ނޫސްވެރިކަމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި ވަނީ ލިބިދީފައި: އަޒްލީން

ރާއްޖޭގައި ހިނގާ ހަބަރުތައް ގާނޫނުުއަސާސީ އާއި ގާނޫނުތަކާ ހިލާފު ނުވާނެ ގޮތެއްގެ މަތިން ގެނެސްދިނުމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި ރާއްޖޭގައި ލިބިދީފައިވާ ކަމަށް ހޯމް މިނިސްޓަރު އަހްމަދު އަޒްލީން އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.


ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ނޫސްވެރިންނަށް ތަހުނިޔާ ފޮނުއްވައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޑިމޮކްރެޓިކް ނިޒާމެއްގައި ނޫސްވެރިކަމަކީ ވަރަށް މުހިއްމު ދައުރެއް އަދާކޮށްދޭ ކަމެއް ކަމަށެވެ. އަދި ނޫސްވެރިންނަކީ ހަބަރުތައް ރައްޔިތުންނާ ހަމައަށް ގެނެސްދީ ހޭލުންތެރިކުރުވުމުގައި މުހިއްމު ޒިންމާއަދާކުރާ ބައެއް ކަން ފާހަގަކުރެއްވި އެވެ.

"އެހެންކަމުން ނޫސްވެރިންނަށް ގާނޫނުތައް ހުއްދަކުރާ އެންމެފުޅާ ދާއިރާއެއްގައި އެ ހިނގާ ކަމެއް ހަގީގަތާ އެއްގޮތަށް އެއްވެސް ފަރާތެއްގެ އަބުރާއި ކަރާމާތަށް ގެއްލުން ނުވާ ގޮތެއްގެ މަތިން ގެނެސްދިނުމުގެ މިނިވަންކަން އެންމެ ފުޅާދާއިރާއެއްގައި އޮންނަން ޖެހޭނެ ކަމީ ދިވެހި ސަރުކާރުން ގަބޫލުކުރާ ހަގީގަތެކެވެ،" ބަޔާނުގައިވެ އެވެ.

ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައި އޮތްއިރު، 33 ވަނަ މާއްދާ އިން އެ މީހެއްގެ ނަމާއި އަބުރު ރައްކާތެރި ކުރެވިފައި އޮތުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވާ ކަން ހޯމް މިނިސްޓަރު ފާހަގަކުރައްވާފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ ގާނޫނުތަކާ ހިލާފުނުވާނެ ގޮތެއް މަތިން ހަބަރުތައް ގެނެސްދިނުމުގައި މީޑީއާތަކަށް ސަރުކާރުން ދޭން ޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށެވެ.