އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ މަހްޒޫމާއި ޝިމަނަށް ކުރަނީ ސިޔާސީ ދައުވާއެއްކަމަށް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
04 ޖުލައި 2025 - 15:05
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދަން ގޮވާލައި، ކުރި މުޒާހަރާގައި އިސްކޮށް އުޅުނު އައިޝަތު ޝިމަން އާއި އަބްދުﷲ މަހްޒޫމް މާޖިދުގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާއެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ، އޭރު ކޮންމެ ރެއަކުން ޒުވާނުންތަކެއް ވަނީ ފުލުހުންގެ އިދާރާ ދޮށުގައި މުޒާހަރާކޮށްފަ އެވެ. އެ މުޒާހަރާގެ ރޫޅާލުމަށް ފަހު ޝިމަން އާއި މަހްޒޫމް އޭރު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ވެސް ކޯޓުން ޖެހިޔަސް ފަހުން އެމީހުން ދޫކޮށްލީ އެވެ.
އެ މައްސަލާގައި ޝިމަންގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ އެވެ. މަހްޒޫމުގެ މައްޗަށް ކުރަނީ އަނިޔާކުރުމުގެ ދައުވާ އެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަހްޒޫމާއި ޝިމަންގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރަން ނިންމުމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މުޒާހަރާ ކުރުމުގެ ހައްގު ބޭނުންކުރުމުން އެ މީހުން ޖިނާއީ އަދުލުގެ ނިޒާމުގެ ތެެރަށް ނުހައްގުން ވައްޓާލުމަކީ ތާކުންތާކުން ޖެހޭ ކަމެއް ނޫން ކަމަށެވެ.
ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ޝަރީއަތްތައް ބާއްވާތަން ފެނުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި މިއީ ޒުވާނުންގެ އަޑުކަނޑުވާލުމަށް ސަރުކާރުން ކުރާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވެސް ވިދާޅުވި އެވެ.
Strongly condemn the decision to press criminal charges on @MahzoomMajidh and @dh0nkeyo. It is preposterous at best that these youngsters are unjustly thrown into the criminal justice system simply for exercising their freedom of expression and right to protest. Unfortunate to…
— Fayyaz Ismail (@faya_i) July 3, 2025
އެ މުޒާހަރާތަކާ ގުޅިގެން މަހްޒޫމާއި ޝިމަންއަށް ދައުވާކުރަން ނިންމި މައްސަލާގައި ގިނަ ބަޔަކު ފާޑުކިޔަމުންދަނިކޮށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ތަރުޖަމާނު އަދި ގާނޫނީ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ އެ ދެމީހުންނަށް ވެސް ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ކުރިން ދިން ކަމަށާއި އަދި އެ ފުރުސަތު މިހާރު ވެސް އެބަ އޮތް ކަމަށެވެ.
އެކަމަކު ދެ މީހުން ވެސް އެ ހުށަހެޅުމަށް އިންކާރުކޮށްފައިވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.
ނަސޭހަތުގެ އެއްބަސްވުމަކީ އިތުރު ކުށެއް ނުކުރަން ޝަރުތު ކުރުމަށް ފަހު ދައުވާ ނުކޮށް ދޫކޮށްލަން ހަދާ އެއްބަސްވުމެކެވެ.
ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން އޭނާ ގަސްދުގައި ވައްޓާލާފައި ކަމަށް ނޫނީ އޭނާ އަމިއްލަ އިހްތިޔާރުގައި ފުންމާލާފައިވާ ކަމަށް ކަނޑައެޅެން ނެތެވެ.
ޔުމްނުއާ އެކު އުޅުނު އެ ރޭ އެންމެ ފަހުން އުޅުނު ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލު ކޮމިޝަނަށް ބަޔާން ދިނީ އެ ރޭގެ ކަންކަން ހަނދާނުގައި ނެތް ކަމަށް ބުނެ އެވެ. އެ ކަންކަމުގެ މައްޗަށް ބަލައި ކޮމިޝަނުން ބުނީ ސިޑި ގޮޅީގައިވާ ކުޑަދޮރުން ރައުދު ގަސްދުގައި ޔުމްނު ވައްޓާލީ ކަން ނުވަތަ ނޫން ކަން ކަނޑައެޅެން ކޮމިޝަނަށް ނެތް ކަމަށެވެ.
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލާ ޒުވާނުން ކުރި މުޒާހަރާއެއް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ކޮމިޝަނުން މިގޮތަށް ކަނޑައެޅިއިރު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އުފުލައިފަ އެވެ. އޭނާ މިހާރު ހުރީ ބަންދުން ވެސް ދޫކޮށްލައިފަ އެވެ.
އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
ރައުދަށް އެ ދައުވާކުރަނީ ޔުމްނު ވެއްޓުނުކަން އެނގި ހުރެ، އޭނާއަށް އެހީތެރިކަންދީފައި ނުވާތީ އާއި އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުން ހުރި އެއްވެސް އިދާރާއަކަށް ވެސް ރިޕޯޓު ކޮށްފައި ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮނުއަނގަ
06 July 2025
ފައްޔާޒު ސިޔާސީ އަދިވެސް ދަސްނުވަނީތޯ. މިހާރު އަހަރެން ސިޔާސީ ކިޔަނީ ދައުލަތުން ވައްކަން ކުރުމަށް. ފިތުނައެއް ނެރެގެން އުފައްދާ ކޮންމެ ކަމެއްގެ ގެއްލުން މުޅި ޤައުމަށް ކުރާނެ. ފައްޔާޒުމެންގެ ނުފޫޒުމް އެކަހަލަ ދީނާ ޚިލާފު ކިތައްމީހުންގެ މައްސަލަ ނުވާކަމެއްކަމަށް ހަދައިހެން ފޮރުވާފަ އޮތީ. އަދިވެސް ތިޔަކުރަނީ ހަމަ އެމަސައްކަތް. އެއީ ސިޔާސީ ދައުވާއެއްނޫން. ކަމެއް ކޮށގެން ކުރާ ދަޢުވާއެއް އެއީ.
ގައުމީ ދޫ
05 July 2025
ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޖެނެރޭޝަން ޒީ ( ޖެން-ޒީ ) މިވަގުތަކީ އިހުގެ ބޭފުޅުން ބެކް ބެންޗަށް ޖައްސާލައި ، ގައުމުގެ ކަންކަން ބައްޓަންކުރުމުގައި ޒުވާުނުން އިސްނަގަންވީ ދަނޑިވަޅު. ގައުމުގެ ކުރިމަގު ކަނޑައަޅަން ބޯދާ ޚިޔާލު ކަމަކު ނުދާކަން ފާއިތުވި ސަރުކާރުތަކާއި މިހާރުގެ ސަރުކާރު ހިންގާގޮތުންވެސް އެބަ އެނގޭ. މިގޮތުން އެމްޑީޕީ އިން ސައިފް އަދި ޕީއެންސީ އިން ޣައްސާނު ކުރިއަށް ޖެހިލުން މުހިއްމު!
ދަނޭމް
05 July 2025
އަހަރެން ވެސް ޔުމްނު ވެއްޓި އޭނާއަށް އެލިބުނު ގެއްލުން ނުވަތަ އަނިޔާ އެނގިފަ ވަރަށް ދެރަވި. މައްސަލައިގަ ފުލުހުން އަމަލު ކުރި ގޮތުން ވެސް ރުޅިގަދަވި. ފުލުހުންގެ ޕްރޮފެޝަނަލިޒަމާއި މެދު ސުވާލު އުފެދުނު. އެކަމު މިމައްސަލައިގަ ފަހުން އާއިލާއިންނާއި ޒުވާނުންނޭ ކިޔާފަ މަގުތަކަށް ނުކުމެ އާންމު އުނދަގޫ ކުރި ބަޔަކު ކަންކުރި ގޮތުން މިހާރު ކަހަރިވަކެކޭ ވެސް ހީނުވޭ.
އަލްފުލައިލް
04 July 2025
ސިޔާސީ ދައުވާއެއް ކުރަން ތި ދެމީހުން ތީ ސިޔާސީ ގޮތުން މެޓާ ކަރުދާސް ގަނޑެއްގެ ބަރުދަންވެސް ނެތް ދެމީހުން.
ކަހެރުވައް
04 July 2025
ސިޔާސީ ދައުވާއަކީ ގާނޫނުލް އުގޫބާތުވެސް އަދި ޖިނާއި އިޖުރާއަތުގެ ގާނޫނުވެސް އަދި މަދަނީ އިޖުރާއަތުގެ ގާނޫނުވެސް ދަންނަ އެއްޗެއްނޫން. ފައްޔާޒުމެން ކަހަލަ ގާނޫނެއް ގަވާއިދެއް ނުދަނެތިބި ސިޔާސީން ހާވާ ކޮންމެ ހަޑިއަކީ އެއީ ސިޔާސީ ދައުވާއެއް ކަމަށް ވަންޏާ މިރާއްޖޭގަ ޖިނާއީ ކުށްކުރާ ހަމައެކަކުވެސް ނެތް ..
އާޖީލު
04 July 2025
ޒުވާނުންނަށް ސިޔާސީ ދައުވާ ކޮށްގެން މިސަރުކާރަށް ވަރަށް ގެއްލުންވާނެ. އަންނަ ރިޔާސީ އިންތިޙާބުގަ އަލަށް ވޯޓުލާނެ ޒުވާނުން މިހިގާ ކަންކަން ހަދާން ކުރަަނެ. ސިޔާސީ ދައުވާ ދޫކޮށްލާ!
ގޮތް
05 July 2025
ޒުވާނުން ނަކައް ނޫން އަދި ސިޔާސީ ދައުވާއެއް ވެސް ނޫން. އެކަންހިގި ގޮތް އިނގޭ މީހުނައް އިނގޭނެ އެކަން އަސްލުވީ ގޮތް
އަލި
04 July 2025
އެހާވަރަކަށް މުޒާހިރާ އެއް ކުރަންޖެހޭ ކޭސް އެއްނޫން. ރިޕޯރޓް ތަކުން އިނގޭގޮތުން ހިނގި ހުރިހާކަމެއް ހިނގީ ޔުމްނުގެ ރުހުމުގައި. އިންސާފާ ހަމައަށް ދިއުމަށް ޔުމްނުގެ ބަޔާނަކީ އެންމެ މުހިންމުބައި. އެހެންނަމަވެސް ފައްޔާޒުމެން އަޑީގައި ތިބެގެން އެކަން ވިޔަލަނުދިން. ފުލުހުން ގޯސް ހެދީމައި ދާންޖެހޭ ތަންތަންވެސް ގާނޫނާއި ގަވައިދު ތަކުގައި އެބަހުރި. ތަނެއް ދޮރެއް ބަލާނުލައި މުޒާހިރާ ކުރަން ނެރޭކަން ނުޖެހޭ. ޔުމްނު ބަޔާން ނުދިނުމަކީ ތަހްގީގަށް ހުރަސްއެޅުން.
ލެއްގިކޮމިޝަނަރ
04 July 2025
ސިޔާސީ ދައުވާއާ ޖިނާއިދައުވާ ނޭންގޭމީހަކު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރީއްޔާގެ މަގާމަށް ކުރިމަތިލާން ނިޔަތްގަތުމީވެސް އެމްޑީޕީއާ ދިވެހި ރައްޔިތުން ލަދުގަންނަން ޖެހޭވަރުގެކަމެއް. މޫނިމާގޭގަ ނިންމަމަންދާ ބޮޑުބިޔަ އިމާރާތުގެ މައްސަލަ ބަލާނިމިގެން ކުރާނީ ކޮންކަހަލަ ދައުވާއެއްކަން ނިކަންބުނެލަބަލަ.
ޢިސްލް
04 July 2025
ސިޔާސީ ޕާޓީތަކަކީވެސް ޒިންމާތަކެއް އޮންނާނެ ބައެއް އެހެން ނޫންނަމަ ރައްޔިތުންގެ ޓެކްސް ފައިސާއިން ޕާޓީހިންގަން ފައިސާދީފައި ނުހުންނާނެ. ވީމާ މިފަދަ ވާހަކަތައް ދައްކާ ގައުމުގެ މުސްތަގުބަލު ހަލާކުގެތެރެއަށް ވައްޓާލުމަށް އުޅޭ މީހުންނަށް ފިޔަވަޅު އެޅެން އެބަޖެހޭ.
ޟައިކް
04 July 2025
ކޮބާތަ ސިޔާސީ ދައުވާއަކީ އިއްޒަތެރި މެންބަރުން ރައްޔިތުން ރުހުންދީގެން ހޮވާފައި ތިބި މެންބަރު ފާސްކޮށްފައިވާ ގާނޫނުތަކުގައި ހުރި ކުށްކޮށްގެން ދައުވާ އުފުލީމާ ތިޔަހެން ބުނަންޔާ ދުވަހަކުވެސް މިގައުމެއް އިސްލާހެއް ނުވާ. ޑިމޮކޮރަސީގެ މާނައަކީ މެޖޯރިޓީއަށް ތަބާވެގެން ތިބުން. މައިނޯ ރިޓީއަށް ދިޔައީމަ ގައުމުގެ އިޖުތިމާއި ފޭރާން ވީދާލުމެއް ނޫން.
ދުހާނާ
05 July 2025
"ބުނަންޔާ" އެއް ނޫން ދިވެހިބަހުގައި ކިޔަނީ. "ބުނަންޏާ" އޭ ކިޔަނީ.