ޖަލަށް ލާފައިވާ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފްގެ ބޭސްފަރުވާ އަށް މާދަމާ އިންޑިއާ އަށް ފުރަން ނިންމާފައިވާ ކަމަށް އޭނާގެ އާއިލާ އިން މިރޭ ބުނެފި އެވެ.
މިއީ ޖަލަށްލި ފަހުން ބޭސްފަރުވާ އަށް މަހްލޫފް އިންޑިއާ އަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ.
މަހްލޫފް އެންމެ ފަހުން އިންޑިއާ އިން ފަރުވާ ހޯއްދެވީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގަ އެވެ. ކަރެކްޝަނަލް ސާވިސް އިން އެ ފަހަރު މަހްލޫފް އިންޑިއާ ގައި ހުންނެވުމަށް ދިނީ 10 ދުވަހުގެ މުއްދަތެކެވެ.
އެކަމަކު މި ފަހަރު ބޭސްފަރުވާ އަށް އިންޑިއާގައި ހުންނެވުމަށް މަހްލޫފަށް ދިނީ ހަތް ދުވަހެވެ.
ފުލުހުންގެ އަމުރަށް ކިޔަމަން ނުވުމުގެ ދެ މައްސަލައެއް ސާބިތުވެ 10 މަހަށް ޖަލަށް ލާފައިވާ މަހްލޫފް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދިނީ، އެލާޖިކްވުމުގެ މައްސަލަ ސީރިއަސްވެ، ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން ޑޮކްޓަރުން ލަފާ ދީފައިވާތީ އެވެ.
މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) މިރޭ ވިދާޅުވި ގޮތުގައި އިންޑިއާ އިން ކުރިން މަހްލޫފް ބެއްލެވި ޑޮކްޓަރު ވަނީ ތިން މަސް ވަންދެން އިންޖެކްޝަން ޖަހަން އަންގައިފަ އެވެ. އަދި ރާއްޖޭގައި ތިބި ޑޮކްޓަރުން ވެސް އިންޖެކްޝަން ޖެހުމުގެ މުހިންމުކަން ފާހަގަކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޑިއާއިން ބެއްލެވި ޑޮކްޓަރު ވިދާޅުވީ ތިން ޑޯޒް ޖަހަން ޖެހޭކަން،" ނަޒޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަހްލޫފް ބެންގަލޫރަށް ފުރާވަޑައިގަތުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި ހަތް ދުވަސް ފަހުން އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ އިގުރާރުގައި ވެސް ސޮއިކުރައްވާފައިވާ ކަމަށެވެ.
މަހްލޫފްގެ މައްޗަށް އިއްވި ހަ މަސް ދުވަހުގެ ޖަލު ހުކުމް މިދިޔަ މަހުގެ 17 ވަނަ ދުވަހު ވަނީ ތަންފީޒުކޮށް ނިމިފަ އެވެ. އޭނާ މިހާރު ހުކުމް ތަންފީޒު ކުރަމުން ގެންދަވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކުރި ހުކުމެވެ. މަހްލޫފް މިނިވަން ވާނީ އަންނަ ޖޫން މަހުގެ ކުރީކޮޅުގަ އެވެ.
މަހުލޫފްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ދެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވާއިރު، އެ މައްސަލައިގެ ޝަރީއަތް އަދިވެސް ނުފަށަ އެވެ.
އޭނާގެ މައްޗަަށް ހުކުމްކޮށްފައިވާ ގޮތާ މެދު އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ. އަދި ޖަލުގައި ހުންނެވުމުން މަހްލޫފުގެ ސިއްހީ ހާލަތު ގޯސްވަމުން ދާތީ، ގޭބަންދަށް ބަދަލު ކުރުމަށް އެ ޖަމިއްޔާ އާއި މަހްލޫފްގެ އާއިލާ އިން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.