ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާލް ސައުދު އަންނަ މަހު ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް "ސައޫދީ ގެޒެޓް" ނޫހުން މިއަދު ބުނެފި އެވެ.
ރަސްގެފާނު ސަލްމާން ރާއްޖެއަށް ވަޑައިގަންނަވަނީ އޭޝިއާގެ ފަސް ގައުމަކަށް ކުރައްވާ ދަތުރުފުޅެއްގައި ކަމަށާއި ރާއްޖޭގެ އިތުރުން އިންޑޮނީޝިއާ، ޖަޕާން، ޗައިނާ އަދި މެލޭޝިއާ އަށް ވެސް ވަޑައިގަންނަވާނެ ކަމަށް، ދަތުރުފުޅާ ބެހޭ މައުލޫމާތު އެނގި ހުރި ފަރާތަކާ ހަވާލާދީ ނޫހުގައި ބުނެފައިވެ އެވެ.
މި ދަތުރުފުޅުގައި ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ޑެޕިއުޓީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ދަތުރުފުޅު ހަމަޖެހިފައިވާ ތާރީޚެއް ސައޫދީ ގެޒެޓުން ނުބުނެ އެވެ. އަދި މި ދަތުރުފުޅާ ބެހޭ މައުލޫމާތެއް ސަރުކާރަކުން ވެސް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ރަސްގެފާނު ރާއްޖެއަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ދެ ވަނަ ހަފުތާގެ ތެރޭގަ އެވެ.
ސަލްމާނަށް ރަސްކަން ލިބިވަޑައިގަތުމުގެ ކުރިން، ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި އިރު 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގެ ރިސޯޓެއްގައި ވަނީ އަގު ބޮޑު ޗުއްޓީއެއް ހޭދަކުރައްވައިފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ސައޫދީ އަރަބިއްޔާއަށް ވަޑައިގެން ރަސްގެފާނު ސަލްމާނާ ބައްދަލުކުރައްވައިފަ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާ ވެފައި ވަނީ ރާއްޖެއަށް އެންމެ ގިނައިން އެހީ ދޭ އެއް ގައުމަށެވެ.