ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ހައްޖަށް ބަޔަކު ފުރަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
31 މެއި 2025 - 22:15
ހައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއިން ދިއުމަށް ހަމަޖެހިފައިވާ 1،000 ހައްޖާޖީން މިހާރު މައްކާއަށް ގޮސްފައިވާ ކަމަށާއި ހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށް ރާއްޖޭގެ ހައްޖު މިޝަން އިން ބުނެފި އެވެ.
ދިވެހި ހައްޖުވެރިން މައްކާއަށް ދާން ފުރަން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. ހައްޖުވެރިންގެ އެންމެފަހު ގްރޫޕު ފުރީ އިއްޔެ އެވެ.
ހައްޖު މިޝަންއިން ބުނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިން ދަތުރުކުރުމުގެ އިންތިޒާމްތަކަށް ވަރަށް ބޮޑު ލުއިފަސޭހައެއް މިއަހަރު ލިބިފައިވާ ކަމަށެވެ.
އެގޮތުން، ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެން ދިޔައިރު އެކަމުގެ ހިތްހަމަޖެހުން ހައްޖުވެރިން ފާހަގަ ކޮށްފައިވާ ކަމަށް ވެސް މިޝަންއިން ބުންޏެވެ.
ހައްޖު މިޝަންއިން ބުނީ ހައްޖުވެރިން މަޝާއިރުތަކަށް ދިއުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ހައްޖު ކޯޕަރޭޝަނުން މިހާރު ފުރިހަމަ ކުރަމުންދާ ކަމަށެވެ.
ހައްޖަށް ދާ ދިވެހިންނަށް ވީހާ ވެސް ފަސޭހަވާނެ ގޮތަށް މިއަހަރު ވަނީ އިންތިޒާމުތައް ހަމަޖައްސައިދީފަ އެވެ.
އޭގެ ތެރެއިން:
- މައްކާއިން މަދީނާއަށް ބަހުގައި 10-12 ގަޑިއިރު ކުރާ ދަތުރުތައް ދެ ތިން ގަޑިއިރުގެ ހައި-ސްޕީޑް ރޭލަށް ބަދަލުކުރުން
- މައްކާ ރޫޓު އިނީޝިއޭޓްކުރުން
- ދިވެހި ހައްޖުވެރިންނަށް ހާއްސަކޮށްގެން ސައުދީގައި ކްލިނިކެއް ގާއިމްކުރުން
"މައްކާ ރޫޓް އިނީޝިއޭޓިވް"އަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ. އަދި ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިޔުމުގެ އިންތިޒާމާއެކު ހައްޖުވެރިންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ގެންގޮސްދޭނެ އެވެ.
މި ލުއިކަން މިއަހަރު ހައްޖަށް ދިޔަ މީހުންނަށް ލިބިފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ދިވެހި ހައްޖުވެރިންނަށް ފަސޭހަވާނެ ގޮތަށް ބަދަލުތައް ގެންނާނެ އެވެ.
މިއަހަރުގެ އަރަފާތު ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy