ގާސިމް ފުލުހަށް ހާޒިރުކޮށް، އޭނާގެ ފޮޓޯ އާއި އޯޑިއޯ ސާމްޕަލް ނަގައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގާ ގުޅިގެން ގާސިމް މިއަދު ފުލުހަށް ހާޒިރުކޮށް އޭނާގެ ފޮޓޯ އާއި އޯޑިއޯ ސާމްޕަލް ފުލުހުން ނަގައިފި އެވެ.


ގާސިމްގެ މައްޗަށް ފުލުހުން ތަހުގީގު ހިންގަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މިދިޔަ ހަފުތާގައި މަޖިލީހުގައި ނެގި ވޯޓުގައި، މަސީހާ ދެކޮޅަށް ވޯޓު ދޭ ފަރާތްތަކަށް އިނާޔަތް ދެއްވާނެ ކަމަށް ގާސިމް ވިދާޅުވެފައިވާ މައްސަލަ އެވެ. އެ މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް އޭނާ ފުލުހަށް ހާޒިރުކުރި އެވެ.

މިއަދު ހަވީރު ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު، ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އޭނާ މިއަދު ހާޒިރުކުރީ އެ މައްސަލާގައި އޭނާގެ ފޮޓޯ އާއި އޯޑިއޯ ސާމްޕަލް ނެގުމަށް ކަމަށާއި އޭނާގެ ވީޑިއޯ އެނަލިސިސްއެއް ހަދަން ފުލުހުން ބޭނުންވާ ކަމަށެވެ. ފުލުހުން ކުރަންޖެހޭ ތަހުގީގުތައް ކުރަންޖެހޭ ކަމަށާއި ފުލުހުންގެ މަސައްކަތް ބަލައިގަންނަ ކަމަށް ވިދާޅުވި އެވެ.

"ބަޔަކު ރިޕޯޓްކޮށްގެން ކުރައްވަންޖެހޭ ތަހުގީގެއް އެ ބޭފުޅުން ކުރައްވަން ވާނެ. އަޅުގަނޑު އެޕްރިޝިއޭޓް ކުރަން އެކަން. އެ ބޭފުޅުން އަދާކުރަންޖެހޭ ވާޖިބެއް އަދާކުރަންޖެހޭނެ،" ވަކީލުންނާ އެކު ހުންނަވައިގެން ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކޮންމެ ތުހުމަތެއް އޭނާގެ މައްޗަށް ކުރިޔަސް، ރައްޔިތުންގެ ހައްގުގައި އޭނާ ކުރައްވަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. އިދިކޮޅު ލީޑަރުންނާ ގުޅިގެން ކުރައްވާ މަސައްކަތް އަދިވެސް ކުރައްވާނެ ކަމަށާއި ކިތަންމެ ބިރެއް ދެއްކިޔަސް، އެ މަސައްކަތް ހުއްޓާލާނީ ސަރުކާރުގެ އަނިޔާވެރިކަން ހުއްޓުވާލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.