އެންއައިސީއަށް ހުށަހަޅާ މައްސަލަތައް ނުނިމެނީ ސަރުކާރުގެ ނުފޫޒުން: މަހުލޫފް

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން ފަދަ މިނިވަން މުއައްސާސަތަކަށް ހުށަހަޅާ މައްސަލަތައް ނުނިމި އެތައް އަހަރެއް ވަނީ، އެ މުއައްސަސާތަކަށް އޮންނަ ސަރުކާރުގެ ނުފޫޒުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.


މަހުލޫފާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މީގެ ތިން އަހަރު ކުރިން އެންއައިސީ އަށް ހުށަހެޅި މައްސަލަތައް ނިމުނުތޯ ބެލުމަށް އެތަނަށް ވަޑައިގަތުމަށް ފަހު ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ އެއިން އެއްވެސް މައްސަލައެއް އަދިވެސް ނުނިމޭ ކަމަށެވެ.

އެންއައިސީ އަށް އެ ބޭފުޅުން ހުށަހަޅާފައިވަނީ މީގެ ތިން އަހަރު ކުރިން، ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއަށް ފުލުހުން ވަދެ، އެ ގެއިން ފިސްތޯލައެއް ހޯދި މައްސަލަ އާއި އިންތި މަޖިލީހަށް ވަޑައިގަންނަވަނިކޮށް ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައަކާއި ހުކުރު ނަމާދަށް ފަހު، ރައީސް ނަޝީދު މިނިވަން ކުރުމަށް އެދި އާއްމުންގެ ބަޔަކު ދުއާކުރަނިކޮށް ޕެޕާ ސްޕްރޭ ޖެހި މައްސަލައަކާއި ބައެއް މުޒާހަރާތައް ރޫޅާލުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ މައްސަލަތަކެވެ.

މަހުލޫފް ވިދާޅުވީ އޭނާ މީގެ އަހަރެއް ކުރިން ހުށަހެޅި މައްސަލަ އަށް ޖަވާބެއް ހޯދަން ވަޑައިގަތުމުން ވެސް މައްސަލަ ނިމިފައި ނުވުމަކީ ހިތާމަވެރި އަދި ކަންބޮޑުވާ ކަމެއް ކަމަށެވެ.

މިއަދު އިންތި ނޫސްވެރިންނާ ވާހަކަ ދައްކަވާއިރު، މަހުލޫފާއި އާޒިމް ފަހަތުގައި-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

އެންއައިސީ އަށް ވަޑައިގެންނެވި ނަމަވެސް މި ތިން ބޭފުޅުންނާ އެ ކޮމިޝަނުގެ މެމްބަރުން ބައްދަލެއް ނުކުރެއްވި އެވެ. މަހުލޫފް ވިދާޅުވި ގޮތުގައި މެމްބަރުން ބައްދަލު ނުކުރެއްވީ ދޭނެ ޖަވާބެއް ނެތުމުން ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.

"މައްސަލަ ހުށަހެޅީމަ އަޅުގަނޑުމެން ގާތު އަހަނީ އެކަމުގައި ހިމެނޭ ވަކިވަކި ފުލުހުން އައިޑެންޓިފައި ކުރަން ޖެހޭނެ ކަމަށް. އެކަމަކު މި މައްސަލަތައް އަޅުގަނޑުމެން ހުށަހަޅަނީ ވަކިވަކި ފުލުހުންނަށް އަދަބު ދޭކަށް ނޫން. އެ މައްސަލަ ބަލައި، އެކަން ނުވާނެ ގޮތަކަށް ހަދަން ނުވަތަ މައްސަލަ އަށް ހައްލެއް ހޯދަން،" މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައްސަލަތައް ބަލަން ކޮމިޝަންތަކުން މިހާރު ފަސް ޖެހުނު ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣްލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް ލިބުމުން އެ ކޮމިޝަންތައް ވަރަށް ހަރަކާތްތެރިވާނެ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ކޮންމެ ދުވަހަކު ވެސް އިރު އަރާ އޮއްސޭއިރު ޣައިރު ގާނޫނީ ބޮޑެތި މައްސަލަތައް ހިނގާ ކަމަށާއި އެކަމަކު ކޮމިޝަންތަކަށް މި ހުށަހަޅަނީ އޭގެ ތެރޭން ވަރަށް މަދު އަދި ކުދި މައްސަލަތަކެއް ކަމަށެވެ. އެކަމަކު އެ މައްސަލަތައް ވެސް ނުބެލެނީ ސަރުކާރުގެ ނުފޫޒާއި ބިރު ދެއްކުމުން ކޮމިޝަންތަކުގައި ތަޅުއެޅުވިފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތި ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާތަކުން މައްސަލަތައް ބަލައި، އެކަން ކަމާ ގުޅޭ މުއައްސަސާއަކަށް ނޭންގުމަކީ އެ ކުށްކުރުމަށް ދޭ ލައިސަންސެކެވެ.

"އޭގެ މާނައަކީ މީހުންގެ މޫނަށް ޕެޕާ ސްޕްރޭ ޖަހާށޭ. ޣައިރު ގާނޫނީ އަމަލުތައް ހިންގާށޭ... އެ މުއައްސަސާތަކުގެ މެމްބަރުން އުޅުއްވަނީ ޖޮބްލެސް ބަޔަކަށް ޖޮބެއް ލިބުނީމަ އުޅޭގޮތަށް، އެ ގެއްލިދާނެ ކަމުގެ ބިރުގައި،" އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ގައުމުގައި ހިންގާ ބޮޑެތި ޖަރީމާތައް މިހާރު ނިއުޅެމުން އެބަދާ ކަމަށާއި އެއިން ލިބޭ ފިލާވަޅަކީ ޖަރީމާއެއް ހިންގައިގެން ފިލާ ނޯވެވޭނެ ކަމާއި ޖަރީމާ އައިސް އަތުގައި ހިފާނެކަން ކަމަށެވެ. އަދި މި މައްސަލަތައް ކަމާ ބެހޭ މުއައްސަސާތަކުން ނުބަލާކަމަށް ވާނަމަ ވަރަށް އަވަހަށް އިތުރު މައުލޫމާތު ބޭރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.