ރައީސްގެ އިސް ނެގުމަށް އަދަބު ލުއި ކުރެވޭނީ ހުކުމުގެ ދެ ބައިކުޅަ އެއް ބައި ތަންފީޒު ކުރުމުން ކަމަށް ކަނޑައަޅައިފި

ބޮޑެތި ކުށްތައް ސާބިތުވެފައިވާ މީހުންގެ އަދަބު ރައީސްގެ އިސް ނެންގެވުމަށް ލުއިކޮށް ދެވޭނީ ތަންފީޒު ކުރަންޖެހޭ ހުކުމުގެ ދެ ބައިކުޅަ އެއް ބައި ތަންފީޒުކޮށް ނިމުމުން ކަމަށް ހަމަޖައްސައި ގަވާއިދެއް އެކުލަވާލައިފި އެވެ.


މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނު ބުނާ ގޮތުން ހުކުމް ކުރެވިފައިވާ މީހާގެ އުމުރަށާއި ބަލި ހާލަތަށާއި އިންސާނިއްޔަތު ކަމުގެ ނަޒަރުން ބަލައި ރައީސްގެ އިސް ނެންގެވުމަށް މީހެއްގެ އަދަބު ލުއިކޮށް ދިނުމުގެ ބާރު ރައީސަށް އޮންނާނެ ކަމަށެވެ. އެކަމަކު އެ އުސޫލުގެ ދަށުން އަދަބު ލުއިކޮށް ދެވޭނެ ހަމަތަކެއް އެ ގާނޫނުގައެއް ނެތެވެ.

މިއަދު އާއްމުކޮށް، އަމަލުކުރަން ފެށި ގަވާއިދު ބުނާ ގޮތުން ބޮޑެތިި ކުށްތައް ސާބިތުވެފައި ތިބި މީހުންގެ އަދަބު ރައީސްގެ އިސް ނެންގެވުމަށް ލުއި ކުރެވޭނީ އެ މީހުންގެ ހުކުމުގެ ދެ ބައިކުޅަ އެއްބައި ތަންފީޒުކޮށް ނިމުމުންނެވެ.

ބޮޑެތި ކުށްތަކުގެ ގޮތުގައި އެ ގަވާއިދުގައި ހިމަނާފައިވަނީ މީހުން މެރުމާއި ޓެރަރިޒަމްގެ ކުށްތަކާއި އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކާއި ކުޑަކުދިންނާ ބެހުމުގެ ކުށްތަކާއި މަނީ ލޯންޑްރިންގެ ކުށްތަކާއި 14 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި ގެންގުޅެގެން އުމުރަށް ޖަލަށްލެވޭ ކުށްތަކާއި 10 އަހަރަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އަންނަ ކުށްތަކެވެ.

އެ ބާވަތުގެ ކުށްތައް ފިޔަވައި އެހެން ކުށްތަކުގައި ހުކުމް އަންނަ މީހުންގެ ހުކުމުގެ ހަތަރު ބައިކުޅަ އެއް ބައި ތަންފީޒުކޮށް ނިމުމުން ރައީސްގެ އިސް ނެންގެވުމަށް އެ މީހުންގެ އަދަބު ލުއިކޮށްދެވިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

އެ ގަވާއިދުގައިވާ ގޮތުން ރައީސްގެ އިސް ނެންގެވުމުގައި ތިން ގޮތަކަށް އަދަބު ލުއިކޮށްދެވެ އެވެ. އެއީ އަދަބުގެ މުއްދަތު ކުރުކުރުމާއި ހުކުމް ތަންފީޒު ކުރުން ފަސް ކުރުން ނުވަތަ އަދަބުގެ ބާވަތް ބަދަލުކޮށް ދިނުމެވެ. އެކަމަކު އަދަބެއްގެ ގޮތުން ވަކި އަދަދަކަށް ފައިސާ ދައްކަން ކޮށްފައިވާ ހުކުމް އައިސްފައިވާ މީހުން އެ ފައިސާ ދައްކަން ނުޖެހޭ ގޮތަށް ބަދަލު ނުކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

އެ ގަވާއިދުގެ ދަށުން ރައީސްގެ އިސް ނެގުމަށް ވެސް އަދަބު ލުއިކޮށް ދެވޭނީ ކޯޓެއްގައި އިތުރު ޖިނާއީ ދައުވާއެއް އުފުލިފައިވާ ނުވާ މީހުންނާއި އެ މީހަކީ މުޖްތަމައަށް ނުރައްކަލެއް ހުރި މީހެއް ކަމަށް ފުލުހުން ކަނޑައަޅާފައި ނުވާ މީހުންނެވެ.

ބޮޑެތި އަދަބު އައިސްފައި ތިބޭ މީހުންގެ އަދަބު ރައީސްގެ އިސް ނެންގެވުމަށް ލުއި ކުރެވޭނީ ހުކުމުގެ ދެ ބައި ކުޅަ އެއްބައި ތަންފީޒުކޮށް ނިމުމުން ކަމަށް އެ ގަވާއިދުގައި އޮތަސް މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން އޭގެ ކުރިން ވެސް އަދަބު ލުއިކޮށްދޭން އެދި ކްލެމެންސީ ބޯޑަށް އެ މީހަކަށް ހުށަހެޅިދާނެ އެވެ. އެކަމަކު އެ ގޮތަށް ވެސް ހުށަހެޅޭނީ ހުކުމުގެ ތިން ބައި ކުޅަ އެއްބައި ތަންފީޒުކޮށް ނިމިފައިވުމާ އެކު އިސްތިއުނާފްގެ މަރުހަލާތައް ނިމި، މަގްބޫލު އުޒުރެއްގެ ސަބަބުން އިސްތިއުނާފްގެ ދޮރު ބަންދުވެފައިވާ ފަރާތްތަކަށެވެ.