ޕެޓްރޯލާއި ޑީސަލުގެ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރަން މަޖިލީހަށް ފޮނުވައިފި

ޕެޓްރޯލާއި ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް އިސްލާހެއް ފޮނުވައިފި އެވެ.


ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މަޖިލިހަށް ފޮނުއްވި އިސްލާހުގައި ބުނެފައި ވަނީ މިއީ އާންމުންގެ ބޭނުންތަކާއި އަސާސީ ޚިދުމަތްތައް ރައްޔިތުން ބޭނުން ކުރުމުގައި ހިނގާ ޚަރަދު ކުޑަ ކުރުމަށް މަޖިލިހަށް ފޮނުވަން ނިންމި އިސްލާހެއް ކަމަށެވެ.

އެހެންވެ، ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ތެލުގެ ބާވަތްތަކުން މިހާރު ނަގަމުން އަންނަ ޑިއުޓީގެ މިންވަރު ދެ ބައިކުޅަ އެއްބަޔަށް ކުޑަކޮށްދޭން ނިންމީ ކަމަށް ބިލްގައިވެ އެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނުގައި މިހާރު އޮތް ގޮތުން ތެލުގެ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި ނަގަނީ 10 ޕަސަންޓެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން މާދަމާ ބާއްވާ މަޖިލިހުގެ ޖަލްސާގައި އިއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ބިލަށް ބަހުސް ކުރަން ފެނޭތޯ ވޯޓަށް އެހުމަށް ވެސް މާދަމާގެ ޖަލްސާ އަށް އޮތީ އެޖެންޑާކޮށްފަ އެވެ.

ނިހާނު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ބިލަށް އަމަލު ކުރަން ފަށާނީ، މަޖިލިހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި، ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.