ރާއްޖެއާ މެދު ކަންބޮޑުވުން ފާޅުކޮށް، ހައްގުތައް ކަށަވަރުކޮށްދޭން ގޮވާލައިފި

ދުނިޔޭގެ 142 ގައުމެއްގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މެމްބަރުން ހިމެނޭ، ޕާލަމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން (ޕީޖީއޭ) އިން ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، ރާއްޖޭގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް މިއަދު ގޮވާލައިފި އެވެ.


ޕީޖީއޭގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ބަޔާނުގައި ބުނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ހައްޔަރުކޮށް، ގާނޫނުއަސާސީ އާއި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކެއް ރާއްޖޭގައި ހިނގަމުންދާ ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ. އެއީ އެ ޖަމިއްޔާގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް ބަޔާނުގައިވެ އެވެ.

ރާއްޖޭގެ ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާ ގުޅޭ ގިނަ މާއްދާތަކެއް ފާހަގަކޮށް، އެ މާއްދާތަކުގައިވާ ހައްގުތައް ރައްޔިތުންނަށް ކަށަވަރު ކޮށްދޭން މުއައްސަސާތަކާއި ބައިނަލްއަގުވާމީ މުޖުތަމައަށް ވެސް އެ ޖަމިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރަން 42 މެމްބަރަކު ސޮއި ކުރައްވައި ހުށަހެޅުމުން އެކަމުން ރެކިވަޑައިގަތުމަށް މެމްބަރުންނަށް ގިނަ ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމަށް ބަޔާނުގައި ތަފްސީލްކޮށްދީފައިވެ އެެވެ. އެގޮތުން ބައެއް މެމްބަރުންނަށް ރިޝްވަތުގެ ތުހުމަތުކޮށް ހައްޔަރުކުރުމާއި ޝަރީއަތް ކުރަމުންދާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އޭގެ އިތުރުން، މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއި މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކެއް ހައްޔަރުކޮށްފައިވާތީ ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެެވެ.

ރާއްޖޭގެ ހާލަތު އޮތް ގޮތް ސާފުކޮށްދެމުން އެ ބަޔާނުގައި ބުނީ ނޫސްވެރިންނަށް ހުރަސްތަކެއް ކުރިމަތިކުރަމުން ދާއިރު، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލައި، ބްލޮގާ ޔާމީން ރަޝީދު މަރާލާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ރާއްޖޭގައި ވަރަށް އަވަހަށް މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށް އިއުލާންކޮށްފައި ވަނީ ވެސް ރާއްޖޭގައި މިހާރު އޮތް ސިޔާސީ ކަންކަމުގެ މިސްރާބު އެހެން ދިމާލަކަށް ބަދަލުކުރަން ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.

ޕީޖީއޭ އިން ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅު ކޮށްފައިވާ އިރު، ބޮޑެތި ބައެއް ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ވަނީ ރާއްޖޭގެ ކަންކަން ހަމައަކަށް އަޅުވައި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭން ގޮވާލައިފަ އެވެ.