ޕީއެންސީގެ ހަރުގެ ޖަލްސާގައި އެ ޕާޓީގެ އާންމު މެމްބަރުން ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
14 ފެބުރުއަރީ 2025 - 10:58
ސަރުކާރު ހިންގާ ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމުގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާތީ އެ މައްސަލަތައް އަންނަ އޭޕްރީލް މަހުގެ 13 ގެ ކުރިން ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.
ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާ ކަމަށް އެއްބަސްވެ، އެކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށް ވެސް އެ ޕާޓީން އޮތީ ބުނެފަ އެވެ.
ވަގު ފޯމުތަކުގެ މައްސަލާގައި އެ ޕާޓީއަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އޭރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވެސް ވަނީ އެ ކޮމިޝަނުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރަށް ޝަކުވާއަށް ހުޅުވާލައިފަ އެވެ. އެކަމަކު އެ މުއްދަތު ވަނީ މިމަހުގެ 10 ވަނަ ދުވަހު ހަމަވެފަ އެވެ.
ޕީއެންސީން ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށް ގެންދިޔަ "މެމްބާޝިޕް ޑްރައިވް" އަށް ފަހު، ޕާޓީގެ ދަފްތަރާ މެދު އާންމުންގެ ޝަކުވާތައް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ޕީއެންސީން ބުނީ އެކަމާ ގުޅިގެން މިދިޔަ ޖެނުއަރީ މަހުގެ 13 ވަނީ ޝަކުވާއަށް ހުޅުވާލާފައިވާ ކަމަށާއި މިހާތަނަށް ލިބިފައިވާ ޝަކުވާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ޕީއެންސީގެ މެމްބަރެއްގެ ގޮތުގައި ހިމެނިފައި އޮތުން ނުވަތަ ނުހިމެނި އޮތުމާ މެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ، ޕާޓީގެ މައި އިދާރާއަށް ނުވަތަ ރަށްރަށުގެ އެޕާޓީގެ ސްޓިއަރިން ކޮމިޓީއަށް ހުށަހެޅުމުން އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ޕާޓީން ބުންޏެވެ.
އެ އިއުލާނުގައިވާ ގޮތުން ދަފްތަރުގެ ސައްހަކަން ކަށަަވަރުކުރުމާ އެކު ދަފްތަރު ބެލެހެއްޓުން ޕާޓީގެ އިދާރީ އޮނިގަނޑުގެ ތެރެއިން އިތުރަށް ހަރުދަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފަ އެވެ.
ސައްހަ ނޫން ފޯމުތަކެއް ޕާޓީގެ ހުށަހަޅާފައިވާ މައްސަލަ އިލެކްޝަންސް ކޮމިޝަނާއި ފުލުހުންގެ ހިދުމަތަށް ވެސް ބައެއް ފަރާތްތަކުން ވަނީ ހުށަހަޅައިފަ އެވެ. އެހެންވެ ޕީއެންސީން ވަނީ އެ ތަހުގީގަށް ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ.
މީހުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުވުމާއި ޕާޓީތަކަށް ވެއްދުމުގެ 300 މައްސަލައެއް ވޭތުވެދިޔަ ހަ މަސް ދުވަހު ތެރޭގައި ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ. މި މައްސަލަ މިފަހުން ގޯސްވެފައިވަނީ އެމްޑީޕީގެ މަޖިލިސް މެންބަރެއް ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި ޕާޓީ ބަދަލުކުރި މައްސަލަ ފެންމަތިވުމާއެކު އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މައުލޫމާތުން އެނގޭ ގޮތުގައި މިވަގުތު ރާއްޖޭގައި އެންމެ ގިނަ ބަޔަކު ތިބި ސިޔާސީ ޕާޓީއަކީ ޕީއެންސީ އެވެ. އެ ޕާޓީގައި 68،900 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދައްތަ
15 February 2025
"ހުށަހެޅިފައި ވާތީ" މާނައަކީ ނޭގި ގަސްދެއްނެތި ކުރެވިފަ އޮތް ކަމެކޭތަ ތި ބުނަނީ. ނޫން. މިއީ ހަމަ ގަސްދުގަ ރޭވިގެން ދައުލަތުގެ ބެލުމުގަ ދަށުގަ ހުރި ރައްޔިތުންގެ ވަރަށް ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ބަޔަކު ކުރި ކަމެއް. ފޮޓޯތައް އެހުރީ ފެންނަން. އިނގިލި އޮބިމީހުންގެ ހަތަރެސްފައިގާ ހުރި ކޮންމެ އިގިއްޔަކުން އިގިނލި އޮބާއިރު ގަސްދާއި ނިޔަތް ހާމަ ނުވެއެއް ނުދާނެ.
ޢެޑްމުންޑޯ
14 February 2025
މިއުޅެނީ ކުޑަކަމެއް ދިމާވެގެން އާސަންދައަށް އެޕްލައިކޮއްގެން ، ޖަވާބެއްލިބުނުހާ އަވހަށް ޝަކްވާ ހުށަހަޅާނަން ، މަށައްނޭގި ކަލޯ ޕީއެންސީއަށް ވައްދާފައި އޮތީ ، މިހާރު ޝަކްވާކޮއްފިއްޔާމް ވަގުތުން އައުޓްވާނެތީ މަޑުކޮއްލީ
ޗޫޤީ
14 February 2025
އަމާޒު ހިފަންވީ ރޯދަމަސް ފެށުމުގެ ކުރިން ސިޔާސީ ޕާޓީތަކުންވަކިވެ، ތިބާގެ ބުއްދިއާއި ފިކުރުގެ މިނިވަންކަން ކަށަވަރުކުރަން.
ނާޑުވާ
14 February 2025
ޒާތީ މަޢުލޫމާތު ހުއްދަނޫން ގޮތުގައި ބޭނުންކޮށްގެން ޕާރޓީތަކަށް މީހުން ވެއްދުމަކީ ޖިނާޢީ ކުށެއް. ޒިނއމާ ވާ ފަރާތްތައް ހޯދާ މިހާރުން މިހާރަށް ޤާނޫނީ ފިޔަވަޅު އަޅަން ގޮވާލަން.
ދަފުތަރު 3
14 February 2025
ބޭކާރު ބެލުމެއް؟ ނަތީޖާ އެނގޭތީވެ