މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ މީހުންގެ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް އަބްދުﷲ ޖިހާދު (މ) ބައިވެރިވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
26 ޖޫން 2016 - 14:44
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި އެއީ ބޮޑު ހަނގުރާމައެއް ކަމަށް އާ ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖެ އިން މަސްތުވާތަކެތީގެ ވަބާ ފޮހެލުމަށް މީގެ ހަތަރު އަހަރު ކުރިން އުފެއްދި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި ކަމަށެވެ.
"މިއީ ފަސޭހަކަމެއް ނޫން. އަޅުގަނޑުމެން މި ދައްކަނީ ހަނގުރާމައެއްގެ ވާހަކަ. އަދި ހަނގުރާމައިގެ ޝިކާރައަކަށް ވެފައި ތިބި ބައެއްގެ ވާހަކަ. އެ ހަނގުރާމަ އިން ސަލާމަތް ކުރުމަށްޓަކައި އެންޑީއޭ އިން އެ ކޮށްދެއްވާ ކަންތައް އަޅުގަނޑުމެން ފާހަގަކުރަން،" ނައިބު ރައީސްގެ މަގާމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ބައިވެރިވަޑައިގެންނެވި ފުރަތަމަ ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ މީހުންގެ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.--.މިހާރު ފޮޓޯ:ނިޝާން އަލީ
މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަކީ ހަމައެކަނި ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް ހުރިހާ އެންމެންގެ އެހީތެރިކަން ވެސް ބޭނުންވާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
"މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލައެއް. މިވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޑްރަގް އޭޖެންސީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި. އެންމެ ދެތިން ހަތަރު އަހަރަކުން ވާނެ ކަމެއް ނޫން އެއީކީ. އެކަން ފާހަގަކޮށް ޑްރަގް އޭޖެންސީ އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ އެންޑީއޭ ހިންގުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވަނަ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ މީހުންގެ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް އިސް ބޭފުޅުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ރަސްމިއްޔާތުގައި ނޭޝަނަލް ޑްރަގް އޭޖެންސީ ބޯޑުގެ ޗެއާމަން ލެފްޓިނެންޓް ކާނަލް ޑރ. އަލީ ޝާހިދު ވިދާޅުވީ އެންޑީއޭ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންސާނީ ވަސީލަތްތައް މަދުވުމާއި ޖާގައިގެ ދަތިކަން ކަމަށެވެ. އެގޮތުން އެ ސެންޓަރުން މިހާރު ވެސް 500 އެއްހާ މީހުން ފަރުވާ ހޯދަމުން އަންނަ އިރު ހަމަ އެ އަދަދާ އެއްވަރަަށް، ފަރުވާ ހޯދަން ވެއިޓިން ލިސްޓުގައި ވެސް މީހުން ތިބިކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ މީހުންގެ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އެންޑީއޭ ބޯޑުގެ ޗެއާމަން ޑރ. ޝާހިދު ވާހަކަދައްކަވަނީ.--.މިހާރު ފޮޓޯ:ނިޝާން އަލީ
"ވަސީލަތްތައް މަދުވުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. އެ ގޮންޖެހުންތަކާއެކު ވެސް އަޅުގަނޑުމެން މި އަންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން. ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން މުވައްޒަފުންނަށް ތަފާތު ތަމްރީނުތައް އަންނަނީ އެކި ތަންތަނުގައި ދެމުން،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި އާ ކޮމިއުނިޓީ ސެންޓަރެއް ހުޅުވުމުން އެކަމަށް ހައްލެއް ލިބޭނެ ކަމަށާއި އެ ތަނުން 500 މީހުންނަށް ފަރުވާ ދެވޭނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވަނީ އެންޑީއޭ އަށް އެހީތެރިވަމުން އަންނަ ފަރާތްތަކަށް ހަނދާނީ ފިލައެއް ދީފަ އެވެ. އަދި މި އަހަރުގެ ޝިއާރު ވެސް ލޯންޗުކޮށްފައި ވެ އެވެ. ޝިއާރުގެ ގޮތުގައި މިފަހަރު ކަނޑައަޅާފައިވަނީ "ފަރުވާގެ ހަރުދަނާކަން - ކާމިޔާބީގެ އަސާސް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުށޭނު
26 June 2016
ޖިހާދު ޖިހާދެއް ކޮށްގެންނު މިހާރު ތި ފެންނަނީ ތި މަޤާމަށް އަރާވެސް...
ޖަމީލުބެ
26 June 2016
ޑުރަގާއި ދެކޮޅަށް ކުރަންވީ ހަގުރާމަ ވަރަށް ސާފު، ޖިހާދަށް ކެރިވަޑައިގަންނަވާނެތޯ އެ ހަނގުރާމަ އިޢްލާނު ކުރައްވަން؟
ޓރތ
26 June 2016
ސަފާ ހައްޔަރުކުރަން ކެރޭނެބާ.
ބޮޑުރިޔާ
26 June 2016
މިކަމާ ދެކޮޅަށް ކުރި އެއްކަމެއްވެސް ނެތް ލިބުނު ކާމިޔާބީއެއްނެތް މި ބޭނުންކުރާމީހުން މަދެއްވުވޭ އެތެރެވުން މަދެއްނުވޭ ވިއްޔާވަނީ ދިނަ އެއީކާމިޔބެއްކަމަށް ވަންޏާވާންވި ޕާޓޭމެންގެ ހާލިތަށް ނައްތާލަން ކުރިމަސައްކަތްވެސް ނާކާމިޔާބު ބޮޑުން ކުރާކަންތަށް ކިހިނެއް ހުއްޓުވާނީ
ތުއްތޮންބެ
26 June 2016
މީދާތަކަށްވެސްވީ ތިޔަހާ ވަރު. އެސޮރުމެންނަށްވެސް އިނގުނު ބުޅަލުގެ ކަރުގައި ރަނގަބީލު އަޅުވައިގެންނޫނީ ބުޅަލުގެ ނުރައްކަލުން މީދަލުގެ ދަރިފަސްކޮޅު ސަލާމަތްވާން ނެތްކަން. އެކަމަކު އެކަންނުވީ ބުޅަލުގެ ކަރުގަ ރަނގަބީލު އަޅުވަން ކެރިގެން އިސްނަގާނެ އެންމެ މީދަލެއްވެސް ނުވީތީ. "ގިރާވަރު ސިއްރެއް" ފަދައިން "އެންމެނަށްވެސް އިނގޭ" ރާއްޖެއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި ހިންގުވަނީ ކޮންބައެއްކަން. މައްސަލައަކީ އެކަން "ހުއްޓުވަން" އެބަޔަކާ ދެކޮޅަށް "ކެރިގެން ނުކުންނަން" އެކަކަށްވެސް އަދި ނުކެރޭކަން.
އަހުމަދު
26 June 2016
މަސްތުވާތަކެތި އެތެރެ ކުރާ މީހުން މަރަން ވީއެވެ. އެކަން ކުރަން ކެރޭނެ ހެއްޔެވެ؟ ބޭކާރު ވާހަކަ ދެއްކުމަށް ވުރެ އަމަލު ކުރުން ރަނގަޅުވާނެއެވެ.