ޑިމޮކްރަސީ އިޔާދަކުރަން އިންޑިއާގެ އެހީ ބޭނުން: އިދިކޮޅު އިއްތިހާދު

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ މަސައްކަތް ކާމިޔާބު ކުރުމުގައި އިންޑިއާގެ އެހީތެރިކަމަށް އެ އިއްތިހާދުން އެދެފި އެވެ.


އިދިކޮޅު އިއްތިހާދުން މިހާރު އިންޑިއާ އަށް ކުރަމުން ގެންދާ ދަތުރުގައި، އެ އިއްތިހާދުގެ ޝެޑޯ ކެބިނެޓްގެ ފޮރިން މިނިސްޓަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި އަހްމަދު ނަސީމް ވިދާޅުވެފައި ވަނީ ރާއްޖެ ހަމަ މަގަށް ގެންނަން އިންޑިއާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

"ރާއްޖޭގެ މައްސަލާގައި އިންޑިއާ އަށް މިހާރަށް ވުރެ ބޮޑު ދައުރެއް އަދާކުރެވޭނެ ... ޑިމޮކްރަސީ އަނބުރާ ގެންނަން އިންޑިއާގެ އެހީތެރިކަން ބޭނުންވޭ،" އިންޑިއާގެ އޮބްޒާވާ ރީސާޗް ފައުންޑޭޝަން (އޯއާރްއެފް)ގައި ނަސީމް ވިދާޅުވި ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.

ނަސީމް ތުހުމަތުކުރެއްވި ގޮތުގައި ރައީސް ޔާމީން މަސައްކަތްކުރައްވަނީ ރާއްޖޭގައި ހުދުމުހުތާރު ދައުލަތެއް ގާއިމުކުރެއްވުމަށެވެ. އަދި ރާއްޖޭގައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަރަކާތްތައް ހިނގާ ކަމަށާއި ރައީސް ޔާމީންގެ ކޯލިޝަނުން އެކަމަށް ތާއީދުކުރާ ކަމަށް ވެސް ނަސީމް ވަނީ ތުހުމަތުކުރައްވައިފަ އެވެ.

"ރާއްޖޭގެ ގާނޫނު އަސާސީ އަށް ރުޖޫއަވެ، މިނިވަންކަމަށް އިހުތިރާމްކޮށް އަދި ޑިމޮކްރަސީ ސަލާމަތް ކުރެވެން އޮތް ހަމަ އެކަނި ގޮތަކީ ރައީސްކަމުގެ މަގާމުން ޔާމީން ދުރުކުރުން،" އޯއާރްއެފް އިން ނެރުނު ބަޔާނުގައި، ނަސީމް ވިދާޅުވި ކަމަށް ލިޔެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ދުނިޔޭގެ ސިޔާސީ ބޮޑެތި މައްސަލަތަކުގެ މައިގަނޑު އަމާޒަކަށް އިންޑިއާ ކަނޑުގެ ސަރަހައްދު ވަމުން އަންނައިރު ދިވެހިރާއްޖެ އަކީ ނުރައްކާތެރި، އިތުބާރު ނުކުރެވޭ އަދި ފެއިލް ވެފައިވާ ދައުލަތަކަށް ބަދަލުވަމުން އަންނަ ކަމަށާއި މިއީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އަދި އިންޑިއާ އާއި ޗައިނާގެ މަސްލަހަތަށް ބެލުމުގައި އެއްވެސް ހަމައެއް، ރޭވުންތެރިކަމެއް ވެސް ރައީސް ޔާމީން ނުގެންގުޅުއްވާ ކަމަށް ނަސީމް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ގާނޫނު އަސާސީ އަށް ރުޖޫއަވެ، މިނިވަންކަމަށް އިހުތިރާމްކޮށް އަދި ޑިމޮކްރަސީ ސަލާމަތް ކުރެވެން އޮތް ހަމަ އެކަނި ގޮތަކީ ރައީސްކަމުގެ މަގާމުން ޔާމީން ދުރުކުރުން: ނަސީމް

ރައީސް ޔާމީނާއި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން ނަސީމް ވިދާޅުވެފައި ވަނީ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އެމްޑީޕީން ގަބޫލުކުރި އިރު ޔާމީން މިހާރު އަމަލުކުރައްވާ ގޮތަށް އަމަލުކުރައްވަފާނެ ކަމަށް ހިއެއް ނުކުރެ އެވެ. އޭނާ ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއްސަސާތައް ވެސް ވަނީ ރައީސް ޔާމީން ހައިޖެކް ކުރައްވާފައި ކަމަށެވެ. މީގެ އިތުރުން، ތިމާވެށީގެ ހިމާޔަތަށް ރާއްޖޭން ކުރާ މަސައްކަތަށް ވެސް ހުއްޓުން އައިސްފައިވާ ކަމަށާއި ތައުލީމީ ނިޒާމު ވެސް ޑިމޮކްރަސީއާ ދުރަށްދާ ކަމަށް ނަސީމް ވިދާޅުވެފައިވެ އެވެ.

އިދިކޮޅު އިއްތިހާދުން ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވެފައި ވަނީ އެ އިއްތިހާދުން މަސައްކަތް ކުރަނީ ރާއްޖޭގައި ޑިމޮކްރަސީ އިއާދަކުރަން ކަމަށާއި އެކަމަށް އިންޑިއާގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.