މަސީހާއި މޫސަ "ސަލާމަތް" ކުރުމާ ގުޅޭ އިސްލާހު ފާސްކުރަން ޖަލްސާއެއް ބާއްވަނީ

ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމުގެ ފުރުސަތު ހަނިކުރުމަށްޓަކައި ގަވައިދަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމަށް މާދަމާ ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.


މަޖިލިހުގެ ޖަލްސާތައް އާންމުކޮށް ނުބާއްވާތާ އެއް މަހަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް، މާދަމާ ހެނދުނު 11:00 ގައި ކުރިއަށް ގެންދާ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނީ ވެސް ގަވައިދަށް އިސްލާހު ގެނައުމުގެ މައްސަލަ އެކަންޏެވެ. އެއީ މަޖިލިހުގެ ރައީސާއި ނައިބު ރައީސް ކަމުގެ އިތުބާރު ނެތްކަމަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް ނިންމުމުމުގެ މައްސަލަ އެވެ.

މަޖިލިހުގެ ގަވައިދުގެ 175 (ހ) ގައި މިހާރު އޮންނަ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 15 މެމްބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު އެވެ.

މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހަނިކުރުމުގެ އިސްލާހު އާންމު ކޮމެޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ. އެކަމަކު އެއަށް އަމަލު ކުރެވޭނީ މަޖިލިހުގެ ތަޅުމުން ފާސްކޮށްގެންނެވެ. މިކަމަށްޓަކައި ބޭނުންވަނީ މަޖިލިހުގެ ސިމްޕަލް މެޖޯރިޓީ އެވެ.

މަޖިލިހުގެ ރައީސް އަބްދުﷲ މަސީހާއި ނައިބު ރައީސް މޫސާ މަނިކުގެ މަގާމު "ސަލާމަތް ކުރުމަށްޓަކައި" ގަވައިދަށް ގެންނަ އިސްލާހާ މެދު ގޮތެއް ނިންމަން ކުއްލި ގޮތަކަށް މާދަމާ ޖަލްސާއެއް ބާއްވަން ނިންމިއިރު، މޫސަ މަގާމުން ވަކިކުރުމުގެ މައްސަލަ ވަނީ އަންނަ އަންގާރަދުވަހަށް އެޖެންޑާ ކޮށްފަ އެވެ. އަދި މަސީހް މަގާމުން ވަކިކުރުމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ވަނީ ދެވަނަ ފަހަރަށް މަޖިލިހަށް މިއަދު ވައްދައިފަ އެވެ. މަސީހްގެ މައްސަލަ މިފަހަރު ވެއްދީ 31 މެމްބަރުންގެ ސޮޔާ އެކު އެވެ. ކުރީ ފަހަރު އެ މައްސަލަ ހުށަހެޅީ 26 މެމްބަރުންގެ ސޮޔާ އެކު އެވެ.

މިދިޔަ މަހުގެ 27 ގައި އޮތް ވޯޓުން މަސީހް ސަލާމަތްވި ނަމަވެސް އިދިކޮޅު މެމްބަރުން ވަނީ އެ ދުވަހުގެ ޖަލްސާ ބޮއިކޮޓް ކޮށްފަ އެވެ.