ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތަށް ފަހު ގާސިމް ނުކުމެވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
13 އެޕްރީލް 2017 - 14:02
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމުގެ އަމުރު ނެރޭނެ ތަނެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ސިއްރު މަޖިލިހެއްގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި، ގާސިމް ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ކަނޑައެޅީ، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ދައުލަތުން އެދުމުންނެވެ. ދެ ފަރާތަށް ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ފަހު ގާޒީ އާދަމް އާރިފް ނިންމެވީ ގާސިމް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށެވެ
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ގޮޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އަދި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލިހުގައި އެ ދައުވާތައް އިއްވުމުން ގާސިމް ވަނީ ދައުވާތަކަށް އިންކާރު ކުރައްވައިފަ އެވެ.
މިއަދުގެ ޝަރީއަތަށް ފަހު، ގާސިމްގެ ވަކީލު ވަހީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
ގާސިމްގެ ވަކީލް އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) "މިހާރު" އަށް ވިދާޅުވީ ގާސިމްގެ ބަންދާ މެދު ނިންމީ ވަރަށް އިންސާފުވެރި ނިންމުމެއް ކަމަށެވެ. އަދި ދެ ފަރާތުގެ ވާހަކަތަކަށް އެކަށީގެންވާ މިންވަރަށް ގާޒީ ފުރުސަތު ދެއްވި ކަމަށް ވައްޑެ ވިދާޅުވި އެވެ.
"ވަރަށް މިނިވަން، އިންސާފުވެރި ޝަރީއަތެއް މިއަދު ކުރިއަށް ދިޔަ ތަން އަޅުގަނޑުމެންނަށް ފެނުނީ. ގާނޫނު ނެގެހެއްޓޭ ތަން އަޅުގަނޑުމެންނަށް ފެންނާތީ ވަރަށް ބޮޑަށް އުފާކުރަން،" އޭނާ ވިދާޅުވި އެވެ.
"ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ" ގެ ޝަރީއަތް ނިމެންދެން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒް ވެސް ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހެނދުނު ވަނީ ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމިދު
14 April 2017
އަޖައިބެއް ފަހެ ނުވާނެ. މިއަދު އިދިކޮޅު ފަރާތްތަކާ އެއްކޮޅަށް ކޯޓުން ކަމެއް ނިންމާއިރަށް މި ބުނަނީ ވަރަށް އިންސާފުވެރިއޭ. ކޯޓުން ގާނޫނު ނަގަހައްޓާތީ ވަރަށް އުފާ ކުރަމޭ. ދެން ކީކޭތޯ ބުނާނީ. މާދަމާ ގާސިމް އަށް ހުކުމް ކުރީމާ ބުނާނެ، ކޯޓު އެއޮތީ ހިސާރު ކޮށްފައޭ...!
ބޮލައްތުރާ
13 April 2017
ގާސިމް ދޫކޮށްލީ މުޒާހިރާކުރޭތޯ. އެހިސާބުން އިމްރާނަށް ހެދިހެން ހަދާނީ. ޔާމީން ދަސްނުވޭދޯ ދިވެހިންނަށް.؟
ރިވެތި
13 April 2017
ރިވެތިކަމަކީ ދެކޮޅު ހަމަހަމަވުމެވެ.
ލާ މަސީލު
13 April 2017
އާދަމް އާރިފް ކުރިމިނަލް ކޯޓްގެ ގާޒީއަކަށް ވުމުން .. އުފަން ރަށުގެ ދަރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު ހުރީ ވަރަށް ބިރުން .. ސަބަބަކީ އާދަމް އާަރިފްގެ ރަނގަޅު މިޒާޖު އާ ދީނީ ހޭލުންތެރިކަން ހުރިގޮތް އެނގޭތީ އޭނާވެސް ރިޝްވަތަށް ހުށަހެޅިދާނެތީ ... މިއަދު އުފާކުރަން .. ފައިސާއާ .. މަގާމަށް ވުރެ އިންސާފް އިސްކުރީތީ .. މާދަމާ ކަންނޭގެ ނަގާ އެއްލާލާނީ .. އެކަމަ އިންސާފުން އެއްކިބާ ވެގެން ހުރެ ޝަރީއަތްކުރާ މީހުންނަށް ހުރި ވަޢީދުގެ ބަސްފުޅުތައް އެނގޭ އިރުވެސް ގިނަމީހުން ބޭނުންވަނީ ދުނިޔޭގެ ފައިދާ ގަނޑު .. އިންސާފްޤާއިމް ކުރަން ކެރޭ ޤާޒީން މިގަވްމުގައި ގިނަކުރައްވާށި.... ﷲ ތިބާއަށް ހެޔޮޖަޒާ ދެއްވާނެ..
މުހަންމަދު
13 April 2017
ހޫނނނނނ! ޤަބޫލުކުރެވޭގޮތުގައި، ތިޔައީ ވަގުތީ ޑުރާމާއެއް! ކުރެވުނު ހުތުރުކަމުގެ ހުތުރުކަމާއިއެކު ކުޅެލައި، ދައްކާލި ތަމްސީލެއް! އަޅުވާލި އަނދުނެއް! ބޭރުން އަންނަ ފިއްތުންތަކަށް ރަމްޒީ ދައްކާލުމެއް! މިހަދައިލިގޮތުން ސަރުކާރަށް ފިސާރި ގަދައަޑުން ތިމަންނަމެން ފުލުހުންގެ ދާއިރާއަކަށްވެސް، އަދި ޝަރުޢީދާއިރާއަކަށްވެސް ނުފޫޒެއް ނުފޯރުވަމޭ ބުނެވެން އޮންނާނެ! ސަރުކާރުގެ އެއްވެސް އިޚލާޞްތެރިކަމެއް އޮތްނަމަ، ޤާނޫނާއި ޚިލާފަށް ޤާސިމް ހައްޔަރުކުރަން ފުލުސް އޮފީހުން މައްސަލަ ބެލިބަޔަކާއި، ކޯޓުއަމުރެއްހޯދައި އެކަންކުރަން ނިންމިބައެއްގެ އިތުރުން ކޯޓުން އެއަމުރު ނެރެދިންބައެއްގެ މައްސަލަ ސަރުކާރުގެ ކަމާބެހޭ ދާއިރާމެދުވެރިކޮށް މައްސަލަ ބަލައި، އެކަމުގައި އިހުމާލުވެ ޒިންމާވާމީހުންގެމައްޗަށް ދަޢުވާއުފުލައި، ފުލުހުން ދަމާފައޮންނަ އެއްޗެއް ނުވަތަ ޖަހާފައޮންނަ ބެރިކޭޑެއް ހުއްދައެއްނެތި ހުރަސްކުރުމުން، ނޫނީ ޤާނޫނާއި ޚިލާފުވާ ޢާންމުރައްޔިތުންގެމައްޗަށް ދަޢުވާއުފުއްލައި، އަދަބުދެވޭފަދައިން އަދަބުދީ، ވަޒީފާއިންވެސް ވަކިކުރެވެންޖެހޭނެކަމުގައި ބެލެވޭ! މިކަންކުރިބަޔަކާއިމެދު މިބުނިގޮތަށް ފިޔަވަޅުނާޅާކަމުގަވާނަމަ، ދިވެހި އެއްވެސް ފަރުދެއްގެމައްޗަށް ޤާނޫނާއި ޚިލާފުވެޔޭކިޔާފައި ދަޢުވާކޮށްގެންނުވާނެ!
ކަރުންމަތީގެ ޑޮކްޓަރު
13 April 2017
އިދިކީލި ވެގެން އުޅޭ މީހުން ބުނާނެ އަދިވެސް ކޯޓުތައް މިނިވަނެއް ނޫނޭ އެވެނި މީހެއްގެ ދެފައިދޭތެރޭގަ ކޯޓުތައް ހުރީ ފިތިފަޔޭ. ބަލަ ކޯޓުން އެއްކަލަ އެވެރިންނާ އެއްކޮޅަށް ނިމުނީމަ މިހާރު ކޯޓުތައް ވަރެއްނެތިގެން އުޅޭތަން ފެންނަނީ. ދެން އެވާހަކަ ދައްކާނެ ކަމެއްނެތް އެވާހަކަ ބާއްވާ....
ޖޯޖް
14 April 2017
އިދިކީލިވެފަ އޮތީ މި ސަރުކާރު ތިހެން ދަޅަ ދައްކަން ނެރޭ އަމުރަކުން ރައްޔިތުން މޮޔަ ނުހެއްދޭނެ
ސީދި
13 April 2017
ފޮރިން ސެކެއްޓްރީގެ ކަންތައްބާ؟
އުމަރު
13 April 2017
ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށް ގެންދިއުމަށް ކޯޓް އަމުރެއް ނުދިނަސް އަދި ބަލައިގެންނުވާނެ މައްސަލަ އެމީހުން ދޫކޮށްލާނެކަމަކަށް، އެހެންކަމުން އެންމެ ރަނގަޅުވާނީ ރާއްޖޭގެ ފުންނާބު އުސް ވަކީލުން އަދިވެސް ޤާނޫނުގެ މައްސަލަތަށް ނަގައިގެން ޓީވީޗެނަލްތަކަށް އަރުވައިގެން ކިޔައިދިނިއްޔާ، އެހެންކަމުން އަޅުގަނޑު ވީޓީވީއަށް އަދި ގުޅިފައިވާ ހުރިހައި ޕާޓީއަކަށް ގޮވާލަން ބޭނުންވަނީ ވީހާވެސް ގިނަ ޤާނޫނީ ވަކީލުން ހޯދުމަށް، އަދި ރާއްޖޭގައިތިބި އިންޓަލެކްޗުއަލް މީހުންނާއި ބައްދަލުކޮށް ރާއްޖޭގެ ހާލަތާއި ބެހޭގޮތުން ވާހަކަ ދެއްކުވުމަށް، ހަމައެކަނި ސިޔާސީ މީހުން އިދިކޮޅުން ނެރެގެން ސަރުކާރު ހަމަ މަގަށް ނެއެޅުވޭނެ، އެކަން ކުރެވޭނީ ސިޔާސީނޫން އާދައިގެން އާންމުންވެސް ނިކުމެ އެމީހުންގެ ހިޔާލް ފާޅުކޮށްގެން، އާންމު އާދައިގެ މީހާގެ ހިޔާލުވެސް ރައީސް ޔާމީނުގެ ކަންފަތާއި ހިސާބައް އަޑުއިވެންޖެހޭ އަދި ފަނޑިޔާރުންގެ ކަންފަތަށްވެސް އަޑުއިވެންޖެހޭ
މުންކޮ
13 April 2017
އަދިވެސް ބުނާނެ ރައީސް ޔާމީން ޝަރުއީ ދާއިރާއަށް އަތް ފޯރުވައޭ، އަތް ފޯރުވާ ނަމަ ގާސިމްވެސް ރިޔާޒުވެސް އޮންނާނީ ހުކުމްކޮށްފަ، މިއިންސާނާ އަނގައިން ބަސް ނުހުއްޓޭނެ ﷲގެ ހަޒުރަތުގަ ކޮޅައް ހުންނަން ޖެހޭ ދުވަހުވެސް،
ބޮކިޓޯ
13 April 2017
ކޮސް ނުގޮވަ ބަލަ ބުރޯ
މަންސޫރު
13 April 2017
ކޮންމެ މީހަކަށްވެސް ބޯ ރަތްކުރެވިދާނެެއެންނު؟ ދެން ދަންނަވަން އޮތް ހިސާބަށް ދަންނަވާ ނިމުނީ.