30 އެޕްރީލް 2017 - 16:35
ބުލީއާ ގުޅޭ ގޮތުން ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުވަން، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރަން އުފައްދާފައިވާ ޖަމިއްޔާ، އާކުން ހާއްސަ ޕްރޮގްރާމެއް ހިންގަަން ނިންމައިފި އެވެ.
އިސްލާމިކް ޔުނިވަސިޓީގައި ބާއްވާ މައުލޫމާތު ދިނުމުގެ މި ހަރަކާތް ކުރިއަށް ގެންދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ބެލެނިވެރިންނަށް ހާއްސަކޮށްގެން މައުލޫމާތު ދިނުން އޮންނާނީ އަންނަ ބުދަދުވަހާއި އަންނަ އާދިއްތަދުވަހު އެވެ. ދަރިވަރުންނަށް މައުލޫމާތު ދޭނީ އަންނަ ހޮނިހިރު ދުވަހާއި ހޯމަދުވަހު އެވެ.
އާކުގެ ސީނިއަ ކޮންސަލްޓަންޓް އޮން އެޑިއުކޭޝަން ނާހިދު ޝާކިރު ވިދާޅުވީ ބެލެނިވެރިންގެ ސެޝަނުން 100 މީހުންނަށް ޖާގަ ދޭނެ ކަމަށެވެ. އެ ސެޝަންތަކުގައި އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއީ އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކުރަން ކުދިންނަށް ދަސްކޮށްދިނުމާއި ބުލީކުރުމާ ދެކޮޅަށް ހިންގަމުން އަންނަ "ރެސްޕެކްޓް" ކެމްޕެއިންގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ.
ނާހިދު ވިދާޅުވީ ދަރިންނާ އެކު ބެލެނިވެރިން ހޭދަކުރަން ޖެހޭ ވަގުތުތަކާއި އަމިއްލަ ޒިންމާތައް ނަގަން ޖެހޭ ގޮތް ކުދިންނަށް ދަސްކޮށްދިނުމާއި ދަރިންނާ މުއާމަލާތް ކުރާނެ ގޮތް ވެސް މި ޕްރޮގްރާމްގައި ކިޔައިދެ އެވެ. މީގެ އިތުރުން ދަރިފުޅަށް ކުއްޖަކު ބުލީކުރާ ނަަމަ އެކަން ދެނެގަންނާނެ ގޮތާއި ބުލީގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއް ދެނެގަންނާނެ ގޮތް ވެސް ދަސްކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް މުހިއްމު ގިނަ މައުލޫމާތުތަކެއް ބެލެނިވެރިންނަށް އެނގިގެންދާނެ. އޯޑިއެންސާ ވީހާ ވެސް ގުޅިގެން، މަޝްވަރާ ވެސް ކުރެވިގެން ކުރިއަށްގެންދާނީ،" ނާހިދު ވިދާޅުވި އެވެ.
ބެލެނިވެރިންގެ ސެޝަން އޮންނާނީ ހެނދުނު 8:30-10:30 އަށެވެ.
ނާހިދު ވިދާޅުވީ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ސެޝަނުގައި ބައިވެރިވެވޭނީ ގްރޭޑް 8-12 އާ ދެމެދުގެ ދަރިވަރުންނަށް ކަމަށެވެ. މި ސެޝަންގައި 60 ކުދިންނަށް ޖާގަ ދެ އެވެ.
ހޮނިހިރުދުވަހުގެ ސެޝަން އޮންނާނީ ހެނދުނު 10:00 އިން މެންދުރު 1:00 އަށެވެ. ހޯމަދުވަހުގެ ސެޝަން އޮންނާނީ ހަވީރު 4:00 އިން ރޭގަނޑު 7:00 އަށެވެ.
ނާހިދު ވިދާޅުވީ އެކި ދަރިވަރުންގެ މެދުގައި ހުންނަ ތަފާތުތައް ދެނެގަނެ އެކުގައި އުޅޭނެ ގޮތާއި އަމިއްލަ ހުނަރުތައް ދަސްކޮށްދިނުމާއި އެހެން މީހުންނަށް ހަމްދަރުދީވާނެ ގޮތް ވެސް ކުދިންނަށް ދަސްކޮށްދޭނެ ކަމަށެވެ. އަދި ބުލީކުރުމަކީ ކޮބައިކަމާއި އެ ކަމުގެ ޝިކާރައަކަށް ވަނީ ކިހިނެއްކަން ވެސް ކިޔައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް މަޖާކޮށް މި ސެޝަންތައް ކުރިއަށްގެންދާނީ،" ނާހިދު ވިދާޅުވި އެވެ.
އާކުން މިފަހަރު ހިންގާ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް 7799544 އަށް ގުޅައިގެން ރަޖިސްޓްރީ ވެވޭނެ އެވެ.
އާކުން ވަނީ ސްކޫލުތަކުގެ ބުލީގެ ހާލަތު ބަލަން 2012 ގައި ސާވޭއެއް ކޮށްފަ އެވެ. މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑް ހައެއް އަދި ހަތެއްގެ ދަރިވަރުން ބައިވެރިކުރި އެ ސާވޭގައި 80 ޕަސެންޓް ދަރިވަރުން ބުނެފައި ވަނީ ސްކޫލް މާހައުލުގައި ބުލީކުރަނިކޮށް ފެނިފައިވާ ކަމަށެވެ. އަދި ސްކޫލް މާހައުލުގައި 61 ޕަސެންޓް ދަރިވަރުން ބުލީގެ ޝިކާރައަކަށް ވެފައިވާ ކަމަށް ވެސް އެ ސާވޭ އިން ހާމަވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީީިނަ
01 May 2017
މަޖީދިއްޔާ އިން ނިމޭ ގިނަ ކުދިންނަކީ އަބަދުވެސް ބުލީ ކުރުމުން ހައްދު ފަހަނަ އަޅާފައިވާ ބަޔެއް
ކޮބާ
30 April 2017
ކޮބާތަ މިނިސްޓްރީތައް މިކަމުގަ ތެދުވާކަށް ނުވޭތޯ އަދިވެސް؟