ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަޔާޓާ ގްރައުންޑް އޮޕަރޭޝަން ސެޓްފިކެޓް ދީފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ގްރައުންޑް އޮޕަރޭޝަން އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އާޔާޓާ)ގެ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށް ފަހު، އެ އެސޯސިއޭޝަނުން ދޭ ސެޓްފިކެޓް ހަވާލުކޮށްފި އެވެ.


އަޔާޓާ ސޭފްޓީ އޮޑިޓް ފޯ ގްރައުންޑް އޮޕަރޭޝަން (އައިއެސްއޭޖީއޯ) ސެޓްފިކެޓް ވަނީ މިމަހުގެ 14 ވަނަ ދުވަހު އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއާ ހަވާލުކޮށްފަ އެވެ.

އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނީ މިއީ އާޔާޓާގެ އައިއެސްއޭޖީއޯ ސެޓްފިކެޓް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ.

"މީގެ ކުރިން މިތަނުގެ ގްރައުންޑް އޮޕަރޭޝަންގެ ސޭފްޓީ މިންގަނޑުތަކަށް ފެތޭތޯ ބަލަނީ އެއާލައިންތަކުން. އެކަމަކު ދެން އާޔާޓާގެ ސެޓްފިކެޓް ހޯދުމުން އިތުރަށް މިންގަނޑުތަކަށް ފެތޭތޯ އެއާލައިންތަކުން މީގެ ފަހުން ބަލާކަށް ނުޖެހޭނެ،" އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލް އިން ބުނީ އަޔާޓާގެ ސެޓްފިކެޓް ލިބުނީ އެ އެސޯސިއޭޝަނުން ބުނި ބަދަލުތައް ގެނެސް ހެދި ހާއްސަ އޮޑިޓަކަށް ފަހު ކަމަށެވެ. އަދި އެ އޮޑިޓް މިދިޔަ ޖެނުއަރީމަހު ނިމުނުއިރު، އެއާޕޯޓު އެ މިންގަނޑުތައް ހާސިލް ކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލް އިން ބުނީ އާޔާޓާގެ އޮޑިޓްކުރި ކަންތައްތަކުގެ ތެރޭގައި އެއާޕޯޓުގެ އޮގަނައިޒޭޝަނާއި މެނޭޖްމަންޓް، ލޯޑް ކޮންޓްރޯލް، ފަސިންޖަރުންނާއި ބެގެޖް ހޭންޑްލިން، އެއާކްރާފްޓް ހޭންޑްލިން އަދި ލޯޑިން، އެއާކްރާފްޓް ގްރައުންޑް މޫވްމަންޓް، ކާގޯ އަދި މެއިލް ހޭންޑްލިން ހިމެނޭ ކަމަށެވެ.

އެއާޕޯޓް ހިންގާ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެ ސެޓްފިކެޓް ހާސިލްކުރި ނަމަވެސް އަޔާޓާއިން ކަނޑައަޅާފައިވާ މިންގަނޑުތައް ހިފެހެއްޓުމަށް އެތެރޭގެ އޮޑިޓްތަކެއް ކުރަމުންދާނެ ކަމަށެވެ.