ރިޝްވަތު ހުށަހެޅި ކަމަށް ބުނެ ގާސިމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވައިފި

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.


ޕްރޮސިއުޓަ ޖެނެރަލްގެ އޮފީހުގެ އިސް އޮފިޝަލަކު އެކަން ކަށަވަރުކޮށްދެއްވި ނަމަވެސް އޭގެ ތަފުސީލެއް އަދި ނުދެއްވަ އެވެ.

މި މައްސަލާގައި މާމިގިލީ ދާއިރާގެ މެމްމަބަރު ގާސިމް ވަނީ ދެ ފަހަރެއްގެ މަތިން ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފަ އެވެ.

ގާސިމް މީޑިއާގައި ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ތަހުގީގެއް ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން އަބްދުﷲ މަސީހު ވަކިކުރަން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލާގައި މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެންބަރުން އިތުރު ދައުރަކަށް ހޮވަން އިނާޔަތްތަކެއް ދެއްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ގާސިމް ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް ޓިކެޓް ދީ އެ މެންބަރުން ހޮވުމަށް ގުޅިފައިވާ ސިޔާސީ ހަތަރު ޕާޓީން ކޮށްދެވެން ހުރި މަސައްކަތެއް ކޮށްދޭނެ ކަމަށެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެއީ ޖުމްހޫރީ ޕާޓީގެ އިތުރުން، ޕީޕީއެމް، އެމްޑީޕީ އާއި އަދާލަތު ޕާޓީ އެވެ.

މެމްބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި ގާސިމް އެންމެ ފަހުން ފުލުސް އޮފީހަށް ހާޒިރުކުރީ އޭނާގެ ފޮޓޯ އާއި އޯޑިއޯ ސާމްޕަލް ނެގުމަށެވެ. އެއީ މި މަހުގެ ދެވަނަ ދުވަހު އެވެ.

މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ގާސިމް ވިދާޅުވީ، މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމަށް އޭނާގެ މައްޗަށް ކުރާ ތުހުމަތުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި އެ މައްސަލާގައި ޖަލަށް ލާފާނެތީ ޖެހިލުންވެވަޑައި ނުގަންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ސަރުކާރާ އިދިކޮޅަށް އުފައްދާފައިވާ ކޯލިޝަންގެ އެންމެ އިސްވެރިންގެ ތެރެއިން މިވަގުތު އެއްވެސް ކުށެއްގައި ނުބެދި، މާލޭގައި ހުންނެވި ހަމައެކަނި ބޭފުޅަކީ ގާސިމް ކަމަށް ވާއިރު، އޭނާގެ ޕާސްޕޯޓް ވެސް ފުލުހުން ވަނީ އެއް މަސް ދުވަހަށް ހިފަހައްޓައިފަ އެވެ.