އެސްޖެހި ގެލެރީ ކެފޭގައި ބަޔަކު: މިއީ މާލޭގައި މިހާރު ހުރި އެންމެ ގިނަ ދުވަސްވީ އެއް ގެ
06 އެޕްރީލް 2017 - 14:13
މާލޭގައި ހުރި އެންމެ ދުވަސް ވީ އަދި ތާރީޚީ ތަންތަނުގެ ތެރޭގައި ހިމެނޭ އެސްޖެހި ގެލެރީ ނުވަތަ ކުރީގެ ނަމުން ނަމަ، އެސްޖެހި ގަނޑުވަރުގެ އޮނިގަނޑު ވިއްކާލަން ނިންމައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހުކުރު މިސްކިތް ކައިރީގައި ހުންނަ އެސްޖެހި ގެލެރީގެ އޮނިގަނޑުގައި ހުރި ޒަމާންވީ ލަކުނޑީގެ ބާވަތްތަކާއި އެތަނުގައި ހުރި އެނޫން ވެސް ތަކެތި ވިއްކާލަން ވެރިފަރާތުން އަންނަނީ ތައްޔާރުވަމުންނެވެ.
އެސްޖެހި ގެލެރީ މިހާރު ނިސްބަތްވާ އާއިލާގެ ފަރާތުން "މިހާރު" އާ ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ އެ އިމާރާތުގެ އޮނގިނޑު ވިއްކާލަން ނިންމީ އާއިލާ ދިރިއުޅެން އެތަނުގައި އާ އިމާރާތެއް ހަދަން ކަމަށެވެ.
"އަޅުގަނޑުމެން އާއިލާ އުޅޭ ތަނެއް އެބަ ޖެހޭ ހަދަން. އެހެންވެގެން އަސްލު އެ ބިން ހުސްކުރަން ބޭނުންވެގެން އެސްޖެހި ގެލެރީގެ ސްޓްރަކްޗަ ވިއްކާލަން ނިންމީ،" އޭނާ ވިދާޅުވި އެވެ.
އެ ބިން ހުސްކުރަން އާއިލާއިން ނިންމިކަން ހެރިޓޭޖް ޑިޕާޓްމަންޓްގެ ވެރިންނާ އާއިލާ އިން ވަނީ ހިއްސާކޮށްފައި ކަމަށްވެ އެވެ.
"އެހެން ނަމަވެސް އެތަނާ ދޭތެރޭ އެ ބޭފުޅުންގެ އެހާ ޝައުގުވެރިކަން ހުރި ކަމަކަށް ގަބޫލެއް ނުކުރެވޭ. އެ ބިމުގައި އިމާރާތް ކުރުމުގެ ހުއްދައަކަށް އެދުނީމަ ސަރުކާރުން ވަނީ ހުއްދަ ވެސް ދީފައި،" އާއިލާގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
އެސްޖެހި ގެލެރީގެ އޮނިގަނޑު ވިއްކާލަނީ، ރޫޅާލައިގެން ގެންގޮސް، އެހެން ތަނެއްގައި ރޭވޭ ގޮތަށެވެ. އެ އޮނިގަނޑު ވިއްކާލަން ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ.
އެސްޖެހި ގެލެރީއަކީ ރާއްޖޭގެ އޭރުގެ މަސައްކަތްތެރިކަން ފެންނަ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތެކެވެ. އެހެންކަމުން އެތަން ރޫޅާލައި، އޮނިގަނޑު ވިއްކާލަން އުޅޭ އަޑާ އެކު ބައެއް މީހުން ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.
އާއިލާ އިން ބުނީ އެސްޖެހި ގެލެރީ ތާރީހީ ތަނެއްގެ ގޮތުގައި ބަހައްޓައިގެން އެ އާއިލާ އަށް ލިބޭނެ ވަކި ފައިދާއެއް ނެތް ކަމަށެވެ. އަދި އެއަށް ވުރެ ބޮޑަށް އާއިލާ ދިރިއުޅޭނެ ތަނެއްގެ މުހިއްމުކަން މިހާރު ބޮޑު ކަމަށް ވެސް ބުންޏެވެ.
އެސްޖެހި ގަނޑުވަރުގައި މިހާރު ހިންގަމުން އަންނަ އެސްޖެހި ގެލެރީ: މިތަން ހަދަން ނައުފަހަރުގެ ލަކުޑި ވެސް ބޭނުންކޮށްފައިވޭ
އެތަން ނިސްބަތް ވަނީ އެސްޖެހި ގަނޑުވަރު މާފަތް ކަލޭގެފާނަށް ކަމަށް ތާރީހީ ލިޔުންތަކުގައި ބުނެ އެވެ.
އެކަލޭގެފާނަކީ ސުލްތާން އިމާދުއްދީން ހަވަނައިގެ ރަސްކަމުގެ ދުވަސްވަރު އުޅުއްވި ވަރަށް މަޝްހޫރު ބޭފުޅެކެވެ. ރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ އާއިލާއާ ވެސް އެކަލޭގެފާނުގެ އާއިލާ ގުޅިފައިވެ އެވެ.
އެސްޖެހި ގެލެރީގެ ލަކުނޑީގެ މަސައްކަތްތަކުން ދައްކުވައިދެނީ މީގެ ގަރުނެއް ކުރިން ދިވެހިންގެ މަސައްކަތްތެރިކަމާއި ފާޑުވެރިކަން އޮތް ގޮތެވެ.
ރާއްޖޭގެ ތާރީހު ދިރާސާ ކުރެއްވި މަޝްހޫރު ބޭފުޅެއް ކަމަށްވާ އަހުމަދު ޝަފީގް ލިޔުއްވާފައިވާ ގޮތުން އެސްޖެހިގަނޑުވަރު ބިނާކުރި ކަމަށް ބެލެވެނީ 19 ވަނަ ގަރުނުގެ މެދުތެރޭގަ އެވެ.
ތާރީހީ ބައެއް ލިޔުންތަކުން އެނގޭ ގޮތުގައި ރާއްޖެ އަށް އެކި ފަހަރުމަތިން އުރުނު ނައުފަހަރުތަކުގެ ލަކުޑި ވެސް އެސްޖެހި ގަނޑުވަރުގައި ބޭނުންކޮށްފައިވެ އެވެ. އޭގެ އިތުރުން އެ ގަނޑުވަރަށް ޚާއްސަކޮށްގެން ބޭރުން ވެސް ލަކުޑި އެތެރެކުރި އެވެ.
އެސްޖެހި ގެލެރީ މިހާރު ހިންގަނީ ކެފޭއެއްގެ ގޮތުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލަކުރި
07 April 2017
ގެ ހަދާނެ ފައިސާ ނެތަސް ތިތަން ނުވިއްކާ، ކޮންމެވެސް އެހެން ގޮތަކުން ފައިސާ ހޯދައިގެން ބޭނުންވަރަކަށް ގެއުސްކުރުމަށް ފަހު އެގޭގައި ހިންގޭ އެކިއެކި ވިޔަފާރި ހަރަކާތްތަކަށް މީހުންގެ ޝައުޤުވެރިކަން ދަމައިގަންނަ ބާރެއްގެ ގޮތުގައި ތި ތާރީޚީ ފަންނުވެރި ބިނާ ތިޔަ ގޭގޭ އެންމެ މަތީ ފްލޯގައި ޤާއިމުކުރުމަށް ފެނޭ
ތުއްތުމަނިކު އިހަވަންދޫ
06 April 2017
މަ ބޭނުން ތިތަން ދިވެހިތާރީޚަށްޓަކައި ގެނެސް މަގޯތީގައި ބަހައްޓަން. އެކަމަކު މަށަކަށް ތިތަނެއް ނުގަނެވޭނެ. އެއްލާލަންޔާ އަންގާލާތި.
ޒ
06 April 2017
ތިޔަތަން ވިއްކާލީމަ ތިޔތަނުގެ ހިސްޓޯރިކަލް ވެލިއު ދިޔައީ. ތާރީޚީ އޯތެންސިޓީ ދިޔައީ. ގެއްލުނީ. އޭރުން ވާނީ ކަޅުވަކަރު މިސްކިތަށް ވީހެން. އަގުވެއްޓޭނީ. ތިޔަތަން ވެގެން ދާނީ އާޓް ވާކަކަށް. މާރަނގަޅުވާނެ ތިޔަތަނުގައި 12 ބުރީ އިމާރާތެއް ހަދާފައި 10 ބުރި އާއިލާ އަށް އެއް ބުރި ޝޮޕަކަށް އަނެއް ބުރި އެސްޖެހި ގެލެރީ ކެފޭ އަށް ހިންގަން. ވީމަ ތަން ރޫޅާލާފައި ނުވިއްކާ ބާއްވާ ފަހުން ރާވާލަން
GAN Island
06 April 2017
ތިހުރިހާ މައްސަލަތައް މެދުވެރިވަނީ Decentralization އުސޫލު ވެރިކަން ހިންގުމުގައި ނެތުމުން. ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމާއި ދައުލަތުގެ އާމްދަނީ ނުވަތަ ހަމަޖެހޭ އުސޫލަކުން Distribution of wealth ބޭއްވުމަށް ދައުލަތުގެ ޤާނޫނު އަސާސީ ގައި ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ކަންކަން ހިންގުމަށް އަމުރުކޮށްފައި ވަނިކޮށް ދައުލަތުގެ ޤާނޫނު އަސާސީ ކޮށާލުމަށް ފަނު ބާރުތައް Centralized ކޮށް ތިޔަ މުޤައްދަސް ރަށް ގަނޑަށް ޖަމާ ނުކުރެއްވިނަމަ ތަރިކަތަކާއި އެހެނިހެން ކަންކަން ވެސް ނެދިގެނެއްނުދާނެ. . . . އާއިލާގެ ވާހަކަ ތަކަށް ދާއީދު ކުރުމާއި އެކު ދަންނަވާލަންޖެހެނީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގިނަމަ ތިބޭފުޅުންނަށް ވެސް ތިޔަ އަގޮބޮޑު ވަސީލަތް ނުވަތަ Cultural property ބޭނުންކޮށް ތިއީ އާމްދަނީ ލިބޭނެ ވަސީލަތެއްގެ ގޮތުގައި ބެހެއްޓުމާއި އެކު އަރާމް ރީތި ދިރިއުޅުމެއް މާލޭގައި އުޅޭނެ ފުރުސަތު ގެއްލިގެން ނުދާނެއޭ. . . . . ރާއްޖޭގެ އެހެން ރަށްރަށާއި އަތޮޅު ތަކުގެ ރައްޔިތުންނަށް ދިރިއުޅުމަށް މަސައްކަތް ކުރުމަށް އޮތް ފުރުސަތުތަކަށް އަޅާފައިވާ ދަތިކުރުން ނައްތާނުލާހާ ހިދު އަދި ، ދައުލަތުގެ މާލީ ތަނަވަސްކަމާއި ޤުދުރަތީ މުައްސަނދިކަން އިންސާފުވެރިކަމާއި އެކު އެންމެ ރައްޔިތުންގެ މެދުގައި ބަހަން ސަރުކާރުން ބޭނުން ނުވާހާ ހިދު މިފަދަ މައްސަލަތަކުގެ އިތުރަށް ''މާ ބޮޑެތި މައްސަލަތައް'' ކުރިމަތިވާނެ ކަން މިހާރު ވިސްނާލަން ޖެހޭ.
ލަފާ
06 April 2017
ތިޔަތާގައި ދިހަބުރީ ފައުންޑޭޝަން އަޅާފަ ތިރީބައިގައި އަލުން ތިޔަ ތަން ރާވާލާ އޭރުން ތާރީޚަށްޓަކައި ވެސް ތިޔަ ގަނޑުވަރު ހިމާޔަތްކުރެވޭނެ. އަދި ފަތުރުވެރިން ވަރަށް ގަޔާވާނެ. އޭރުން އާއިލާ ދިރިއުޅޭނީ މަތީ ފްލޯތަކުގަ
ޙަސަންބެ
06 April 2017
ސަޅި ހިޔާލެއް ބްރޯ
އައްކަޅޭ
06 April 2017
ހާދަ ކޮފީ މީރު ތަނެކޭ ތީ.
ކައުންސެލަރު
06 April 2017
ނުވިއްކާ ހަމައެކައްޗެއްވެސް ނެތީ!!!!!!
އަޑީބް އެންޑް ބަދީއް
06 April 2017
ހާދަ ދެރައޭ.