27 އެޕްރީލް 2025 - 21:40
ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން މިރެއަށް ތާވަލުކުރި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބައްދަލުވުން ކެންސަލްކޮށްފި އެވެ.
އެ ކޮމިޝަންގެ މިރޭގެ އެޖެންޑާގައި ހިމަނާފައި އޮތް ހަމައެކަނި މަސައްކަތަކީ އެ ދެ ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމުން ކަމަށް އެނގިފައި ވެ އެވެ.
ނަމަވެސް، އެ ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލްކޮށްފައިވާއިރު، ބައްދަލުވުން ކެންސަލް ކުރި ސަބަބެއް ސާފެއް ނޫނެވެ.
މިދިޔަ ފެބްރުއަރީ މަހު ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ސަސްޕެންޑްކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ. އެކަމަކު އެ މައްސަލާގެ ތަފްސީލު މިހާތަނަށް ހާމަ ނުކުރި ނަމަވެސް ޖޭއެސްސީން ވަނީ އެ ބޭފުޅުންނަށް ތުހުމަތުކޮށް އެހެން ދެ މައްސަލައެއް ވެސް ތަހުގީގުކުރަން ފަށައިފަ އެވެ. އެއީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި، ނުފޫޒު ފޯރުވި ކަމަށް ބުނާ ތުހުމަތެވެ.
މީގެ އިތުރުން ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ތިއްބެވި ކަމަށް ބުނެ އެ މައްސަލަ ވެސް ވަކިން ދަނީ ބަލަމުންނެވެ.
އެ މައްސަލާގައި ތަހުގީގު ކޮމެޓީގެ ނިންމުމާ މެދު ޖަވާބުދާރީވާން އެ ދެ ފަނޑިޔާރުންނަށް ފުރުސަތު ދިނުމަށްފަހު އެ ބޭފުޅުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމާ މެދު ގޮތެއް ނިންމަން ޖޭއެސްސީގެ މިރޭގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވެ އެވެ.
އެ ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހެޅުމާ މެދު ގޮތެއް ނިންމަން ޖޭއެސްސީން ތާވަލް ކުރިއިރު، ޖޭއެސްސީން އެ މައްސަލާގެ ތަހުގީގު ހިންގި ގޮތާ މެދު ފަނޑިޔާރު ޑރ. އަޒްމިރަލްދާގެ ފަރާތުން ވަނީ މަޖިލީހާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ޝަކުވާ ހުށަހަޅުއްވައިފަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު ވެސް އޭރު ސަސްޕެންޑްކުރި އެވެ. ނަމަވެސް ފަނޑިޔާރު ސުއޫދު ވަނީ ފަހުން މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެ ބޭފުޅުން އޭރު ސަސްޕެންޑްކުރީ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރުމުގެ މައްސަލާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން ތާވަލް ކޮށްފައި އޮއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
28 April 2025
އާނ! ދިގުދަންމާލާ ވަކިކުރުން. އަންނަ މަހަށް ލަސްކޮށްލާ. ތިޔަ ފަނޑިޔާރުންނަށްވެސް ތިހަދަނީ ރާއްޖޭގެ ރައްޔިތުންގެ ގޯތިގެދޮރު ހޯދައި ދޭނެކަމުގެ ޔަގީން ކަންދިން ގޮތަށް.
އަބުދުލް ޤާދިރު
27 April 2025
ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި އައިޝަ ޝުޖޫނާއި، އަޒުމިރަލްދާ ޒާހިރާއި، މަހާޒު ޢަލީއަކީ ފަނޑިޔާރު ޢަލީ ރަޝީދު ހެން މާލީ މަންފާއަށް ޓަކައި މީހަކު ބުނާހާ ގޮތަކަށް މައްސަލަ ނިންމާނެ ބައެއްނޫން. އެހެންވެ މި ސަރުކާރުން މި ދެ ފަނޑިޔާރުން ވަކިކުރަން ބޭނުންވަނީ. މި ދެ ފަނޑިޔާރަށް ފަހު ދެން އޮތީ އައިޝާ ޝުޖޫން ބޭރުކުރުން
އިއްލި
27 April 2025
ނުފޫޒު ފޯރުވީ މީހަކުބަންދުން ދޫކުރުމަށްކަމަށްވާނަމަ، އަދި އެމީހާ ބަންދުން ދޫކުރިކަން އެނގެން އޮތުމުން ދޫކޮށްލަން ނިންމި ފަނޑިޔާރުވެސް ވަކިކުރަންޖެހޭނެ. ނުފޫޒު ފޯރުވާ ފަނޑިޔާރަކަށްވުރެ ނުފޫޒަށް ހެއްލޭ ނުފޫޒަށް ބޯލަނބާ ފަނޑިޔާރެއްގެ ނުރައްކާ އަދުލު އިންސާފަށް ބޮޑު.
މޮޑަން
27 April 2025
ސަރުކާރު އޮތީ ހޫނުފެނުގަ. އޮއްވާ އަނެއް މުސީބާތެއް ކަންނޭގެ ޖެހޭނީ. އެހެންވެ އޯޑަރު އައީ. ވަރަށް ރަނގަޅަށް މިސަރުކާރު އެބަހިނގާ. ޕްރޮޖެކްޓްތައްވެސް އޮބިނޯވޭ. ކޮންތާކު؟ މުޅި ދައުލަތް އެއުޅެނީ ވެއްޓުނު ކުއްޖަކުން ސަލާމަތް ނުވެގެން. ވެރިކަމަކީ އަދި އެހެން ކުރެވޭ އެއްޗެއް ނޫން.
ސަސި.
27 April 2025
ދެން ކޮމެންޓުކުރާނީއެއްނޫން ޖޭއެސްސީއަކީ މިނިވަން ތަނެއްނޫނޭ ކިޔާފަ
ދޮޅި ހުސޭނު
27 April 2025
މަތިން އޯޑަރު އައީ ލަސްކުރަން. އެއީ ސަބަބަކީ!!