ގާސިމް ހައްޔަރުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ކޯޓު އަމުރެއްގެ ދަށުން ދެންމެ ހައްޔަރުކޮށްފި އެވެ.


ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުވައިގެން މެމްބަރުންނަށް ރިޝްވަތު ދޭން މަސައްކަތް ކުރި ކަމަށް ބުނެ ކުރާ ތުހުމަތުގެ ތަހުގީގަށެވެ.

ގާސިމް ދެންމެ ހައްޔަރުކޮށްގެން ގެންދަނީ.---މިހާރު ފޮޓޯ

ގާސިމް ހައްޔަރުކުރަން ބޭނުންވާ ސަބަބެއް ކަމަށް ކޯޓު އަމުރުގައި ބުނެފައި ވަނީ "ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތްކަމަށް 2017 މާޗް 27 ވަނަ ދުވަހު ވޯޓު ނެގުމަށް އެޖެންޑާކޮށް ވަގުތު ކަނޑައެެޅިފައި ވަނިކޮށް، ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު މާލެ/މ. މާފަންނުވިލާ ގާސިމް އިބްރާހީމް ބޭނުންވާ ވަކި ގޮތަކަށް އެ ވޯޓު އަނބުރާލުމަށްޓަކައި މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި އަދި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްގެ މައްޗަށް ނަގަން އުޅޭ ވޯޓަށް ނުފޫޒް ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ އާއި އަދި ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ދިވެހިރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ޚިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭ ފަދަ އަމަލުތަކެއް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ، މި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ އާއި އަދި މީނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްފައި ބެހެއްޓުމަކީ މީނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ތަހުގީގަށް ފެންނާތީ" ކަމަށެވެ.

ގާސިމް ހައްޔަރުކޮށްގެން ގެންދިޔަ ވަގުތު އޭނާގެ ގެ ކައިރީގައި ފުލުހުން ފޯރިމަރަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ދެ ފަހަރެއްގެ މަތިން ގާސިމް ފުލުސް އޮފީހަށް ހާޒިރުކޮށް އަދި އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ. އެކަމަކު ފުލުހުންގެ އެދުމަކަށް އެ މައްސަލަ އަނބުރާ މިއަދު ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް ވަނީ ފޮނުވައިފަ އެވެ. އޭގެ ސަބަބެއް ކަމަށް ފުލުހުން ޕީޖީ އޮފީހުގައި ބުނެފައި ވަނީ އެ ތަހުގީގަށް އަދި އިތުރަށް ބައެއް ކަންކަން ފުރިހަމަވެފައި ނެތުމެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް، އޭނާގެ ގެ މ. މާފަންނު ވިލާގައި ހުންނަވަނިކޮށް ހައްޔަރުކޮށްގެން ދޫނިދޫ އަށް ގެންދިޔަ އިރު، ޖުމްހޫރީ މައިދާން ސަރަހައްދުގައި ފުލުހުން ސަލާމަތީ ކަންތައް ބަލަހައްޓަނީ. --ފޮޓޯ ނިޝާން އަލީ/މިހާރު

ގާސިމް ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ތަހުގީގެއް ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މަސީހު ވަކިކުރަން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލާގައި މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެންބަރުން އިތުރު ދައުރަކަށް ހޮވަން އިނާޔަތްތަކެއް ދެއްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން ކަމަށެވެ. މި ތަހުގީގަށް ގާސިމް ފުލުހަށް ހާޒިރުކޮށް އޭނާގެ ފޮޓޯ އާއި އޯޑިއޯ ސާމްޕަލް ވެސް ފުލުހުން ވަނީ ނަގައިފަ އެވެ.

އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ގާސިމް ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް ޓިކެޓް ދީ އެ މެންބަރުން ހޮވުމަށް ގުޅިފައިވާ ސިޔާސީ ހަތަރު ޕާޓީން ކޮށްދެވެން ހުރި މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީތަކަކީ ޖުމްހޫރީ ޕާޓީގެ އިތުރުން، ޕީޕީއެމް، އެމްޑީޕީ އާއި އަދާލަތު ޕާޓީ އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު، މ. ކުނޫޒްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އުމުރުން 65 އަހަރަށް ވުރެ މަތިވެފައިވާއިރު، ޖަލަށް ލުމުން ކޮންމެ ފަދަ ކަމެއް ވެސް ކުރިމަތިވެދާނެ ކަމަށެވެ. މީގެ 14 އަހަރު ކުރިން 2004 ގައި ޖަލަށް ލުމުން، ހިތުގެ މައްސަލަތަކެއް ކުރިމަތިވެ، އެ ބައްޔަށް މިހާރު ވެސް ބޭސްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ކުރާ ތުހުމަތު ގާސިމް ވަނީ ތަކުރާރުކޮށް ދޮގުކުރައްވައިފަ އެވެ.

ގާސިމް މީޑިއާގައި ވިދާޅުވެފައި ވަނީ އެއީ އެމަނިކުފާނުގެ ޕާޓީއާ ގުޅިގެން މަސައްކަތްކުރާ ޕާޓީތަކުގެ މެންބަރުންނަށް ނިސްބަތްކުރައްވާ ދައްކަވާފައިވާ ވާހަކައެއް ކަމަށާއި އެކަމަކު އެ ވާހަކަ އެކި މީހުންނަށް އެކި ގޮތަށް މާނަކުރެވިދާނެ ކަމަށެވެ.

"ސިޔާސީ ގޮތުން ކަންތައްތަކެއް ހަޖަމުނުވެގެން އުޅޭ ބަޔަކު ކޮށްގެން އުޅޭ ކަންތައްތަކެއް. އަޅުގަނޑުމެން އަޑުއެހިން ދެއްތޯ ހޫނުފެން އަޅާ ވާހަކައާއި އަޅުގަނޑުމެން އަޑުއެހިން ދެއްތޯ ހިތިރަހަ ލައްވާލާނެ ވާހަކަ އާއި އަދި އެނޫން ވާހަކަތައް ވެސް. އަޅުގަނޑުމެން ނޫޅެން އެކަމަކާއެއް. ދެން ކޮންމެއަކަސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިއީ ސިޔާސީ ބޮޑު ކުޅިގަނޑެއްގެ ތެރެއިން ހިނގާ ކަމެކޭ. އެނޫން އެނެއްްހެން އެއްވެސް ކަމެއް އޮތް ކަމަކަށް ނުދެކެން،" ގާސިމް ވިދާޅުވެފައި ވެ އެވެ.