ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ހިތަދޫގައި ހެދި 264 ފްލެޓަށް ކުރިމަތިލި މީހުންނާ އަންނަ މަހުގެ ތެރޭގައި ފްލެޓްތައް ހަވާލު ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހިތަދު އާއި ހުޅުމީދޫގެ ފްލެޓްތަކަށް ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ މެއި މަހު އެވެ. މުއްދަތު ހަމަވި އިރު، ހިތަދޫ ފްލެޓްތަކަށް އެދި 585 މީހަކު ވަނީ ފޯމް ހުށަހަޅައިފަ އެވެ.
ހުޅުމީދޫގައި އިމާރާތް ކުރި 48 ފްލެޓަށް ދެ ފަހަރެއްގެ މަތިން ވެސް ހުޅުވާލައިގެން، އެދެވޭ ތަރުހީބެއް ލިބިފައެއް ނުވެ އެވެ. އެންމެ ފަހުން ހުޅުވާލި ސުންގަޑި ހަމަވީ މިދިޔަ މަހުގެ ދޭއްގަ އެވެ.
އެހެންވެ އެ ފްލެޓްތަކަށް ކުރިމަތިލާން އަނެއްކާ ވެސް ހުޅުވައިލަން ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އަދި އަލުން ހުޅުވައިލާނީ ކުރީގެ ޝަރުތުތަކަށް ލުޔެއް ގެނައުމަށް ފަހު ކަމަށް މިނިސްޓްރީން ބުންޏެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޒިޔާދު "މިހާރު" އަށް ވިދާޅުވީ ހިތަދޫ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ފޯމްތަކުގެ އިވެލުއޭޝަން މިހާރު އެއްކޮށްހެން ނިމިފައިވާ ކަމަށެވެ.
ހިތަދޫގައި ހެދި 246 ފްލެޓްގެ ތެރެއިން ބައެއް ފްލެޓްތައް ހާއްސަކޮށްފައި ވަނީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ރައްޔިތުންނަށެވެ.
"އަސްލު ހިތަދޫން ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ފޯމްތައް ވެރިފައި ކުރުމުގައި އިތުރު ވަގުތު ނަގަން ޖެހިގެން މި ޕްރޮސެސް ހަގީގަތުގައި ޑިލޭވެގެން ދިޔައީ،" ޒިޔާދު ވިދާޅުވި އެވެ.
"އެހެން ނަމަވެސް މިހާރު ހަމަ ހުރިހާ ފޯމްތަކެއްގެ އިވެލުއޭޝަން މި ވަނީ އެއްކޮށްހެން ނިމިފައި."
އޭނާ ވިދާޅުވީ އުންމީދަކީ ފްލެޓްތައް ލިބޭ މީހުންނާ އަންނަ މަހުގެ ކުރިން ފްލެޓްތައް ހަވާލު ކުރުން ކަމަށެވެ.
ފްލެޓްތައް ދޫނުކުރެވި ލަސްވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޭދޫގައި ހެދި 25 ހައުސިން ޔުނިޓް ވެސް ހަވާލު ނުކުރެވި ތިން އަހަރެއްހާ ދުވަހަށް ދިގުލައިގެން ގޮސްފައި ވެ އެވެ.
އެ ފްލެޓްތައް ހަވާލު ކުރެވުނު އިރު، އެކި ކަހަލަ ގެއްލުންތައް ލިބިގެން ހުރީ އަލުން ބޮޑެތި މަރާމާތުތަކެއް ކުރަން ޖެހުނެވެ.
އައްޑޫގައި މި ފަހަރު އެޅި ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 25،000ރ. ދައްކަން ޖެހޭއިރު، މަހު ކުއްޔަކީ 3،000ރ. އެވެ.