ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ހަނިމާދުއަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް މަރުހަބާ ކިޔުއްވަން ނިކުތް މީހަކާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
24 އޯގަސްޓް 2025 - 22:44
ހދ. ހަނިމާދޫ ސްކޫލުގައި އާ އިމާރާތެއް އެޅުމަށް ނިންމައި، އެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްފި އެވެ.
ހދ. އަތޮޅަށް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި ދަތުރުފުޅުގައި ހަނިމާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު މިރޭ ބޭއްވި ޖަލްސާގައި ވަނީ ހަނިމާދޫ ސްކޫލުގެ އާ އިމާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން ސައީދެވެ. އަދި އެފްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރައްޒާނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހަނިމާދޫ ސްކޫލުގެ އާ އިމާރާތް އަޅަނީ ހިރިމަރަދޫ ކުދިންނަށް ޖާގަ ލިބޭ ގޮތަށް ކަމަށެވެ. އެތަނުގައި އަށް ކްލާސްރޫމާއި ސައިންސް ލެބަކާއެކު ހުރިހާ ފެސިލިޓީއެއް އެ ތަނުގައި ގާއިމް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ހަނިމާދުއަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް މަރުހަބާ ކިޔުއްވަން ނިކުތް މީހަކާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ހިރިމަރަދޫގެ އާބާދީ ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން އެ ރަށު މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދެމުން އަންނަތާ މިހާރު ވަނީ އެތައް އަހަރެއްވެފަ އެވެ. އެ ރަށު މީހުން ހަނިމާދުއަށް ބަދަލު ކުރަން ރައީސް ނިންމަވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ.
ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާތީ، އެރަށަށް ބަދަލުވާން ބޭނުންވާ ރައްޔިތުންގެ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ހަނިމާދޫގައި ދޮޅު އަހަރު ތެރޭގައި ގާއިމްކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ސަރުކާރުން މިއަދު ވަނީ ހަވާލުކޮށްފަ އެވެ.
ރައީސް ވިދާޅުވެފައިވަނީ ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫއިން ގެއެއް ލިބޭނެ ކަމަށާއި އަދި 18 މަސް ތެރޭގައި އެތަނުގެ ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް އެރަށަށް ބަދަލުވާން މަޖުބޫރު ކުރުމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮލަމާހުއްޓާ
25 August 2025
ކޮބާހޭ ވެރިކަމަށް އަންނަންވީ ވައުދުތައް؟ އަރާ ކޮންމެ ރަށަކަށް ހުސްވައުދުނުވެ ކުރިން ވީ ވައުދުތައް ނިންމަން އުޅެބަލަ. މީނަގެ ނެތޭ ލަދުހަޔާތެއްވެސް
މުހައްމަދު ރުވޭދާ
25 August 2025
މީ ރަނގަޅު ކަމެއް. މީގެ ސަބަބުން މާލެ ނައިސް ރަށްފުށުން ސީދާ ތައުލީމް އުގެނިގެން ދާނެ. އެ ފުރުސަތު ރައްޔިތުންނަށް މި ލިބިގެން ދަނީ.
މަފާޒް ސަލީމް
25 August 2025
ހިރިލަންދޫ ރައްޔިތުންނަށް މަރުހަބާ. ސަރުކާރުން އެއްމެ ފަހުން މިކަންވެސް ކޮށްދީފި. އެތައް ދުވަހެއް ވެއްޖެ 3 ސަރުކާރެެއްގައި މިކަމަށް އެދި އާދޭސް ދަންނަވާތާ.
ޢައްބާސްބެ
25 August 2025
ހިރިލަންދޫއެއްނޫން، ހިރިމަރަދޫ.
މުހައްމަދު ސަނީހް
25 August 2025
މީ އަހަރުމެން ހިރުލަންދޫ ރައްޔިތުން ވަރަށް ބޭނުންވެފައިވާ ކަމެއް. މިކަން ނުވެގެން އުޅޭތާ ނިކަން ދުވަސްވެއްޖެ. ޝުކުރަން ވަރަށް ބޮޑަށް.
ދިއްދޫމީހާ
25 August 2025
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ތިޔަ ހަވާލްކުރާ ޕްރެޖެކްޓްތައް ދެން ފެންނާނީ ރާޒޫ ކުންފުންޔަ ދީފަ ހުއްޓާ މިވަރުން ދަންޔާ ދަރުމަވަންތައް ހޮސްޕިޓަލްއާ ހަވާލްކުރާނެ ރަށްރަށުގެ އެއްގަމް ތޮށިޖަހަން..
ދިއްދާމާލި
25 August 2025
އެރަށު މީހުންގެ ބޯކާލަނީ .... ވަރަށް ވިސްނާތި. އަދިވެސް ވެރިކަމަށް 8 މަސް ނުވެގެން މިއުޅެނީ. އެވެސް އަދި މާލެ ސަރަހައްދުގައި. ރަސްމާލެ އޯ... މޑޕ މީހުން އެތަނަށް ގޮސް ވާނުވާ ބެލީމާ ރޯމަހެއް ތެޅޭހެން އެކްޓިވިސްޓުންތައް އުޅުނުގޮތް އެހެރީ ފެންނަން. ނުވާވަރުން ކޮން ފޮންޏެއްތަ ތި ކަނޑަނީ.
ތަމީމު
24 August 2025
ސަރުކާރުން، ބޭނުންވީމަ ބޭނުންވާ ޕްރޮޖެކްޓެއް ބޭނުންވާހާ ކުންފުންޏަކާ ހަވުކުރެވޭ ގޮތަކަށް ނޫން، ނިޒާމު އޮތީއެއް. ދައުލަތުގެ ކުންފުނިތަކުން، ޕްރޮޖެކްޓުތަކާ ހަވާލުކުރަމުންދަނީ، ދިވެހިރާއްޖޭގެ މާލިއްޔަތު ގަވާއިދާ ހިލާފަށް! އަދި ކުންފުނިތަކުގެ މެންޑޭޓުން ބޭރުން!