ކ. މާފުށީ ޖަލަށް ވައްދަން އުޅުނު ފޯނުތަކަކާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ރޭ ފަތިހު ފަހެއް ޖަހާކަންހާއިރު ހިންގި އޮޕަރޭޝަންގައި، ގިނަ އަދަދެއްގެ ފޯނުތަކެއް ޖަލަށް ވައްދަން އުޅެނިކޮށް ހައްޔަރުކުރީ 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި 18 ފޯނާއި 20 ޗާޖަރާއި ސިމްތަކެއް އެ މީހާ، ޖަލަށް ވައްދަން މަސައްކަތްކޮށްފައިވެ އެވެ. މި ތަކެތި ހުރީ ޓޭޕް އޮޅައިގެން ނުފެންނަ ގޮތަށް ހަދައިފަ އެވެ.
ފަހަކަށް އައިސް މާފުށީ ޖަލަށް ޑްރަގާއި ފޯނު ވައްދަން އުޅުން ވަނީ އާންމުވެފަ އެވެ. އަދި އެކަމާ ގުޅުން ހުރި ބައެއް މީހުން ހައްޔަރު ވެސް ކޮށްފައިވެ އެވެ.
ޖަލުގައި ތިބޭ މީހުންނާ ބައްދަލު ކުރުމަށް އެ މީހުންގެ އާއިލާއިން ދާއިރު، ފޮރުވައިގެން ޑްރަގާއި ފޯނު ގެންދާތީ ގައިދީންނަށް އެއްޗެހި ގެންދިއުން ކަރެކްޝަނަލް ސާވިސް އިން މި ދޭތެރެ އިން މަނާ ވެސް ކުރި އެވެ. ނަމަވެސް ފަހުން ވަނީ ގައިދީންނަށް ކާބޯތަކެތި ގެންގޮސް ދިނުމުގެ ހުއްދަ ދީފަ އެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނީ މަނާ ކަންކަން ކުރުމުގައި އާއިލާއިން މި ގޮތަށް އަމަލު ކުރުމަކީ، ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީން އިސްލާހު ކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އަދި އެ ގޮތަށް އަމަލު ނުކުރުމަށް އެތަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.