ރާއްޖޭގައި މިހާރު ހިނގާ ކަންކަމުން ތަރައްގީއަށް ހުރަސްއެޅޭނެ: ޖަރުމަން

ރާއްޖޭގެ ޑިމޮކްރަސީގެ ހާލަތު އިތުރަށް ގޯސްވެ މިހާރު އޮތީ ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީއަށް ފަހި ހާލަތެއް ނޫން ކަމަށް ޖަރުމަނުން ބުނެފި އެވެ.


ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، ސްރީ ލަންކާގައި ހުންނަ ޖަރުމަނު އެމްބަސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ޑިމޮކްރަސީގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ. އެ ބަޔާނުގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ވޯޓު ނަގާފައި ވަނީ މަޖިލީހުގެ އުސޫލުތަކާއި ގަވަައިދާ ކަނޑައެޅިގެން ޚިލާފަށް ކަމަށެވެ.

"ސިޔާސީ އިދިކޮޅު ފަރާތްތަކަށް ގޯނާކުރާ ކަމުގެ މައުލޫމާތު ލިބެމުން ދާއިރު މިއީ ޑިމޮކްރަޓިކް ހަމަތަކާ ޚިލާފް ކަމެކެވެ. މިހާރު ހިނގަމުންދާ ކަންކަމަކީ ރާއްޖޭގެ ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީއަށް ފަހި ކަންކަމެއް ނޫނެވެ." ބަޔާނުގައިވެ އެވެ.

ޖަރުމަނުން ވަނީ މީޑިއާ އާއި މަޖިލީހުގެ އިދިކޮޅު މެންބަރުންނާއި މަދަނީ ޖަމިއްޔާތަކަށް ގޯނާކުރުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި، އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް ބޭނުން ނުކޮށް ރޯލް ކޯލް ވޯޓު ނަގަން ނިންމުމުން މަޖިލިސް ތެރޭ އުފެދުނު ހަލަބޮލިކަމަށް ފަހު ވޯޓު ނަގާފައި ވަނީ އިދިކޮޅު ބައެއް މެންބަރުންގެ ނަން އިއްވައި މަޖިލީހުން ނެރުމަށް ފަހު އެވެ. އަދި އިދިކޮޅު މެންބަރުން ވަނީ ވޯޓު ބޮއިކޮޓް ކޮށްފަ އެވެ.

މި ވޯޓަށް ފަހު، މަސީހްގެ މައްސަލަ އަލުން ހުށަހަޅަން ތައްޔާރުވަމުން ދާއިރު އެކި ތުހުމަތުތަކާ ގުޅިގެން އިދިކޮޅު ފަރާތްތައް ފުލުސް އޮފީހަށް ހާޒިރުކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މަޖިލިސް މެންބަރުންނަށް ރިޝްވަތު ދީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް ހިތްވަރުދޭ ކަމުގެ ތުހުމަތުގަ އެވެ.