ގާސިމް ފުލުސް އޮފީހުން ނިކުމެވަޑައިގެން ސަލާން ކުރައްވަނީ: މިހާރު ފޮޓޯ: ހުސެއިން ވަހީދު
23 އެޕްރީލް 2017 - 10:39
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ ދެވަނަ އަޑުއެހުމަށް އޭނާ ދެންމެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.
އިތުރު ތުހުމަތުތަކެއްގައި މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމާއި ރަސްމީ ގޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އަދި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.
މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ގާސިމް ވަނީ އެ ދައުވާތަކަށް އިންކާރު ކުރައްވައިފަ އެވެ.
މިއަދުގެ ޝަރީއަތުގައި އޮންނާނީ އެ ދައުވާތަކަށް ގާސިމް ޖަވާބުދާރީވުމެވެ. ޝަރީއަތް ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހެނދުނު 11:00 ގަ އެވެ.
ގާސިމް މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަކް ކޯޓުން ވަނީ މިދިޔަ ހުކުރުދުވަހު 15 ދުވަސް ޖަހައިފަ އެވެ.
މިފަހަރު ގާސިމް ހައްޔަރުކުރީ އެކަމަށް ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ކްރިމިނަލް ކޯޓުގައި އެދިވަޑައިގަތުމުންނެވެ. އެކަމަކު އެންމެ ފުރަތަމަ ގާސިމް ހައްޔަރުކުރީ، ޕީޖީގެ ރޯލެއް ނެތި، ފުލުހުން އެދުނު އެދުމަކަށް، އިސް ގާޒީ އަބްދުލް ބާރީ ދެއްވި އަމުރަކަށެވެ. އެފަހަރު ބަންދަށް ހަ ދުވަސް ދިން ފަހުން، އެއީ ގާނޫނާ ޚިލާފު އަމުރެއް ކަމަށް، ހައި ކޯޓުން ނިންމައި، ގާސިމް ދޫކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމަދު
23 April 2017
މިރާއްޖޭގައި އަވަހަށް ކަންކަން ހިނގާ އުޞޫލާއިމެދު ޙައިރާންވެ އަންތަރީސްވާވަރު ވެއެވެ! ވީނުވީއެއްނޭނގި، ޤަތުލުކުރެވި، ވަޅުލެވި، އިންސާފެއްނުލިބިފަވާ މަރުޙޫމް ޑރ. އަފްރާޝީމް ޢަލީއާއި، ގެއްލިފައިވާ ނޫސްވެރިޔާ ރިޟުވާނުގެ ކަންތައް ހުއްޓުމެއްނެތި 24 × 7 ގަޑީގައި، ބާރުސުޕީޑުގައި ބެލެމުންދާކަމަށް، ކަމާއިބެހޭއެކިއެކިވެރިން ވިދާޅުވާއަޑު، ދޭތެރެދޭތެރޭންނަމަވެސް އިވޭތާ (އެކަމަކު މިފަހަކަށް އައިސް އެއްގޮތަކަށްވެސް މިއަޑެއްނުއިވޭ!) އަހަރަކަށްފަހު އަހަރެއް ގުނެމުން އެބަދެއެވެ. އެވިދާޅުވާ ބާރުސުޕީޑަކީ ލަފާކުރެވޭގޮތުގައި ފިނިހަކުގެ ސުޕީޑަށްވުރެވެސް ލަސް ސުޕީޑެކެވެ. އެކަމަކު ޤާސިމްފަދަ ސިޔާސީ ބޭބޭފުޅުންގެ މައްސަލައިގެ ތަޙުޤީޤުގެ މަރުޙަލާ ނިމި، ޝަރީޢަތުގެ މަރުޙަލާއާއިހަމަޔަށް މިހިރައަންނަ އަވަސް ސުޕީޑެއްތާއެވެ! ސުލައިމާން ނަބީކަލޭގެފާނުގެޒަމާނުގައި، އެރަނިކަމަނާގެ ތަޚުތު އެކަލޭގެފާނުގެ ގަނޑުވަރަށް ގެނެވުނު ސުޕީޑާއި ދާދެގާތޭ ނުބުނެވޭވަރެއްނޫނެވެ!!!
މަލަސް
23 April 2017
ސިޔާސީ މީހުންގެ ތަޙްގީގް އާއި ސަރީޔަތް ހާދަ އަވަހޭ.. މީހުން މެރީމައި ފިރުކޭ ސްޕީޑްގަ.
އިންސާފު
23 April 2017
ފުލުހުން ކިހާމޮޅު. ޝަރުޢީދާއިރާ ކިހާ ފާސްޓް. ދެން އިތުރަށް އެއްޗެއް ބުނެފިނަމަ މަގޭ ދުވަސް ހިނގައިދާނެ.
ހަސަނު
23 April 2017
ގާތިލުން ޝަރީއަތަށް ހާޒިރުކޮށްބަލަ ފުލުހުންނޭ. ކީއްކުރާ ބައެއްތަ ތީ. ތިކަންކުރާ ޒާތަށް މިކަންވެސްކޮށްބަލަ.
އުދުހޭ
23 April 2017
މިއޮއްދަނީ ފަޓާސްބަރިއެއްހެން. މިއައްވުރެ ކުރިން ކުށައެޅުނު މައްސަލައެއް ކްރިމިނަލް ކޯޓުގަ ނެތީތަ؟ ކޯޓުތަކުގައި ކަންކަން ވަމުންދާގޮތާމެދު އަޅުގަނޑު ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން ނިހާޔަތަށް ކަންބޮޑުވަން!
އަލިބެ
23 April 2017
ހާދަ ބާރުލާފަ އަވަހަށް ނިންމަންއުޅޭ ޝަރީއަތެއް. ؟ ހީވާގޮތުގައި މިވަރުން ދާނަމަ ޖަލުހުކުމެެއް ކުރާނެހެން.