އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ދަނީ: އިސްލާމިކް މިނިސްޓްރީން ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ހަމަނުޖައްސައިގެން ޒަކާތް ބަލައިގަނެވެން ނެތް ކަމަށް އެ ކައުންސިލުން ބުނޭ.
29 މެއި 2017 - 20:53
އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމްތައް ހަމަޖައްސައިދީފައި ނުވާތީ މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަނެވެން ނެތް ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
އެ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޒަކާތަކީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަން ޖެހޭ ކަމަކަށްވާއިރު އެ މިނިސްޓްރީ އަށް އެހީވުމުގެ ގޮތުން މިދިޔަ އަހަރު މިނިސްޓްރީން އެންގި ގޮތަށް ޒަކާތް ބަލައިގަތުމާއި ބެހުމުގެ ކަންކަން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރި ކަމަށެވެ. މިނިސްޓްރީން އެކުލަވާލި ލިސްޓަށް އެ ފަހަރު ޒަކާތް ބަހަން ފެށުމުން، ޒަކާތުން ބައިބައި ލިބިގަތުމަށް އައި މީހުންގެ ސުވާލުތަކަށް ޖަވާބުދެވޭނެ ގޮތެއް ނެތި މަސްލަހަތު ގެއްލުނު ކަމަށް ބަޔާނުގައިވެ އެވެ.
ކައުންސިލުން ބުނިގޮތުގައި އެ މައްސަލާގައި މިނިސްޓްރީއާ ވާހަކަ ދައްކައިގެން ފުލުހުންގެ އެހީއާ އެކު އެކަން ކުރިއަށް ގެންދަން އުޅުމުން ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.
"މިދިޔަ އަހަރުގެ ފިތުރު ޒަކާތަށް އައްޑޫސިޓީ ހިތަދޫ ރައްޔިތުން ނެރުނު ފައިސާގެ ތެރެއިން 48،977 ރުފިޔާ ނުބެހި އަދިވެސް ކައުންސިލް އިދާރާގައި އެބަހުއްޓެވެ. މިފައިސާ އާއި މެދު އަމަލު ކުރާނެ ގޮތެއް މިހާތަނަށް ވެސް މިނިސްޓްރީން ކައުންސިލަށް އަންގަވާފައި ނުވެ އެވެ. މިދެންނެވި ހާދިސާގައި ކައުންސިލްގެ އިދާރާގެ އިމާރާތަށް ގެއްލުން ލިބުމުގެ އިތުރަށް މުވައްޒަފުންނަށް ވެސް އެކިވަރުގެ ބިރުވެރިކަމާ ކުރިމަތިލާންޖެހުނެވެ،" ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނީ ޒަކާތުގެ ކަންކަން ކުރިއަށް ގެންދާނީ ކައުންސިލުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވީ ނަމަވެސް ކުރީ އަހަރު ދިމާވި މައްސަލަ ހައްލު ނުވެ އޮތް އިރު އެ މައްސަލާގައި އަަމަލުކުރާނެ ގޮތެއް ވެސް މިނިސްޓްރީން އަންގާފައި ނުވާ ކަމަށެވެ. އެހެންވެ ޒަކާތް ބަލައިގަތުމުގެ ކަންކަން މި އަހަރު ވެސް ކުރިއަށް ގެންދެވިދާނެ ކަމަށް ނުފެންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.
"މިހެން މިކަން އޮތުމުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ފިތުރު ޒަކާތް ނެރުމާއި ޒަކާތުން ބައި ލިބިގަތުމުގައި ދަތިތަކާ ކުރިމަތިވާނެތީ އައްޑޫ ސިޓީ ކައުންސިލުން ނުހަނު ކަން ބޮޑުވެ އެވެ،" ބަޔާނުގައިވެ އެވެ.
ކައުންސިލުން ބުނިގޮތުގައި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އައްޑޫގައި ދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދޭން ދެ ފަރާތުން އެއްބަސްވުމެއް އެކުލަވާލަން ވެސް ކައުންސިލުން ވާނީ ހުށަހަޅައިފަ އެވެ. އެކަމަކު މިނިސްޓްރީން އެކަމަށް އެދެވޭ ޖަވާބެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.
ކައުންސިލުން ބުނީ އައްޑޫ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭން އިސްލާމިކް މިނިސްޓްރީ އަށް އެހީތެރިކަމާއި އެއްބާރުލުން ދޭން އެ ކައުންސިލް އޮތީ ތައްޔާރަށް ކަމަށެވެ. ޒަކާތާއި މިސްކިތްތަކާއި ގަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާ ކެމީގައި ވެސް ދަތިތަކެއް ކުރިމަތިވަމުންދާތީ މި ކަންކަމުގައި އަވަސް ހައްލެއް ހޯދައިދޭން ވެސް ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާރަތު
30 May 2017
ތިގޮތަށް ސިޓީކައުންސިލުން ބޮޑައިދެއްކުމުގެ ވަގުތެއްނޫންމީކީ، އަދި އެކަހަލަކަމެއްވެސްނޫންތީކީ، އަހަރެން ހަމަވަގުތުން ވަގުތައް ތިޔަބޮޑައިހޭކުން ދޫކޮށްލާ، ދެފަރާތުންވެސް މިކަމުގެ މުހިންމުކަން ދެކެލެއްވުމަށް ގޮވާލަން.
ޝިފާގު
30 May 2017
މާލޭސިޓީ ގަ ވެސް ޒަކާތް ބަލައިގަންނަނީ އިސްލާމިކް މިނިސްޓްރީން. އައްޑޫސިޓީ ގަ ވެސް ބަލައިގަންނަން ޖެހޭނީ އިސްލާމިކް މިނިސްޓްރީން.
ބަލާ މީހެއް
30 May 2017
އައްޑޫސިޓީގެ ތިޔަ ނިންމުން ވަރަށްގޯސް: ރައްޔިތުންގެ ދީނީއަޅުކަން ފުރިހަމަކުރުމުގެ ފުރުޞަތު ދެއްވާ: ޒަކާތް ދޭބަޔަކު ދިންއެއްޗެއް ބަލައިގަތުން ރަނގަޅުގޮތަކީ: ބެހުމުގެ މައްސަލަޔަކާ ގުޅޭނަމަ އެކަން ހައްލުކުރަން ވާހަކަ ދައްކަވަންވީ އަދިވެސް: ޒަކާތް ބަލާގަތުން އެދެނީ:
މުހައްމަދު އަހްމަދު
30 May 2017
އިސްލާމިކް މިނިސްޓްރީ އަކީ ވަރަށް ފަރުވާކުޑަ މިނިސްޓްރީ އެއް... އެކަމަކު އައްޑޫ ސިޓީ ކައުންސިލުން ތިޔަ ކުރަނީ ޖެއްސުން.. ވަރަށް ހެއްވާ ބައެއް... ކީއްކުރަން އުޅޭ ކައުންސިލެއް ބާއޭ އަޅުގަނޑު ހިތަށް އަރާ..
ކުޑައިރު
30 May 2017
އަހަރުމެން ކުޑައިރު ތިކަންކުރިގޮތަށް ކުރާށެވެ. އިރު އޮއްސުމުން ހުރިހާ މީހުން ޒަކާތް ނެރެފަ އީދުދުވަހު ގާޑިޔާ އަކަށް ލައިގެން މުޅި ރަށަށްބަހާލާށެވެ.
ޚިޔާލް123
30 May 2017
މިހުރިހައި ކަމެއްގެ ބޭނުމަކީ ރައްޔިތުންނާ ކައުންސިލްތަކާ ޖެއްސުމެވެ، އަދި މިކައުންސިލްތަކަކީ އެއްވެސް ބޭނުމެއް ކުރެވޭ ތަންތަން ނޫންކަން ރައްޔިތުންނަށް ދެއްކުމެވެ، އަދި މިފަދަ ކަންކަމުގައި ކޮންމެވެސް ގޮތަކުން ކައުންސިލަރުންގެ އަތްފައި ބަދެ ޖަލައް ލެވޭނެގޮތެއް ހޯދުމެވެ. ސޯބެމެން މިކަމުގައި ހޭއަރައިގެން ތިބޭތި މިކަހަލަ ގޮތަކަށް ސޯބެމެން އެންމެން ދުވަސްދުއްވައިލައިނެ ގޮތްތަށް މިނިސްޓްރީތަކުންނާ، ޑިޕާޓްމެންޓް ތަކުން ހޯދައިނެއެވެ.
އަޙުމަދު
30 May 2017
ކޮންމެ ކަމެއްގައި ފިތުނަވެރިކަން އިސްކުރަނީއެވެ. ދިވެހިންނަށް ހެޔޮ ވިސްނުން ދެއްވާށި. ފިތުނަވެރިން ބަލިކުރައްވާ ދިވެހިންނަށް އަމާންކަން ދެއްވަށި.
އަރަރެން
30 May 2017
ސޮދަގާތު ފައުންޑޭޝަންގެ ގޮތްޕެއް ރާއްޖޭގެ ކޮންމެ ރަށެއްގައި ހުޅުވައި މިފައުންޑޭޝަންގެ ބެލުމުގެ ދަށުން މިކަންކަން ކުރުމަށް ހަމަޖއްސައިފިން 1. ޒަކާތްނެގުމާއި ފަގީރުންނަށް ބެހުން 2. ހައްޖާއި އުމުރާއަށް ދާމީހުންނާއި ގުރޫޕްތައް ކަންޑައެޅުން 3. ރަމުޒާންމަހު ކަދުރުބެހުން 4. އެކިގައުމުތަކުން ރާއްޖެއަށްދޭ އެހީތަކުން %15 ޙަރަދުކުރާނެގޮތަ ކަންޑައެޅުން
ނޫނުއަލިފް
30 May 2017
އޭރުވެސް މިހާރުވެސް ސޯބެމެން ރައްޔިތުންނަށް ކޮށްދިން ކަމެއް ނެތެވެ.
ހަމީދު
30 May 2017
ތިޔަ ފައިސާ ސަދަޤާތު ފައުންޑޭޝަނަށް ހަދިޔާ ކޮށްލާ ސޯބެ.އޭރުން އެހުރިހާ ކަމެއް ހަމަޖެހުނީ.އިސްލާޟިކް މިނިސްޓްރީ މިހާރު އޮތީ ކޯމާއެއްގަ ހެން ހީވަނީ.އެމީހުންނަށް ކަމެއް ވާ ވަރެއް ނޫން. އެއަށްވުރެ މާބިޒީކޮށް އުޅެން ޖެހެނީ ސަދަޤާތު ފައުންޑޭޝަންގެ މަސައްކަތްތަކުގައި.އެމީހުންގެ ޝިއާރަކި ފުރަތަމަ ފައުންޑޭޝަން އެއަށް ފަހު ރައްޔިތުންނާއި ޤަޢުމު.