އެމްޑީޕީން މާލޭގައި މިފަހުން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން.- ފޮޓޯ: އެމްޑީޕީ
13 މާޗް 2025 - 21:52
ސުލްހަވެރިކަމާ އެކު، އެއްވެ އުޅުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށާއި އެ ހައްގު ގާނޫނީ އިމުގެ ތެރެއިން ތަނަވަސްކޮށްދިނުމަށް ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިރޭ ގޮވާލައިފި އެވެ.
މި މަހުގެ ހަތަކުން ފެށިގެން މާލޭގައި ސިލްސިލާކޮށް އިދިކޮޅު އެމްޑީޕީން ކުރަމުންދާ މުޒާހަރާތައް މޮނިޓާކުރަމުންދާކަން ފާހަގަކޮށް އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ވަނީ މުޒާހަރާ ކަވަރުކުރާ މީީޑިއާތަކަށް ވެސް ހުރަސް ނާޅައި އެ ފުރުސަތު ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
އެޗްއާރުސީއެމުން ވަނީ މުޒާހަރާގައި ބާރުގެ ބޭނުންކުރަންޖެހޭ ހާލަތުގައި ވެސް ގާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުންކުރުމަށް ފުލުހުންނަށް ގޮވާލައިފަ އެވެ.
އެޗްއާރުސީއެމުން ބުނި ގޮތުގައި އެމްޑީޕީގެ މުޒާހަރާގައި ވަނީ ކުޑަ ކުއްޖަކަށް ނިސްބަތްކޮށް އެ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދައްކައިފަ އެވެ. އެގޮތަށް ކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދައްކާފައިވުމަކީ ހިޔާލުފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ބަޔާނުގައި ބުންޏެެވެ.
އެޗްއާރުސީއެމުން ވަނީ އެފަދަ ކަންކަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ކަމާ ގުޅޭ އިދާރާތަކަށް ގޮވާލައިފަ އެވެ.
އެ ކޮމިޝަނުން ބުނީ ކުޑަކުދިންނަކީ ހާއްސަ ރައްކާތެރިކަމެއް ގާނޫނުއަސާސީގައި ވެސް ދީފައިވާ ބަޔަކަށްވާއިރު އެކުދިންގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭ ފަދަ ގޮތަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެ ކަމަށެވެެ.
އަދި ގާނޫނުއަސާސީން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުންކުރުމުގައި އެކަކު އަނެކާގެ ހައްގުތަކަށް އުނިކަން ނުލިބޭނެ ފަދަ ގޮތަކަށް ޒިންމާދާރުކަމާ އެކު އެ ހައްގުތައް ބޭނުންކުރުމަށް ވެސް އިލްތިމާސްކުރި އެވެ.
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ރައްޔިތުންނަށް ލިބި ދީފައިވާއިރު ހައްގުގެ ބޭނުން ކުރުމުގައި އެއްބަޔަކު އަނެއް ބައެއްގެ ހައްގަކަށް އަރައިނުގަނެ، އެކަކު އަނެކާގެ ކަރާމާތާއި އަބުރަށް އަރައިނުގަނެ، މި ހައްގުތައް ބޭނުންކުރުމާއި އެކަކު އަނެކާގެ ހައްގުތަކަށް އިހްތިރާމުކުރުމަކީ މުޖުތަމައުގެ ހަމަޖެހުމަށްޓަކާ މުހިއްމު ކަމެކެވެ." ބަޔާނުގައިވެ އެވެ.
އެޗްއާރުސީއެމުން ބުނި ގޮތުގައި އެމްޑީޕީގެ މުޒާހަރާތަކުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ވެސް ކުރިމަތިލުންތައް ހިނގި އެވެ. އަދި މުޒާހަރާގެ ބައިވެރިންނަށް ވެސް އަނިޔާވި އެވެ.
އެ ކޮމިޝަނުން ބުނީ އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކުން އަޑުގަދަކުރާ ބޭނުންކޮށް މާލޭގެ މަގުތަކާއި ގްރީން ޒޯން ހިމެނޭ ސަރަހައްދުތަކަށް ވަންނަން މަސައްކަތްކޮށްފައިވާކަމަށާއި އެ ސަރަހައްދުތަކަށް ވަނުމަށް އުޅުމުން ސަލާމަތީ ބާރުތަކުން ހުއްޓުވާފައިވާ ކަމަށެވެ.
އެހެންވެ، މުޒާހަރާކުރުމުގައި ސުލްހަވެރިކަން އިސްކޮށް އަދި މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނެ ގޮތަށް އަމަލުކުރުމަށް މުޒާހަރާގެ ބައިވެރިންނަށް އެޗްއާރުސީއެމުން ގޮވާލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާސިމް މުބާހް
14 March 2025
ރައްޔިތުން ތިބީ ސަރުކާރާ ދޭތެރޭ ހެޕޯކޮށް. އެމްޑީޕީދެކެ ފޫހިވެފަ
ނޫހް އިބްރާހިމަ
14 March 2025
މިދިޔަ 5 އަހަރު ގައުމު ދަވާލާފަ ކޮން މުޒާހަރާއެއް ކުރާކަށް؟
ނޫރާ އަލީ
14 March 2025
މިނިވަން ކަމާއެކު މިނިވަން މުއައްސަސާތައް ހިނގާތަން މިފެންނަނީ
މައިސަން
14 March 2025
މި ސަރުކާރު އައިފަހުން އެޗްއާރްސީއެމް ކަހަކަ ތަންތަން ވަރަށް އެކްޓިވް. ނިދާފަ ނުތިބޭ
ސިޔާދު ގާސިމް
14 March 2025
މިޔޮޢް މާތްމަހު އެމްޑީޕީ މިއުޅޭ ގޮތެއް
ހޒވަވ
14 March 2025
މީ އާއްމު އުނދަގޫ ކުރާ ބައެއް.އަދަބު ދޭންޖެހޭ. މުޒާހަރާއޭ ކިޔައިފައި ކޮންމެ ކޮންމެ ތާކު މިސަކަރާތްޖެހިޔަ ދީގެން ނުވާނު. ނުލަފާ ބައެއް. އަނގަވެސް އެހާހަޑި
ކަންނެލި މޫސަ
14 March 2025
ކޮން މުޒާގަރާއެއް ރޯދަމަހުކުރާކަށް. އާންމުންނަށް ތީގެ އުނދަޣުޖެހެނީ މަގުތައް ބަންދުކުރީމަ. މުޒާހަރަ ކުރަންވީ ކަނޑައެޅޭ ވަކި ސަރަހައްދެއްގަ. މީހުން ނޫޅޭ ހުސްބިންތަކުގަ. އަދި ކުރަން ވަކި ގަޑިއެއްދޭންވީ. ދުވާލު 10 ން ހަވީރު 4 އަކަށް. އެނޫން ގަޑިތަކުގަ ނުކެރެވޭގޮތައް މަޖިލީހަށް ހުށައަޅާންވީ.
އެކްޓިވިސްޓު
14 March 2025
ލ އެމްޑީޕީ. މުސްލިމުންގެ އަޅުކަމުގެ މަހުގައި މުސްލިމުންނަށް ދުއްތުރާކުރަނީ.
ހުނހ
14 March 2025
ބަލަ ބަރަކާތްތެރި ރަމަޟާން މަހު އެންމެން ނަމާދު ކުރާ ގަޑީ ދުންމާރިވެސް ފުމެނީޔޭ! މުނާފިޤު ޕާޓީ
ކޮސް
13 March 2025
ބަދުދުޢާކޮށްގެން ނުވާނެ.