ގާސިމްގެ "އަނގަ ބަންދުކޮށް" ދޫކޮށްލައިފި

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ މައްޗަށް ބޮޑެތި ޝަރުތުތަކެއް ކޮށް، ކްރިމިނަލް ކޯޓުން އޭނާ ދެންމެ މިނިވަންކޮށްފި އެވެ.


ދެ ފަހަރެއްގެ މަތިން ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކޮށް، 19 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު ކޯޓުން އޭނާ މިއަދު ދޫކޮށްލީ އެންމެ ފަހުން އިތުރު ކޮށްދިން ހަތަރު ދުވަހުގެ މުއްދަތު މިއަދު ހަމަވާތީ ކޯޓަށް ގެންދިއުމުންނެވެ. އެންމެ ފުރަތަމަ އިތުރު ކޮށްދިން 15 ދުވަހުގެ މުއްދަތަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

ގާސިމްގެ ވަކީލުން ބުނާގޮތުގައި އޭނާ ދޫކޮށްލީ ހަތް ޝަރުތެއް ކުރުމަށް ފަހު އެވެ.

އެއީ ތަހުގީގަށް އެއްބާރުލުން ދެއްވުމާއި ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ ރަށުން ބޭރަށް ވަޑައިނުގަތުމަށާއި ފިތުނަ އުފެދޭ ފަދަ ވާހަކަތައް ދައްކާ މީހުންނާ އެކު ބައްދަލުވުންތައް ނުބޭއްވެވުމަށާއި ހެކި ގެއްލިދާނެ ފަދަ ނުވަތަ ހެއްކަށް ނުފޫޒު ފޯރާ ފަދަ އެއްވެސް ކަމެެއް ނުކުރެއްވުމަށާއި ފިތުނަ އުފެދޭ ވާހަކަތައް ނުދެއްކެވުމާއި ފިތުނަ އުފެދޭ ވާހަކަތައް ދެއްކެވުމަށް ގާސިމްގެ ގޯތިގެދޮރު ބޭނުން ނުކުރެއްވުމާއި އެފަދަ ކަންކަމަށް މީހުންނަށް ތަންތަން ދޫ ނުކުރެއްވުމާއި ދައުލަތުގެ ތިން ބާރާއި އެ ބާރުގެ ވެރިންނާ ބެހޭގޮތުން ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކެވުމެވެ.

ގާސިމްގެ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން، އޭނާގެ ސަޕޯޓަރުން އެ ކޯޓުގެ ބޭރުގައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އެ ޝަރުތުތައް ކުރީ 60 ދުވަހުގެ މުއްދަތަށެވެ.

ގާސިމް މިނިވަން ކުރުމުން އޭނާގެ ގެ މާފަންނުވިލާ ގައި ވީޓީވީއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އޭނާގެ މައްޗަށް ކޯޓުން ޝަރުތުތަކެއް ކަނޑައަޅާފައިވާއިރު، އެއާ ޚިލާފު ވެއްޖިއްޔާ އަނެއްކާވެސް ބަންދުކުރާނެ ވާހަކަ ވެސް އެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

"އެހެންވީމާ މިވަގުތު އަޅުގަނޑަށް އެއްޗެއް ދެންނެވޭކަށް ނެތޭ ދަންނަވާލަން އޮތީ،" މާފަންނުވިލާގެ ގޯތިތެރޭގައި ހުންނަވައިގެން ގާސިމް ވިދާޅުވި އެވެ.

އަދި އެ ޝަރުތުތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ގާސިމް ވިދާޅުވީ މިވަގުތު އެއްޗެއް ދަންނަވަން ދަތި ކަމަށެވެ.

ގާސިމް ދޫކޮށްލަން އަމުރު ކުރިއިރު ރައްޔިތުންގެ މަޖިލީހުުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ދައުވާކޮށް، ޝަރީއަތް ވަނީ ފަށައިފަ އެވެ. އެ މައްސަލާގައި ތިން ދައުވާއެއް ގާސިމަށް ކުރެ އެވެ.

މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު މައްސަލާގައި ވެސް ގާސިމް ހައްޔަރުކުރި އެވެ. އެކަމަކު އެ މައްސަލާގައި އޭނާ ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނިކޮށް އޭނާ ދޫކޮށްލަން ހައި ކޯޓުން އެންގީ މެމްބަރުންގެ އިމްތިޔާޒްގެެ ގާނޫނާ ޚިލާފަށް އޭނާ ހައްޔަރު ކޮށްފައިވާތީ އެވެ. ފަހުން އޭނާ ހައްޔަރުކުރީ އިމްތިޔާޒްގެ ގާނޫނުގައި ބުނާ އިޖްރައާތުތައް ފުރިހަމަ ކުރުމަށް ފަހު އެވެ.