މަސީހަށް ވޯޓުނުލާން ނިންމެވުމާ އެކު ޕީޕީއެމްގެ ޕީޖީގެ ވައިބަ ގުރޫޕުތަކުން އަމީތު ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އެމަނިކުފާނާ އެއްކޮޅަށް ވޯޓް ނުދެއްވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު އަމީތު އިއުލާން ކުރެއްވުމާއެކު، އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބަ ގުރޫޕްތަކުން އޭނާ މިރޭ ބޭރުކޮށްފި އެވެ.


"ގައުމުގެ މަސްލަހަތަށްޓަކައި ވެސް އަހަރެންގެ އަޚުންގެ ކިބައިން ވެސް އެދެން އެ ގޮތަށް [މަސީހު މަގާމުން ވަކިކުރުން] އަމަލު ކުރުމަށް،" ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބަ ގުރޫޕްތަކުން އަމީތު ބޭރުކޮށްލަން ޖެހުނު ސަބަބާ ގުޅޭ ޓްވީޓްގައި އޭނާ ވިދާޅުވި އެވެ.

"ﷲ ފިޔަވައި އެހެން ފަރާތެއް ދެކެ ބިރު ނުގަނޭ."

އަމީތު މި ޓްވީޓް ކުރެއްވިތާ ބައިގަޑިއެއްހާއިރުގެ ތެރޭގައި، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވައިބާ ގުރޫޕްގައި ވިދާޅުވީ، އަމީތުގެ ޓްވީޓާ ގުޅިގެން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބަ ގުރޫޕްތަކުން އަމީތު ބޭރުކުރައްވަން ނިންމަވައިފިން ކަމަށެވެ. އަދި އެ މެސެޖާ އެކު އަމީތު ވަނީ ޕާލަމެޓްރީ ގުރޫޕުގެ އިތުރުން ޕީޕީއެމްގެ އެހެނިހެން ވައިބަ ގުރޫޕްތަކުން ވެސް ބޭރުކޮށްފަ އެވެ.

މަސީހާ އެއްކޮޅަށް މިއަދު ވޯޓު ނުދެއްވާނެ ކަމަށް އަމީތު އިއުލާން ކުރެއްވީ، މަސީހުގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުގައި އެމަނިކުފާނު ސަލާމަތް ކުރުމަށް ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން ވަނީ ތްރީލައިން ވިޕް ނެރުނުތާ އިރުގަނޑެއްގެ ތެރޭގަ އެވެ.

އަމީތަކީ މި މަހުގެ ކުރީކޮޅުން ފެށިގެން ސަރުކާރުގެ އެކި ސިޔާސަތުތަކާ ދެކޮޅަށް ސޯޝަލް މީޑިއާގައި ފާޅުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ބިދޭސީންނަށް ބިލް މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ ދެކޮޅަށް ވެސް އަމީތު ވަނީ ޓްވީޓްތަކެއް ކުރައްވައިފަ އެވެ. އެ އިސްލާހު ފާސްކުރުމަށް 2015 ގައި ރައްޔިތުންގެ މަޖިލިހުގައި ވޯޓު ދެއްވި އަމީތު ވިދާޅުވެފައި ވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ ވަކި ބަޔަކަށް އޭގެ މަންފާ ލިބޭ ގޮތް ހެދުމަށް ކަމަށް މަޖިލީހުގެ މެމްބަރުންނަށް އޭރު އަންގާފައި ނެތް ކަމަށެވެ.