ބްރިޖުގެ މަޝްރޫއު ކުރިއަށް ދަނީ: ބިޑަށް ނުލާ ސަރުކާރުން ވަރަށް ގިނަ މަޝްރޫއުތައް އެކި ކުންފުނިތަކާ މިހާރު ވެސް ހަވާލު ކުރޭ.-- ފައިލް ފޮޓޯ: މިހާރު
23 ޖޫން 2016 - 15:15
ސަރުކާރުން ހިންގާ މަޝްރޫއުތައް ބިޑު ކުރުމެއް ނެތި ކުރިއަށް ގެންދެވޭ ގޮތަށް ގަވާއިދަށް ގެނެސްފައިވާ އިސްލާހު އުވާލައި، ވާދަވެރި ބީލަމަކަށް ގޮސްގެން ނޫނީ ބޮޑެތި މަޝްރޫއުތައް ނުހިންގޭނެ ގޮތް ހެދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ސަރުކާރަށް މިއަދު ލަފާ ދީފި އެވެ.
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް މިދިޔަ އަހަރުގެ މޭ މަހު ގެނެސްފައިވާ އިސްލާހާ އެކު، ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތައް އާއްމުކޮށް ބީލަމަށް ހުޅުވާލުމަކާ ނުލާ ކުރިއަށް ގެންދެވެ އެވެ. މި އިސްލާހު ބުނާ ގޮތުން، ޓެންޑަ އިވެލުއޭޝަން ބޯޑުގެ ވެސް ބައިވެރިވުމެއް ނެތި، ސަރުކާރުން ނިންމާ ވަކި މަޝްރޫއުތަކެއް، ބޭނުންވާ ފަރާތަކަށް ދެވެ އެވެ. ހަމައެކަނި ބޭނުން ވަނީ ކެބިނެޓުގެ ނުވަތަ އިކޮނޮމިކް ކައުންސިލްގެ ހުއްދައެކެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި އިސްލާހު އޮތް ގޮތުން ދިމާވެދާނެ މައްސަލަތައް އެ ކޮމިޝަނުން ވަނީ ދިރާސާކޮށްފަ އެވެ. އެ އަށް ފަހު، ތިން އިސްލާހެއް ހިމަނައިގެން ތައްޔާރު ކުރި ކަރުދާހެއް އޭސީސީން ވަނީ ރައީސް އޮފީހަށާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ އިތުުރުން ފިނޭންސް އަދި ހައުސިން މިނިސްޓްރީ އަށް ފޮނުވާފަ އެވެ.
އިސްލާހުގައި މިހާރު ވެސް ވާ ގޮތަށް، ކެބިނެޓުން ނުވަތަ އިކޮނޮމިކް ކައުންސިލުން ކަނޑައަޅާ ހާއްސަ މަޝްރޫއުތަކާއި ބިޔަ މަޝްރޫއުތަކާއި ބޭރު ގައުމެއްގެ އެހީގައި ނުވަތަ ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތައް ޓެންޑަ ބޯޑަށް ހުށަނާޅާ ވެސް ކުރިއަށް ގެންދެވޭނެ އެވެ. އެކަމަކު، އެ ފަދަ މަޝްރޫއުތައް ހަވާލުކުރާނެ ފަރާތްތައް ކަނޑައަޅާއިރު، އާއްމުކޮށް ބީލަމަށް ހުޅުވާލައިގެން، ޝަރުތު ހަމަވާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ލިބޭ ގޮތަށް ގަވާއިދު ބަދަލު ކުރަން އޭސީސީން ވަނީ ލަފާ ދީފަ އެވެ.
އެއާ އެކު، ހޯދަން ބޭނުންވާ ހިދުމަތުގެ ނުވަތަ ކުރުވަން ބޭނުންވާ މަސައްކަތުގެ ފުރިހަމަ ތަފްސީލް ރަނގަޅަށް ތައްޔާރު ކުރަން ލާޒިމް ވާނެ ގޮތަށް ގަވާއިދު ބަދަލު ކުރަން ވެސް އެ ކޮމިޝަނުން އެދިފައިވެ އެވެ.
ތިން ވަނަ ލަފައެއްގެ ގޮތުގައި އޭސީސީން ހުށަހަޅާފައި ވަނީ ބީލަމަށް ހުޅުވާލާއިރު ޕްރޮކިއުމަންޓްގެ ބާވަތާއި ފަންނީ މިންގަނޑުތަކާއި ކޮލިފައިވާނެ ޝަރުތުތަކާއި އެންމެ ރަނގަޅު ޓެންޑައެއް ހޮވަން ވާނީ ކުރިން އާއްމު ކޮށްފައިވާ މިންގަނޑަކުން ވަޒަންކޮށް އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަށް ކަމަށް ބިޑް ޑޮކިއުމަންޓްގައި ހިމެނުން ލާޒިމްކުރުމެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓުގެ އާ ރަންވޭ އަޅާ ސަރަހައްދުގެ މަތިން ނަގާފައިވާ ފޮޓޯއެއް: އެ މަސައްކަތް އަންނަ މަހު ފަށާނެ.--- ފޮޓޯ: އެމްއޭސީއެލް
ބިޑަށް ނުލާ ސަރުކާރުން ވަރަށް ގިނަ މަޝްރޫއުތައް އެކި ކުންފުނިތަކާ މިހާރު ވެސް ހަވާލު ކުރެ އެވެ. އޭގެ ތެރޭގައި މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއި އެއާޕޯޓު ތަރައްގީ ކުރުން ފަދަ ބޮޑެތި މަޝްރޫއުތައް ވެސް ހިމެނޭއިރު، އިދިކޮޅު ފަރާތްތަކުން ދަނީ އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިއަމުންނެވެ. އެއީ، އެ ފަރާތްތަކުން ދެކޭ ގޮތުގައި، ކޮރަޕްޝަނަށް މަގުފަހިވާ ކަމެކެވެ.
މިފަދަ އިސްލާހެއް ޓޫރިޒަމާ ބެހޭ ގާނޫނަށް ވެސް ސަރުކާރުން ވަނީ މި ހަފުތާގައި ހުށަހަޅާފަ އެވެ. އެ އިސްލާހު ފާސްވެއްޖެ ނަމަ، ޓޫރިޒަމް ބޭނުންތަކަށް އިއުލާން ކުރުމަކާ ނުލާ ރަށްރަށާއި ފަޅުތަކާއި ބިންތައް ދެވޭނެ އެވެ. މިއީ ވެސް، އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުން، ސަރުކާރުން ކޮރަޕްޝަން ހިންގަން ކުރާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒާ
24 June 2016
އެހެން ގާނޫނަކުން ހުއްދަކުރާކަމެއް ނުވަތަ ލާޒިމް ކުރާކަމެއް ނުކުރުމަށް އޭސީސީއަށް ލަފައެއް ނުދެވޭނެ. އޮޅިގެން ތިއުޅެނީ.
މިހިރީއެ ހާލަކީއުޅޭ
24 June 2016
ލުގުފީގެ ނަޒާހަތްތެރިކަށް ކަށަވަރުކޮށް ދެމެހެއްޓުމަށް ދެންވި ފުލެޓު އަތުލައްވީ މިހާރު މާ ބޮޑުވަރު ވަނީދޯ.
މަހާން
23 June 2016
އޭ.ސީ.ސީ ތިއީ ނަމެއްގަ އޮންނަ ތަނެއް މިގައުމުގެ ކޮރަޕްޝަނުގެ އަމަލެއް ހިންގައިގެން ތި އޭ.ސީ.ސީން މީހެއްގެ މައްސަލަބަލާ ޝަރީއަތަށް ފޮނުވޮންްތަ ދުވަހަކުވެސް....އޭ.ސީ.ސީން ބޭނުން ވިޔަ ނުވިޔަސް ޔާމީން ބޭނުން ހުރިހާ ކަމެއް ކުރާނެ އެކަންކަން ކޮށްދޭން މަޖިލީހާއި ކޯޓުތައް އޮތީ ފިސާރި ތައްޔާރުގަ އަދި ފުލުންވެސް
އަހަންމަދު ކަލޯ
23 June 2016
އޭ.ސީ.ސީ މީހުން ސަރުކާރުދެކެ ހާދަ ބިރުން މިއުޅެނީ. ލަފާ ދިނީޔޯ؟ ބަލަ ތިތަނަކީ ލަފާދޭން އުފައްދާފައި އިންތަނެއްތަ؟ ކަލޭމެން ޖެހޭނީ އަންގަން ނޫނިއްޔާ ނުކުރާށޭ ކިޔާފަ އަމުރު ކުރަން! ރައްޔިތުމީހާ އޮފީހުގެ ޑަސްބިނުން ކުނިކޮޅެއް ނެގިއަސް ކޮރަޕްޝަނޭ ކިޔާފަ ކޯޓަށް މައްސަލަ ވެއްދޭ. އެކަމަކު މުޅިގައުމު ބަނޑުއެޅި އިިރު މިދެނީ ލަފާ؟ އަޅުގަނޑު ހިތައްއަރާ މިމީހުން ނިދަންއަރަމުން އިތާހިތުން ބުނާނެ ބާވައޭ ތިމަންނަ މީހަމަ އެހާ ނަޒާހަތްތެރި މީހެކޭ. އަޅެ ހަމަ ކަލާންގެ ވޮޑިގެންވާކަން ހަމަ ނޭގެނީތަ؟ ނޫނިއްޔާ ދީންގަބޫލު ނުކުރަނީތަ؟ އަޅުގަނޑުވެސް ބޭނުން މިމީހުން ރޯމާ ދުވާލު ވައްކަން ކޮށްފައި އެކަންތައް ރަނގަޅު ކަމެއްގެ ގޮތުގައި ޖަސްޓިފައި ކުރާގޮތެއް ބަލަން. އޭރުންތާ މަށަށްވެސް ކޮރަޕްޝަން ނޫންގޮތަކަށް ލާރިކެވޭނީ. ތިދަސްކޮށްދޭ ފިލާވަޅަށް ޝުކުރިއްޔާ ރާއިސް ޔާމީން
ދުރުމީ
23 June 2016
ކޮންމެ ގޮތަކަށް ކަން ކުރިއަސް ހުރިހާ ޕްރޮޖެކްޓް ތަކެއް ލިބޭނީ އަމީން ކޮންސްޓްރަކްޝަނަން ދެން އަމީން ކޮންސްޓްރަކްޝަން އިން ދޭނީ 10 ޕަސެންޓް ލާފައި ލަންކާ ބަޔަކަށް މި ގޮތައް ނޫން ގޮތަކަށް މި ސަރުކާރުން ނުހަދާނެ، ހުރިހާ ކަމެއް ފާތުމާގެ ކަދުރު ބެހުމަށް!
މެންޓަލިސްޓް
23 June 2016
ބިޑަށްނުލާ އެެތައްބައިވަރު ރިސޯޓްތަކާއި ފަޅުތަށް ވިއްކާ އެފައިސާ ޕީޕީއެމް ސަރުކާރުގެ ބަޔަކު އަމިއްލަޖީބަށް ޖެހިއިރު ކޮބާތޯ އޭސީސީ ؟ އަދީބް ރައީސްޔާމިންގެ އެދުމުގެ މަތީން މިލިއަނުން ބަހަމުން ގެންދިއައިރު ކޮބާތޯ އޭސީސީ ؟ އަދީބް މެޑަމްއަށް ބީއެމްޑަބްލިއު ޖީޕްއަކާއި ޖަބާހިރުޖެހި އަނގޮއްޓިދިން އިރު ކޮންތާކުން ހޯދިފައިސާއެއްތޯ އޭސީސީން ނުބެލީކީއްވެބާ ؟ މުޅިގައުމުގައި އަދީބްވައްކަންކުރާ ވާހަކަ ވަހީދުސަރުކާރުން ފެށިގެން ގޮވިއިރު އޭސީސީއޮތީ ނިދާފަތޯ ؟
ޙަސަންދީ
23 June 2016
އިގްތިސާދު ރަގަޅު ކުރުމައްޓަކައި މިހާރަކައްއައިސް ކުރާކަމަކީ ސަރުކާރު ޢިމާރާތެއްގައި ޓައިލްސްގަޑެއް ޖަހަންޖެހުނަސް އެކަން ކުރަނީ އެމް.ޓީ.ސީ.ސީ ނުވަތަ ޕަބްލިކުވާރކްސް ނުވަތަ އެމް.އާރު ޑީސީން މިގޮތައް ކަންކުރުމުން މަސައްކަތް ކުރަން ތިބި އާންމު ރައްޔިތުންނައް އޮތީ ކޯއްޗެއް! ފައިސާ ދައުރު ކޮއްދޭން ތިބި މީހުން އެއްފަރާތައް،
ޙަސަންދީ
23 June 2016
އޭ.ސީ.ސީ އިން އެންގުމުން ކުރިން ހިންގައިވާ ހުރިހާކަމެއް ޙަލާލު ވީތޯ؟
ސޯޓު
23 June 2016
ވައްކަން ކުރަންވެސް އެއޮތީ ހުއްދަދީފައި ، ދުނިޔޭގެ އެއްވެސްތަނެއްގައި ބިޑަށްނުލާ މިކަހަލަ ކަންކަމެއްނުކުރާނެ ... ދުނިުޭގައި ފައިސާގެ މުއާމަލާތްތައް ކުރަން ގާނޫނުތަކާއި ގަވާއިދުތަ ހެދުމުގެ އިތުރަށް ބޮޑެތި ޔުނިވަރސިޓީތަކުން މީހުންނަށް ތައުލީމުދިނުމުގެ ބޭނުމަކީވެސް ތައުލީމީބަޔަކު ތިބެގެން އުސޫލުތަކާއި ހަމަތަކުން ކަންކަން ރޭވުމަށް އަދި ހިންގުމަށް. މަގުފަހިކުރުން ، އެބަޔަކު ބޭނުންގޮތަކަށް ، ނުވަތަ ވައްކަންކުރެވޭނެގޮތަކަށް ގަވާއިދު ބަދަލުކޮށްގެން ކަންކަން ކުރުމަކީ ޖަންގަލީގެ އުސޫލު... މިގައުމުގައި ކަންކަންކުރަންޖެހޭނީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތައްކަމުގައި ދަންނަވަން އަދި އިލްތިމާސްވެސްކުރަން...
މުހައްމަދު
23 June 2016
ދެންވީ ވޯޓަކައި ނުލާ ރައިސް އަމިއްލަޔަށް ހޮވޭ ގާނޫނެއް ފާސްކުރަން. މިހެންގޮސް ޔާމީންގެ ދަރިންގެ ދަރިންނަށް ވެރިކަން ރޯލުވާގޮތަށް. ބޭނުންވާ ބަޔަކަށް ބަތް ކާތް ދެވޭނެ އޭރުން. ތިބުނާ ލިޓުލް ސިންގަޕޯ އޮންނާނެ އޭރުން.