ހައި ކޯޓުގައި ބޭއްވި ޝަރީއަތަށް ފަހު އިމްރާން ނުކުމެވަޑައިގަންނަވަނީ.---މިހާރު ފައިލް ފޮޓޯ
23 އެޕްރީލް 2017 - 11:41
ޓެރަރިޒަމްގެ ކުށުގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި 12 އަހަރުގެ ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
މޭ، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި "މޭޑޭ" މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ، އިމްރާން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެހެންކަމުން އިމްރާންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ ނިންމާފައި މިވަނީ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.
މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން އޭނާ ހުންނަވަނީ ގޭ ބަންދުގަ އެވެ. ގޭ ބަންދަށް ބަދަލުކުރީ ޖަލުގައި މަރާމާތެއް ކުރަމުންދާ ކަމަށް ބުނެ އެވެ. ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ބުނެފައިވަނީ ދަށު ކޯޓުން ކުރި ހުކުމަކީ ގާނޫނީ އަދި ޝަރުއީ އުސޫލުތަކާ ހިލާފަށް ކުރި ހުކުމެއް ކަން ބެލެވެން ނެތް ކަމަށެވެ. އަދި އެއީ ބާތިލް ހުކުމެއްކަން ޝަރީއަތުގައި ދެއްކިފައި ނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ. އިމްރާންގެ މައްސަލަ ބައްލަވާ ބެންޗުގައި ރިޔާސަތު ބެލެހެއްޓެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. އެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.
އިމްރާންގެ ވަކީލު ހުސްނުއްސުއޫދު ވަނީ އިމްރާންގެ މައްޗަށް އިއްވި ޖަލު ހުކުމަކީ ގާނޫނުއަސާސީގައި ހުރި މާއްދާތަކާ ހިލާފަށް ކުރި ހުކުމެއް ކަމަށް ވިދާޅުވެފަ އެވެ. އެ ގޮތުން ކްރިމިނަލް ކޯޓުން އިމްރާންގެ މައްޗަށް ކުރި ހުކުމް ބާތިލް ކުރަން ޖެހޭ 12 ނުކުތާއެއް އޭނާ ފާހަގަކުރެއްވި އެވެ. ހާއްސަކޮށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ހެކިން ހާޒިރު ކުރުމެއް ނެތި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އެކަމަކު ހައި ކޯޓުގެ ހުކުމުގައި ބުނީ ހެކި ހުށަހެޅުމުގެ ފުރުސަތު ދިނުމުން، އިމްރާންގެ ފަރާތުން ދިފާއުގައި އެއްވެސް ހެއްކެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ނުވާ ކަން ޝަރީއަތުގައި ފާހަގަވާ ކަމަށެވެ.
އެ ދުވަހު އިމްރާން ދެއްކެވި ވާހަކައިގައި އެއްވެސް މީހަކު ފަސް ނުޖެހުމަށާއި ދައުލަތުގެ "އިސް ވެރިންގެ ކަންތައް ނިންމައި" ޝަރީއަތާ ހަމައަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވިކަން، ހުކުމުގައި ބުނެފައިވެ އެވެ. އަދި މުޒާހަރާ ނިންމާލިކަން އިއުލާން ކުރައްވާފައި ނުވާ ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. މުޒާހަރާގެ ބައިވެރިން މަގުތަކަށް އެއްވެ ހަމަނުޖެހުން ހިންގައި، 17 ފުލުހަކަށާއި މުދަލަށް ގެއްލުން ދީފައިވާކަމާއި އިމްރާން ބޭނުން ކުރެއްވި ލަފްޒުތަކުން އަނިޔާ އަށް ހިތްވަރު ލިބުނުކަން އެނގޭ ކަމަށް ވެސް ހުކުމުގައިވެ އެވެ. އެހެންކަމުން އެއީ ސަރުކާރުގެ ވެރިންނަށް ޖިނާއީ ތުހުމަތުތަކެއްކޮށް ސަރުކާރާ ދެކޮޅަށް ތެދުވަން އެންގެވުންކަން ހާމަވާ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ. ދުލުން ބޭރުކުރާ ލަފްޒަކުން ނުވަތަ ގެއްލުން ދިނުމުގެ ގޮތުން ވާހަކަ ދެއްކުމަކީ ޓެރަރިޒަމްގެ ކުށެއްކަން އެނގެން އޮންނަ ކަމަށް ހުކުމުގައިވެ އެވެ. އަދި މުޒާހަރާގެ އިސް ބައިވެރިއެއްގެ ހައިސިއްޔަތުން ހަމަނުޖެހުން ހުއްޓުވަން އިމްރާން މަސައްކަތްކޮށްފައިވާ ކަން އެނގެން ނެތުމާ އެކު އެ ދުވަހު ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ޒިންމާ އިމްރާން ނަންގަވަން ޖެހޭނެ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ. މިއަދުގެ ޝަރީއަތުގައި އިމްރާނުގެ މޫނުމަތިން ހާސްކަމެއް ފެނިފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ފެނުނީ އަރިހުގައި އިންނެވި ދެ ވަކީލުން ކަމަށްވާ ހުސްނުއްސޫއުދާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުއާ، ހިނިތުންވުމާ އެކު، ވާހަކަ ދެއްކެވި ތަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުފައްކިރު
23 April 2017
މި ގައުމުގެ ލޮބުވެތި ދަރިން ރަޙުމްކުޑަ ގާތިލުން ކަތިލަމުންދާއިރު ގައުމުގެ މުއައްސަސާތަކުން ވަނީ އިހުމާލުވެފައި، ބުނާ ބަހެއްގެ ސަބަބުން ބަޔަކު ޓެރަރިސްޓުންނަށްވެ ހުރަގޭގައި ބަންދުވެފައި ތިބިއިރު ގާތިލުންްތައް މިނިވަންކަމާ އެކު މެދު އުޑުގައި ފިޔަޖަހަމުން. ހިތާމައިގެ ކޮޅެއްވެއްސް ނެތް.
މަތި
23 April 2017
ބުނާބަހަކުން ބުނާ ލަފުޒަކުން ޓެރަރިޒަމް ކަމަށްވަންޏާ ބުނަނެ އިތުރު އެއްޗެއްނެތް، ހައްގަށް ނަސްރު ލިބޭނެ ދުވަހެއް އަންނާނެ
ރިޔާޒް ރަޝީދު
23 April 2017
މިތިބަ ޕަޕެޓުންތަކެއްދޯ!!! ޗީޑި
މީރާއްޖެ
23 April 2017
އިމްރާން އަސްލު ޤާނޫނީ ގޮތުން އުފެދިފައޮތް ސަރުކާރެއް ވައްޓާލުމުގައި ބައިވެރިވި! ބުނޭދޯ އެމީހަކު ނުހައްޤުން ކުރި ކޮންމެ ކަމަކަށްވެސް ކޮންމެވެސް ގޮތަކުން އަދަބު ލިބޭނެޔޭ! ވިސްނާ ބަޔަކަށް އިބްރަތެއް..
އަނިޔާ
23 April 2017
މިގައުމުގަ ތިބި އަނިޔާވެރިންގެ ކިބައިން މިގައުމު ސަލާމަތްކުރައްވާން ދޭވެ.
އިންސާފުބޭނުން
23 April 2017
އަހަރެންނަށް މާކުރިންވެސް އިނގޭ. އެހެންވީމާ ސަޕްރައިޒެއްނުވި. ދިވެހިރާއްޖޭގައި އިންސާފު ހޯދަންދާނެ ތަނެއްނެތް.
ޖަހަަ
23 April 2017
ތިކަން އެގޭ މާކިރިންވެސް، އިޖުރާތު ފުރިހަމަކޮށްލަން ކުރާކަމެއްމީ، އިމްރާން މިހާރު ދޫކޮށްލައިގެން ހަޖަމްނުކުރެވޭނެ
އިލްހާމް
23 April 2017
ސަރުކާރުން ބޭނުން ނުވާ އެއްވެސް ކަމެއް ނުކުރާނެއޭ!