ދާތަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުރައްހީމް އަބްދުﷲ، ހއ. ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި.-- ފޮޓޯ: ރައީސް އޮފީސް
އެހެންވެ، ރައްޔިތުންގެ މަޖިލީހަށް ހޮވާ ބޭފުޅުންނަކީ ރައްޔިތުންގެ ހައްގުގައި ސަރުކާރުން ހިންގާ މުހިންމު މަޝްރޫއުތަކަށް އެހީތެރިކަން ދޭ އަދި މަގުފަހިކޮށްދޭ ބަޔަކަށް ހެދުމަކީ ގައުމީ ވިސްނުމެއްގައި ވިޔަސް، ތަރައްގީގެ ވިސްނުމެއްގައި ވިޔަސް، ފަރުދީ ވިސްނުމެއްގައި ވިޔަސް އަދި ރަށު ފެންވަރުގެ ވިސްނުމެއްގައި ވިޔަސް ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އެގޮތަށް ވިދާޅުވީ އަންނަ މަހު 17 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުމަށް އިޝާރާތްކުރައްވަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މިދިޔަ 100 ދުވަހުގެ ތެރޭގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ ރާއްޖޭގެ ދަރަނި އިތުރުވިޔަ ނުދިނުމަށާއި ދަރަނި ދެއްކުމަށާއި އަދި އާމްދަނީ އިތުރުކުރުމަށެވެ. އަދި އިގުތިސާދު ފުޅާކުރުމަށް އެ ހުރިހާ ކަމެއް އެކުއެކީގައި ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޯހިރު
26 February 2024
މި އެމްޑީޕީ މީހުން ނުވިސްނައޭ އަހަރެމެން ރައްޔިތު މީހުންނަކަށް އަމިއްލަ ފައިދާއަށް އަހަރުންނަށް ކޮއްދެއްވާ މަސއްކަތްތަކަށް ހުރަސް އަޅާފަ ކިޔާނެ ކަމެއް ނުކޮއްދެ އޭ
ނާޒިފް
26 February 2024
ރައީސް ޑރ މުއިއްޒުގެ ތަރައްގީއަށް ހުރަސް އަޅައިގެން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ. ރައްޔިތުންނަށް ހިދުމަތް ކޮއްދެއްވުމަށް އައިސް ހުރި ވެރިއެއް އެއީ.
މިދުއަތު
26 February 2024
އެމްޑީޕީ އަކީ ބާރުތަކުގެ ނަހަމަ ފައިދާ ނަގަން އުޅޭ ބައެއް އަބަދުވެސް.
ރާފިއު
26 February 2024
ރައީސް ޑރ މުއިއްޒު ވެރިކަމަށް އައީ ރައްޔިތުންނަށް ކުރިމަތިވެފައިވާ އުނދަގޫ ހާލަތުން ސަލާމަތް ކޮއްދެއްވުމަށް. އެކަމް އެ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ނުލިބެންޔާ ކަންތައް ކޮއްދޭން އުނދަގޫ ވާނެ.
ްއަސްމާ
26 February 2024
އެމްޑީޕީ މީހުންނަކީ ރައްޔިތުންގެ މަންފާއަށް ކުރާ މަސައްކަތްތަކަށް ހުރަސް އަޅަން ލާމަސީލު ނަމޫމާ ދާއްކާ ބައެއް.
އުދުހޭ
26 February 2024
ކޮބާތޯ މަޖިލީހުން ހުރަސްއެޅިމަ ނުކުރެވުނު ކަމަކީ، ބޭރު ބަޔަކަށް 70 ހެކްޓަރު ބިން ވިއްކާލައިފި. 12 ރަށަކާ 17 ރަށެއް ދޭން ތައްޔާރުވަނީ. އެކަން ހުއްޓުވާފާނެތީތޯ ތިވަރަކަށް ތި އުޅުއްވަނީ.
ތެދެއް
25 February 2024
ކުރީސަރުކާރުން ފަށާފައިވާ މަޖިލީހުގެ އެތައް ދާއިރާއެއްގެ އެތައްމަޝްރޫޢެއް ލާރިނެތޭކިޔާފަ އެދާއިރާތަކުގެރައްޔިތުން ބަލައިގަނެ، ކަލޭމެން ލަދުގަންނަންޖެހިދާނެތީވެ މިހާރު ބާރުއޮތީމައި އެކަންކަން ކަލޭމެންހުއްޓީމަ އެމީހުންއަތުގައިއޮތްބާރެއްގެ ބޭނުންއެމީހުންވެސްކުރާނެ. ކުރީގެ ސަރުކާރުން ކުރަންފަށާފައިހުރިކަންތައްތަކަށް ދަތިނުކޮށް އެކަންތައްކުރިއަށް ގެންދަމުން ކަލޭމެންކަންތައް ހުށަހަޅާނަމަ މަގަބޫލުކުރާގޮތުގައި އެމީހުން ހުރަހެއް ނުއަޅާނެ.
ޓިނޭޒް
25 February 2024
ހުސްގޮނޑިއަކާއި ބޮޑުފޮޓޯއެއްދައްކައިގެން ރައްޔިތުންނަށް ހަގީގަތް އޮޅުވާލިބަޔަކު އެމީހުންބޭނުންކަންތައްކުރަން ކޮންމެފަދައެއްޗެކޭވެސް ކިޔާފާނެއެވެ. މަޖިލީސްވެސް ރަނގަޅެއްނޫނެވެ. އެކަމަކު ސަރުކާރުބޭނުންވާހައިގޮތަކަށް ޤާނޫނުބަދަލުކޮށް އެމީހުން ގަންނާނެެގަނޑެއްގަންނުވަން މަޖިލީސް ސަރުކާރަށްދީފިނަމަ، ވާނެގޮތް ވަރަށްސާފެވެ. ކުއްލިއަކަށް މުގުލުގަހިފިތަން މިފެންނަނީ މަޝްހޫރު އަދުރޭ. މަޖިލީހުގެތަޅުމުގައާއި ބޭރުގައި އޭނަގެކުޅިވަރާއި ކަންތައް އޮތީފެނިފަ.
ޕީ އެން ސީ
25 February 2024
ޤައުމު ރަނގަޅަށް ހިންގޭނީ އެއްވިސްނުމެއްގަ އެއްބައިވަންތަކަމާއެކު އެންމެން މަސައްކަތް ކޮށްގެން. ތަފާތު ފިކުރުތަކުން ކުރިމަތިވާނީ މައްސަލަތަކާ ހަމަނުޖެހުން. މިފަހަރު މަޖްލިސް ސަރުކާރަށް ދަތި ނިކޮށް ސަރުކާރާ އެއްކޮށް މަސައްކަތް ކުރާ ބަޔަކަށް ހޯދަދޭނަން އިންޝާﷲ
ފާތިހު މުހައްމަދު
25 February 2024
އަސްލުގަވެސް ރައްޔިތުންގެ ހައްގުގައި ވި އެއްވެސް ކަމެއްނެތް. ސުޕާރ މެޖޯރިޓީއަކުން ވި ކަމެއް ނެތް