އެމްއެމްއޭގެ ގަވަރުނަރު އަޒީމާގެ ފިރިކަލުން އަދި ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު: އދ. ގެ ދާއިމީ މަންދޫބު ކަމަށާއި އެމެރިކާ އާއި ކެނެޑާ އަށް ކަނޑައަޅާ ސަފީރު ކަމަށް އޭނާ އައްޔަން ކުރަން ވަނީ ހުށަހަޅުއްވާފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
23 ޖޫން 2016 - 16:48
ދިވެހި ދައުލަތް ތަމްސީލްކުރަން ރާއްޖެ އިން ބޭރަށް ވަޑައިގަތުމަކީ "ފިލުމެއް" ނޫން ކަމަށް ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އދ. ގެ ދާއިމީ މަންދޫބު ކަމަށާއި، އެމެރިކާ އާއި ކެނެޑާ އަށް ކަނޑައަޅާ ސަފީރު ކަމަށް ނަސީރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން ވަނީ ހުށަހަޅުއްވައިފަ އެވެ. މަޖިލީހުން އޭނާ އަށް ރުހުން ލިބިއްޖެ ނަމަ ފޮރިން ސެކްރެޓަރީ ކަމުން ވަކިވާނެ އެވެ.
އިދިކޮޅު އިއްތިހާދުން ނެރުނު ބަޔާނެއްގައި ތުހުމަތުކޮށްފައިވާ ގޮތުގައި ނަސީރު ރާއްޖޭން ބޭރުގެ ވަޒީފާއަކަށް ހަމަޖައްސަން އުޅެނީ ދައުލަތުން ވައްކަންކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތަކަށް މަގުފަހިކޮށްދިން މީހުންނަށް ރާއްޖޭން ފިލުމުގެ ފުރުސަތު ހޯދައިދޭން ކަމަށެވެ. އިއްތިހާދުން ބުނާ ގޮތުގައި އެމްއެމްއޭގެ ގަވަރުނަރު އަޒީމާގެ ފިރިކަލުން ބޭރުގެ މަގާމަކަށް ބަދަލުކުރުމަކީ އަޒީމާގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިން ފަދަ ބޮޑެތި ތުހުމަތުތަކުން އޭނާ ފިއްލަވަން ފުރުސަތު ދިނުމެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، މި ތުހުމަތުތަކާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ފޮރިން ސެކްރެޓަރީ ވިދާޅުވީ ސަފީރުން ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަނީ ދައުލަތުގެ މަންދޫބުންގެ ގޮތުގައި ކަމަށެވެ. ދިވެހި ސަފީރުން އައްޔަންކޮށްފައި ތިބެނީ، ބަޔަކު ފިލުވަން ނުވަތަ ފޮރުވަން ނުވަތަ ފިލުވުމަށް ފުރުސަތު ދޭން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިވެހި ޑިޕްލޮމޭޓުންނަކީ ދިވެހި ދައުލަތް ތަމްސީލްކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ވާހަކަ ދައްކައި ދައުލަތުގެ އިންޓްރެސްޓްތައް ޕްރޮމޯޓްކުރަން އައްޔަންކޮށްފައި ތިބޭ ބައެއް،" އަލީ ނަސީރު ވިދާޅުވި އެވެ.
އަލީ ނަސީރާ ގުޅޭ ގޮތުން ކުރާ ތުހުމަތުތައް މިނިސްޓަރު ދުންޔާ ވެސް ދޮގުކުރެއްވި އެވެ. އަލީ ނަސީރަކީ ހާރިޖީ ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަން ފާހަގަކުރައްވައި ދުންޔާ ވިދާޅުވީ އެއީ އެކި ގައުމުތަކުގައި ވެސް މަސައްކަތް ކުރަން ޖެހޭ ދާއިރާއެއް ކަމަށެވެ.
ފޮރިން މިނިސްޓްރީގައި އޮންނަ އެ އުސޫލްގެ ދަށުން ބޭރުގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގެންނެވީ ހަމައެކަނި އަލީ ނަސީރު ނޫން ކަމަށާއި ބައެއް ފަހަރަށް ބޭރުގައި ތިއްބަވާ ބޭފުޅުން ރާއްޖޭގައި ވެސް މަސައްކަތް ކުރައްވަން ޖެހޭ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ގައުމަކަށް ޕޯސްޓިން އަކަށް ވަޑައިގަތުމަކީ އަޅުގަނޑު ދެކޭގޮތުގައި އެއްވެސް މައްސަލައެއް ނޫން. ކޮންމެހެން މިއީކީ ކަމަކަށް ފިލަން އުޅޭ ކަމެއް ވެސް ނޫން. މިއީ މި މަސައްކަތުގެ ގޮތުން އޮންނަ ކަންތައްތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހުމް
05 July 2016
ބޭރުންދާ އޮޑިއަކަށް ނިވަލެއް ނޯންނާނެއެވެ.
އަލިބެސޮރު
24 June 2016
ރނގަޅު ކަލޯ ގޯހެއްނޫން ،،
ވާހަކަ
24 June 2016
ތި ވާހަކަ ދެކެވޭނީ ކޮންމެވެސް ގޯސްކަމެއް އުޅޭތީ!
އަންނި
25 June 2016
އެވާހަކަ ދެކެވުނީ ނޫސްވެރިޔަކު އެސުވާލުކުރުމުން!
ސައްބަޑީ
23 June 2016
މަނީ ލޯންޑަރިން ނަކީ ލިބޭ އާމްދަނީގެ އަސްލު އޮޅުވާލުން. އެހެންވީމާ ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި ފިލަން އެހެން ގައުމަކަށް ދިޔުމީ ފިލުން ކަމުގައިވެސް ބެލެވޭނެ. ބެލެވެންވާނެ. އެނގެނީ ގަމުގައި ބޮޑުވެގެންވާ ވައްކަންތަކެއް ކޮށްފިކަން، ވައްކަމުގެ ފައިދާކުރި، އެއިން ބައިއެޅުނު ބޭފުޅުން އަދިވެސް ސަރުކާރުގެ މަތީފަޑީގައި ތިބިކަން. ދާދި މިދާކަށް ދުވަހަކާ ޖެހެންދެން ނައިބުރައިސަކީ "ހާލިދު ބުނު ވަލީދު ފަދަ ބޭފުޅެއް" އެހެނަސް ވަގުތާއި ހާލަތު ބަދަލުވުމުން ހަމަ އެ ބޭފުޅާ އަކީ ޓެރެރިސްޓަކަށް ބަދަލުވެއްޖެ، ޚާއިނަކަށް ވެއްޖެ. އެހެންވީމާ ދައްކާނެ މާބައިވަރު ވާހަކައެއްނެތް، ވާހަކަ ދެއްކުމުގެ ބޭނުމެއްވެސް ނެތް.
ާއަލިފު
23 June 2016
ފިލާ މީހުނަށް ހީވާނީ އެންމެންވެސް ފިލާނިއްޔޭ. ފުޅަށްބުޑުން ދަންޏާ ހަސަނަށް ހީވާނީ ކެޔޮގަނޑު ކަނޑަނީހެން
ޠރތ
23 June 2016
ދައުލަތުގެ އިންޓްރެސްޓަކީ ވައްކަންކުރުން އެކަންތޯ ޕްރޮމޯޓް ކުރަނީ ބޭރުދުނިޔޭގަ
ައަބްދުއްލާ
23 June 2016
ފިލިމީހުން ފިލައިގެންތިބި ތަންތަން ނޭގިގެންތޯ މިއުޅެނީ..ޔާމީން ކުރިއަށް ދިވެހިގައުމާއެކު...
ހ.ށ.ނ
23 June 2016
ދިވެހި ދައުލަތް ޚާއްސަކޮށް ރައީސްޔާމީންގެ ސަރުކާރު ތަމްސީލުކުރުމަކީ ވައްކަމާ، މަކަރާހީލަތާ، އަނިޔާވެރިކަން ޕްރޮމޯޓްކުރުން ނޫން އެހެން ކަމަކަށް ނުވާނެ. ދެން އެކަންކަން އޮތީ އެހެންނެއްނޫނޭ ނޭވާޔަކު ދެކޮޅު ކިޔަކަސް އެހަގީގަތްތައް އޮޅުވައެއް ނުލެވޭނެ.