މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނ. ވެލިދޫގައި އަންހެނަކު ނަހަލާލަށް ވިހޭ ދަރިޔަކު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ވެލިދޫ ކައުންސިލުން ބުނިގޮތުގައި އުމުރުން 30 އަހަރުގެ އަންހެނަކު ވިހޭ އެ ކުއްޖާ ޖެންޑާއިން ގެންދިޔައީ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން އޭނާއަށް ދަރިފުޅު ބެލެން ނެތުމުންނެވެ.
މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ތުހުމަތު ކުރެވޭ އެ އަންހެން މީހާގެ އިތުރު ދެ ދަރިން މިހާރު ވެސް ކުޑަކުދިންގެ ހިޔާގައި ތިބެ އެވެ.
ދައުލަތަށް އެ ކުއްޖާ ނެގިކަން، ޖެންޑާ މިނިސްޓްރީން ވެސް ޔަގީންކޮށްދިނެވެ.
އެ މިނިސްޓްރީން ބުނީ ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން ކުޑަކުއްޖާގެ ސިއްހީ މައްސަލަތަކެއް ވެސް ހުރި ކަމަށާއި ދައުލަތުން އެ ކުއްޖާ ގެންދިޔައީ މަންމައަށް ދަރިފުޅު ބެލެން ނެތުމުން ކަމަށެވެ.
ވެލިދޫ ކައުންސިލް މެމްބަރު އިބްރާހިމް ގާސިމް ވިދާޅުވީ އެ ރަށު އަންހެން މީހާ މީގެ ކުރިން އުޅެމުން ދިޔައީ ރ. ދުވާފަރުގައި ކަމަށާއި އޭނާ ވެލިދުއަށް ދިޔައީ މީގެ މަހެއްހާ ދުވަސް ކުރިން ކަމަށެވެ.
"މަންމައަށް ދަރިފުޅު ބެލެން ނެތުމުން، ނ. މަނަދޫގައި ހުންނަ ޖެންޑާ މިނިސްޓްރީގެ އޮފީހަށް ވެސް ގެންދިޔައީ އަޅުގަނޑުމެން ކައުންސިލުން. އަންހެން މީހާ މިހާރު ވެސް އެބަ އުޅޭ ރަށުތެރޭގައި،" އޭނާ ވިދާޅުވި އެވެ.
ނަހަލާލަށް ވިހެއުމުގެ މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.