ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫން ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
19 ޖޫން 2016 - 13:37
ޕްރައިމަރީއަކާ ނުލައި 2018 ގެ ރިޔާސީ އިންތިހާބުގެ ޕީޕީއެމް ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދެއްވަން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުރަސް އަޅުއްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ސަރުކާރުގެ ދެ ވަނަ ދައުރަކަށް ވެސް ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އެ ޕާޓީގެ ކައުންސިލުން ނިންމައިދޭން އެދި އަންނަނީ ލިއުމެއް ތައްޔާރުކުރަމުންނެވެ. އެކަމަކު، ޕްރައިމަރީއަކާ ނުލައި ރިޔާސީ ކެންޑިޑޭޓް ހޮވުމަކީ އެހާ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށް ދޭހަވާ ގޮތަށް މައުމޫން ވަނީ ޕާޓީގެ ކައުންސިލް މެމްބަރުންނަށް އެސްއެމްއެސްތަކެއް ފޮނުއްވައިފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް މައުމޫނަކީ ސިޔާސީ ގޮތުން ތަޖުރިބާކާރު ބޭފުޅަކަށްވުމުގެ އިތުރުން ޕާޓީގެ ރައީސަށްވާތީ އެމަނިކުފާނު ވިދާޅުވާނީ ހުރިހާ ކަމަކަށް ވިސްނެވުމަށް ފަހު ސިޔާސީ ގޮތުން ކަމަށެވެ. ސިޔާސީ ގޮތުން އެމަނިކުފާނަށް ފާޅުގައި ވިދާޅުނުވެވޭނެ ވާހަކަތައް ހުންނާނެ ކަމަށާއި އޭގެ މާނައަކީ އެމަނިކުފާނު ހިތްޕުޅުހަމަޖެހިވަޑައިނުގަތުން ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕާޓީގެ އަސާސީ ގަވާއިދުގެ ކިތަންމެ ހަނިގޮތަކުން ދެވެން އޮތް ނަމަވެސް ރައީސް ޔާމީނަށް ފުރުސަތު ދެއްވަން ޖެހޭ. އަދި މިހާރު އޮތް ގޮތުން އެއީ، ޕާޓީގެ ކައުންސިލަށް ނިންމޭނެ ކަމަށް. ކައުންސިލްގެ ވަރަށް ބޮޑު އަޣުލަބިއްޔަތެއް އޮތީ ރައީސް ޔާމީނާއެކު. --އަބްދުއްރަހީމް
ރައީސް ޔާމީނަށް ޓިކެޓް ދެއްވަން އެދި ދުންޔާ މައުމޫނާއި ޣައްސާން މައުމޫން ސޮއިކުރައްވާފައިވާ ކަން ވެސް އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.
ޕީޕީއެމްގެ ޖަލްސާއެއްގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. --ފޮޓޯ: ޕީޕީއެމް
"ޕާޓީ ތެރޭގައި އެއްވެސް ކޯޅުމެއް ނެތް. އަދި ރައީސް ޔާމީނަށް ޓިކެޓް ދިނުމާ ގުޅޭގޮތުން ރައީސް މައުމޫން ހިޔާލުތަފާތުވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ޔާމީނަކީ 2018 ގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ކަނޑައަޅުއްވަން ގިނަ މެމްބަރުންތަކެއް ސޮއިކޮށްފައިވާ ލިއުން އަދި މައުމޫނަށް ހުށަހައެއްނާޅަ އެވެ. ވަރަށް އަވަހަށް އެ ލިއުން މައުމޫނަށް ހުށަހަޅުއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕްރައިމަރީގެ ސަބަބުން ވެރިކަން ގެއްލިއްޖިއްޔާ އޭގެ ގެއްލުން ވާނީ ގައުމާއި ރައްޔިތުންނަށް. --އަބްދުއްރަހީމް
އެ ހުށަހެޅުން މައުމޫނަށް ހުށަހަޅުއްވަން އިސް ނެންގެވީ އަބްދުއްރަހީމްގެ އިތުރުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ދެއްވަން އެދިވަޑައިގަންނަވަން ޖެހުނީ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ތިން އަހަރު ތެރޭގައި އެމަނިކުފާނު ރައްޔިތުންނަށް ކޮށްދެއްވާފައިވާ ހިދުމަތްތަކަށް ބައްލަވަ އެވެ. އަދި ހއ. ތުރާކުނުން ފެށިގެން އައްޑު އަތޮޅާ ދެމެދު ފައްޓަވާފައި ހުރި ބިޔަ މަޝްރޫއުތަކަކީ ދެ އަހަރުން ނިންމޭނެ މަޝްރޫއުތަކަކަށް ނުވާތީ، އެ މަޝްރޫއުތައް ނިންމަވަން ރައީސް ޔާމީނަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.
ޕީޕީއެމް ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ޕީޕީއެމް
"ޕާޓީގެ އަސާސީ ގަވާއިދުގެ ކިތަންމެ ހަނިގޮތަކުން ދެވެން އޮތް ނަމަވެސް ރައީސް ޔާމީނަށް ފުރުސަތު ދެއްވަން ޖެހޭ. އަދި މިހާރު އޮތް ގޮތުން އެއީ، ޕާޓީގެ ކައުންސިލަށް ނިންމޭނެ ކަމަށް. ކައުންސިލްގެ ވަރަށް ބޮޑު އަޣުލަބިއްޔަތެއް އޮތީ ރައީސް ޔާމީނާއެކު،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ޕްރައިމަރީގެ ސަބަބުން ވެރިކަން ގެއްލިއްޖިއްޔާ އޭގެ ގެއްލުން ވާނީ ގައުމާއި ރައްޔިތުންނަށް."
އަބްދުއްރަހީމް ވިދާޅުވީ 2008 ގެ ރިޔާސީ އިންތިހާބު މައުމޫނަށް ނާކާމިޔާބުވުމުން، އެމަނިކުފާނު ކުރިއަށް ގެންދެވި ހުރިހާ މަޝްރޫއުތަކެއް ފުނޑުފުނޑުވީ އެވެ. ޕީޕީއެމް ނޫން އެހެން ބަޔަކު 2018 ގައި ވެރިކަމާ ހަވާލުވެ، އެ މަންޒަރު އަލުން ތަކުރާރުވާން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން، ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވާނީ ހުރިހާ މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީއަކުންނެވެ. އެ ޕްރައިމަރީ ބާއްވަން ޖެހެނީ ރިޔާސީ އިންތިހާބު އޮންނަ ތާރީޚުގެ ކުރިން ތިން މަހާއި ހަ މަހުގެ މުއްދަތެއްގެ ތެރޭގަ އެވެ.
ޕީޕީއެމް ޖަލްސާއެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ޕީޕީއެމް
ނަމަވެސް އެހެން މާއްދާއެއްގައި ވަނީ، ޕީޕީއެމްގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެ، ފަސް އަހަރު ދުވަހުގެ ދައުރެއް އަދާކުރައްވާ ބޭފުޅަކު، ދެވަނަ ދައުރަކަށް ޕާޓީގެ ޓިކެޓްގައި ވާދަކުރައްވަން އެދިވަޑައިގަންނަވާ ނަމަ، ޕްރައިމަރީއަކަށް ނުގޮސް އެ ބޭފުޅަކަށް އެ ޓިކެޓް ދެވިދާނެ ކަމަށެވެ. އެކަމަކު އެބޭފުޅާއާ ވާދަކޮށް، ޓިކެޓް ހޯދަން އިތުރު ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފި ނަމަ، ޕްރައިމަރީއެއް ބާއްވަން ފެނޭތޯ ބަލަން ޕާޓީގެ ކޮންގްރެސް ނުވަތަ ގައުމީ ޖަލްސާއަކަށް ދާން ޖެހެ އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕްރައިމަރީ އަށް ޝައުގުވެރިކަން ފާޅުކުރެވޭނެ ކަމަށް އޮތަސް ސީދާ އެއީ ކިހިނެތްކަން ސާފުކޮށް ބަޔާންކޮށްފައެެއް ނުވެ އެވެ. އެހެންކަމުން ކޮންގްރެސްއަކަށް ނުގޮސް، ރައީސް ޔާމީނަށް ޓިކެޓް ދިނުމަކީ ޕީޕީއެމްގެ އިތުރުން ގައުމާއި ރައްޔިތުންގެ މަސްލަހަތު ހުރި ގޮތް ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދނ
20 September 2016
ތިވެސް ވެދާނެގޮތެކެވެ. ނަމަވެސް ތިމަގުން ތިކަން ހިނގައިފިނަމަ ތިޕާޓީ ތެރޭގައިތިބި ވެރިކަމުގެ ހުވަފެންދެކޭ މެންބަރުން މާޔޫސްވެ އެމީހުނާއި އެމީހުނަށް ބައިޢަތުހިފާމީހުން އެންމެ ފަހުވަގުތު ރިޔާސީ އިންތިޚާބުގައި ޔޮޓުކޮޅުން ފުންމާލައި ބޮއްކުރާތަކަށްއެރުން ނުވަތަ ކައިރީގައި އޮތް ކެމަފްލާޖް މަނަވަރަށް އެރުމަކީވެސް އެކަށީގެންވާކަމެއް. މިދެން އަނެއްހެން ހާސަރެއް ދަމާލީ
އެމްސް
21 June 2016
ޤާނޫނު ބަދަލު ކޮށްގެން ކަންކަން ކުރަމުންދާ ޒަމާނެއްގަ ޤަވާޢިދެއް ވާނީ އަދި ކޯއްޗަކަށް؟
މޫސަ
20 June 2016
މާޟީގެ ތަޖުރިބާއަށް ބަލާއިރު ޕީޕީއެމުން މިގައުމުގެ ވެރިކަންކުރަން ބޭނުންނަމަ ބުއްދިވެރިގޮތަކީ ޔާމީނު ނޫން މީހަކަށް ރިޔާސީ ޓިކެޓް ދިނުމެވެ. ދިވެހި ރައްޔިތުން އެކަކަށް 2 ދައުރު ވެރިކަންކުރަން އަދި ނުދޭނެކަމީ ފެންނަ ހަގީގަތެއް.
ނައިންސިކްސްޒީރޯ
20 June 2016
ބުނަން އަދުރޭ ވާހަކައެއް! ރައްޔިތުން ނިންމާނީ ރައްޔިތުން ބޭނުންވާ ގޮތަށް! އެކަމަކުން ހިތާމަ ކުރަންޖެހޭނީ ރައްޔިތުންނޭ ކިޔައިގެން ކޮންމެހެން ބިރު ދައްކަން ނޫޅޭ!
ފާތުމާއިދީ
20 June 2016
މި ވެރިކަން ގެއްލުނަސް ރައްޔިތުންނަށް ވާނެ އެއްވެސް ގެއްލުމެއް ނެތް އަނެއްކާވެސް އާވެރިޔަކު އާކަންތައްތައް ރައްޔިތުންނަށް ދޭން އަންނާނެ އެހެނެއްނޫން އެހެން ވެރިކަމެއްގަ އަދުރޭމެންނާ އެކުގަ ތާސްގަނޑު ޖަހަން ފުރުސަތު ނުލިބިދާނެ
އިހި
20 June 2016
ޕީޕީއެމްގެ އަސާސީ ގަވާއިދު އިސްލާހު ނުވާހާ ހިނދަކު އަމަލުކުރަންޖެހޭނީ އަސާސީ ގަވާއިދަށެވެ. އިސްލާހުނުކޮށް ޕެޓިޝަނުންކަންކަން ކުރުމުން ނުކުންނާނީ، 2008 ގައި ރައީސް މައުމޫނަށް ފެނިވަޑައިގަތް ހިތިތަޖްރިބާކަން ކަށަވަރެވެ. ވީމާ މިފަހަރު، ރައީސް މައުމޫނު ވަރަށް ވިންންވާފަ ނޫނީ ޕެޓިޝަން އަށް އަސާސީ ގަވާއިދު ދޫކޮށް އަމަލުކުރުމަށް އެއްބަސް ވުމަކީ، ޕީޕީއެމްގެ އަސާސީ ގަވައިދާ ޚިލާފުވުން ނޫންކަމެއް ގޮތުގައި ނުބެލެވޭނެއެވެ.
ބޫ
20 June 2016
މިބޭފުޅުން ބިޔަ މަޝްރޫޢުތަކުގެ ވާހަކަ ދައްކަވައެވެ. ޥަޢުދުތައް ފުއްދާ ވާހަކައެއް ނުދައްކަވައެވެ.
ރާޅު
20 June 2016
މައުމޫނު ކޮންމެ އެއްޗެކޭ ބުންޏަސް މިފަހަރު ތި ޓިކެޓް ލިބޭނެ. ޕާޓީ ތެރޭގައި ތާއީދު އޮތިއްޔާ ކީއްކުރަން ކުރާކަމެއް؟ ޕާޓީތެރޭގައިވެސް މިހާރު އިދިކޮޅު މީހުން ތިބޭނެކަން ޔަގީން.
ޒަހީން
20 June 2016
ހުރަސް އެޅިޔަސް ކުރެވޭނެ ހަމަ އެއްކަމެއްވެސް ނޯންނާނެ ހަމަ ރައީސް ޔާމީނު ޓިކެޓް ހޯއްދަވާނި، މަޢުމޫނަށްވުރެއް ރައީސް ޔާމީންގެ މަޤުބޫލުކަމާއި އިތުބާރު މާބޮޑު ޕީޕީއެމްގަޔާ ދިވެހިރައްޔިތުންގެ ކުރިމަތީގަ އެއީ ކުޑަ ދުވަސްކޮލެއްގެ ތެރޭގަ ނަތީޖާ ދައްކަވާތީ.. މައުމޫނު ދެން ސިޔާސީކަންކަމާ ނުބެހި ރީތިކޮށް އަރާމުގަ އުޅުއްވުން ބުއްދިވެރި.. ކިތަންމެ ވަރެއްކުރެއްވިޔަސް ޢައްސާނަކަށް ނެތް ވެރިކަމެއް ލިބޭކަށް
އިސްލާޙު
20 June 2016
ހުރަހެއް ނާޅުއްވައެވެ. މައުމޫނު ވިދާޅުވަނީ ކަންކަން އޮންނަ އުސޫލުން ކަންކަން ގެންދިއުމަށެވެ. މައުމޫނު ފޮނުވާފައިވާމެސެޖްތަކުން އެކަން އެނގެއެވެ.