ހާސްކަމެއް ނެތް، އެއްވެސް ކޮރަޕްޝަނެއް ނޯންނާނެ: އުމަރު

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ހިންގި ހަރަކާތްތަކާ ގުޅޭ މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި ސަރުކާރުން އެކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރިޔަސް ހާސްކަމެއް ނެތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.


އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައިވާ ހަމައެކަނި ބޭފުޅަކީ އުމަރު ކަމަށް ވާއިރު، އޭނާ ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތު ކުއްލި ގޮތަކަށް އައީ ވެސް "އަޅުގަނޑު އިންތިޚާބުގައި ވާދަކުރާނެތީ" ކަމަށެވެ.

"މި ހުދުވަލެއް ހަޑިއެެއް ނުވާނެ،" އޭނާއާ ކޮރަޕްޝަންގެ އަމަލަކާ ދުވަހަކު ވެސް ނުގުޅުވޭނެކަން ހާމަކޮށްދިނުމުގެ ގޮތުން އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިވަން 50ގެ ހަރަކާތްތަކާ ގުޅޭ މަސައްކަތް "މިނިވަން 50" އޮފީހުގައި ކުރިއަށް ގެންދިޔައިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ކަމާ ގުޅޭ މީހުން އެ އޮފީހުގައި ތިބޭނެ ކަމަށެވެ. އަދި ދުވަހުން ދުވަހަށް އެ މުއައްސަސާތަކުން ކަންކަން ބަލަމުން ދިޔަ ކަމަށް އުމަރު ވިދާޅުވި އެވެ.

"އެ ބޭފުޅުން ދުވަހުން ދުވަހަށް ކަންކަން ބަލަމުން ދިޔައީ. އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓް އޮފީހުން މިނިވަން 50 އޮފީހަށް ގޮސް ދުވަހުން ދުވަހަށް ކަންކަން ބަލައިދޭން އެދުނީ ސީދާ އަޅުގަނޑުމެން. އެ ލިޔެކިޔުން ހޯމް މިނިސްޓްރީގައި މިހާރު ވެސް ހުންނާނެ. އެ މުއައްސަސާތަކަށް ހާއްސަ މޭޒެއް މިނިވަން 50 ގެ އޮފީހުގައި ހުންނާނެ،" އުމަރު ވިދާޅުވި އެވެ.

"އެހެންވީމާ އެ ދުވަހު ނުފެނު ކަމެއް މިއަދު ފެންނަން ޖެހޭ ސަބަބެއް ނޯންނާނެ."

އުމަރު ވިދާޅުވި ގޮތުގައި މިނިވަން 50 އާ ގުޅޭ ކޮންމެ މަސައްކަތެއް ވެސް އެކި ފަރާތްތަކާ ހަވާލުކުރަމުން ދިޔައީ އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ލިޔުމުން ދެއްވި ހުއްދައެއްގެ ދަށުންނެވެ.

"އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ ފިނޭންސް މިނިސްޓަރު ޖިހާދު ލިޔުމުން ހުއްދަ ދީގެން ނޫން ގޮތަކަށް. އެ އުސޫލުން ބައިވަރު ހުއްދަތައް ހުންނާނެ. އެ ލިޔުންތައް ވެސް ފެންނަން ހުންނާނެ. ފައިސާ ވެސް ދޫކުރަނީ ސީދާ ފިނޭންސް މިނިސްޓްރީން. ހޯމް މިނިސްޓްރީގެ ބަޖެޓް ސެކްޝަނަށް އެކަން އެނގޭނެ. ދިގު ޕްރޮސެސްއެއްގެ ތެރެއިން ކަންކަން ހިންގާފައި ވާނީ،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިވަން 50 ގެ އެކިއެކި މަސައްކަތްތައް މީސްމީހުންނާ ހަވާލުކުރީ، އެކަމަށްޓަކައި ކަނޑައަޅާފައިވާ ވަޒީރުންގެ ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ. އެ ކޮމެޓީގައި ތިއްބެވީ ހޯމް މިނިސްޓަރުގެ އިތުރުން ފިނޭންސް މިނިސްޓަރާއި ޑިފެންސް މިނިސްޓަރާއި ފޮރިން މިނިސްޓަރާއި ޔޫތު މިނިސްޓަރު އަދި ރައީސް އޮފީހުގެ މިނިސްޓަރެވެ.

އުމަރު ފާހަގަކުރެއްވި ގޮތުގައި މިނިވަން 50ގެ އެއްވެސް މަސައްކަތެއް އޭނާ ސީދާ އެއްވެސް ބަަޔަކާ ހަވާލުކޮށްފައެއް ނޯންނާނެ އެވެ.

ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ކުއްލި ބައްދަލުވުމެއްގައި މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ މިނިވަން 50 ގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ އެކަމަށް ހާއްސަ ކޮމެޓީއެއް ނަގައިގެން ކަމަށާއި އެ ހަރަކާތާ ގުޅޭ ކަންކަން އެކި ފަރާތްތަކާ ހަވާލު ކުރަން ޖެހެނީ އެ ކޮމެޓީން ކަމަށެވެ. އެހެން ނަމަވެސް، މިނިސްޓަރު ވިދާޅުވީ ބައެއް ކަންކަން ހަވާލުކޮށްފައި ވަނީ ސީދާ އޭރުގެ މިނިސްޓަރުގެ އެންގެވުމުގެ މަތިން ކަމަށެވެ.