ލަންކާގެ ރައީސަށް ރައީސް މުއިއްޒު މާލެއިން ރަސްމީކޮށް މަރުހަބާ ދެންނެވުމަށްފަހު ދެ ބޭފުޅުން ރައީސް އޮފީހަށް ވަޑައިގަންނަވަނީ --- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 ޖުލައި 2025 - 16:35
ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރު ޑިސަނާކަޔައަށް މާލެއިން މިއަދު ރަސްމީކޮށް މަރުހަބާ ދަންނަވައިފި އެވެ.
ޑިސަނާޔަކަ މިއަދު ރާއްޖެ ވަޑައިގަތުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރަތްދޫލައިގެ މަރުހަބާއެއް ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެއަށްފަހު މިއަދު މެންދުރު ޑިސާނަކަޔަ މާލެ ވަޑައިގަތުމުން ޖުމްހޫރީ މައިދާނުގައި 21 ބަޑީގެ ސަލާމަކާއެކު ގާޑް އޮފް އޮނާއެއް ވަނީ އަރުވައިފަ އެވެ.
އެ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް މިއަދު ކުރިއަށް ގެންދާނެ އެވެ.
ލަންކާގެ ރައީސް އަނޫރާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް އޮފީހަށް ވަޑައިގެން، މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވަނީ--- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރައީސް މުއިއްޒުގެ ދައުވަތަކަށް ޑިސަނާޔަކަ ތިން ދުވަހުގެ ދަތުރުފުޅުގައި ރާއްޖެ ވަޑައިގެންނެވިއިރު، ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ ވެސް މިއަހަރު 60 އަހަރު ވެއްޖެ އެވެ. ރާއްޖެ އާއި ލަންކާއާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމްކުރީ ޖުލައި 26، 1965 ގަ އެވެ. އަދި ރާއްޖެއާ އެކު ހާރިޖީ ގުޅުން ގާއިމްކުރި ފުރަތަމަ ގައުމަކީ ވެސް ލަންކާ އެވެ.
މިއީ ނޮވެމްބަރު 17، 2023 ގައި ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އަށް ވަޑައިގެންނެވި ބޭރު ގައުމެއްގެ ދެވަނަ ލީޑަރެވެ. މި ސަރުކާރު އައި ފަހުން އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. ރައީސް މުއިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ އަށް ދަތުރުފުޅެއް ކުރެއްވީ މިދިޔަ ހުކުރު ދުވަހު އެވެ. ދެ ދުވަހުގެ އެ ދަތުރުފުޅުގައި ދެ ގައުމުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، ބުދަ ދުވަހުގެ ނިޔަލަށް ޑިސާނަޔަކަ ރާއްޖޭގައި ހުންނަވާނެ އެވެ. އަދި އެ ދަތުރުފުޅުގެ ތެރެއިން ދެ ގައުމަށް އެންމެ ފައިދާ ހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ރަސްމީ މަޝްވަރާތައް އޮންނާނެ ކަމަށް ރަައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުމްތާޒް ހަލީމް
29 July 2025
ގައުމަށް ލިބޭ ފަހުރެއް މިއީ. ލަންކާ ކަހަލަ ގައުމެއްގެ ރައީސަކު އައުން އެއީ. މުއިއްޒްގެ ލީޑާރޝިމް މީގެން ފެނޭ އެބަ
ފާފު
29 July 2025
މަރުހަބާ އާއެކު ޖެެއްސުމާއި ދިމާކުރުން،
ސިލިކޯން
29 July 2025
58 އަހަރުގެ ލަންކާ ރައީސް އޭނަ އަށް ވުރެން މާ ހަގު މުއިއްޒަށް ވުރެން މާ ޒުވާން
ސުފްޔާން
29 July 2025
މިއަދު އިދިކޮޅުގަ ތިބި މީހުންނަށް ލަންކާ ބަޔަކަށް ނުވިޔަސް ދޭދޭ ގައުމުތަކާ ވާނެ އަބަދުވެސް ރަނގަޅު ގުޅުން ބާއްވަން. މިހާރުވެސް ލަންކާގެ އިގްތިސޯދު އަންނަނީ މަޑުމަޑުން ރަނގަޅުވަމުން
ފިރާގް
29 July 2025
ގައުމުތަކާ ގާތް ގުޅުން ބާއްވުން އެފަރާތްތަކުގެ ދީލަތި އެހީ މިވަގު މިގައުމަށް ވަރަށް މުހިންމު.
މުޝައްރަފް
29 July 2025
މިދިޔަ ސަރުކާރުތަކުން ހީނަރުކުރި މިގައުމުގެ ގާތް ގައުމުތަކާ އޮތް ގުޅުން އަދުގެ ސަރުކާރުން ބަދަހި ކުރާތަން ފެންނާތީ ނިކަން އުފާވޭ.
މުހައްމަދު ސަމީހް
29 July 2025
ރައީސް މުއިއްޒްގެ ޒައާމަތުގައި މިގައުމުގެ ހާރިޖީ ސިޔާސަތު މިދަނީ އެހެން ލެވެލްއެއްގައި ކުރިޔަށް.
ޖޮޖީނާ
29 July 2025
މިކަން މީ ސީދާ ރާއީސް ސޯލިހު ޒަޢާމަތުގަ އެޅުނު ބިންގަލުން ނެރެވުނު ނަތީޖާއެއް.
އުސްމާނުބެ
29 July 2025
ސޯ ، މިސަރުކާރުގެ މިވީ ދުވަހު ބޭރުގެ މިހާތަނައް ރާއްޖެ ވަޑައިގަތީ 2 ލީޑަރުން އެކަމަކު މިގައުމުގެ ރައީސް މިހާރު ކިތައް ދަތުރު ކުރެވިދާނެބާ ...... ނުދާގައުމެއް ބާކީ އެބައުޅޭތަ އަދި އެހެން ވެއްޖެޔާ އަދި ހަމަ ކޮއްލަންވާނެ
ޝިފާޒް ހުސައިން
28 July 2025
ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތަކީ އެންމެ ކާމިޔާބު އަދި ދިވެހިންނަށް އެންމެ މަންފާ ކުރާނެ ސިޔާސަތު. ބަޔަކު ކިތަންމެ ނުރުހުނަސް ކަމުގެ ހަގީގަތް އޮތީ ހަމަ މިހެން.