ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، ލިއޮނާޑޯ ޑިކެޕްރިއޯ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރުމަށްޓަކައި، މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމުން، ނުފުރި އެ ތަނުގައި މަޑުކުރަން ޖެހިއްޖެ އެވެ.
ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރި ލިއޮނާޑޯ އަށް ނުފުރުނީ، އެނގިފައިވާ ގޮތުގައި، އޭނާގެ ޕްރައިވެޓް ޖެޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ. އެކަމަކު އެ މައްސަލަ ދިމާވީ ބޭރުން ރާއްޖެ އަންނަނިކޮށް ކަމެއް ނުވަތަ އެއާޕޯޓުގައި އޮއްވައި ކަމެއް އަދި ސާފެއް ނުވެ އެވެ.
މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި، މިރޭ ފުރަންވެގެން އިންޓަނޭޝަނަލް ދެ އެއާލައިނަކުން ޓިކެޓް ހޯދަން ލިއޮނާޑޯ މަސައްކަތް ކުރި އެވެ. އެކަމަކުު ޓައިޓޭނިކްގައި ލީޑްރޯލްކުޅުނު ލިއޮނާޑޯ އަކީ، ވަރަށް މަޝްހޫރު މީހަކަށްވާތީ، ކުއްލިއަކަށް އެ ގޮތަށް ފުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.
މީގެ އިތުރުން، އޭނާއާ އެކު ގިނަ އަދަދެއްގެ ބަޔަކު ވެސް ރާއްޖެ އައި އިރު، އެ އެންމެންނަށް ވެސް ކުއްލިއަކަށް އެއާލައިނުން ޖާގަ ހޯދުމުގައި ދަތިތަކެއް ދިމާވާނެ އެވެ. ލިއޮނާޑޯ އަދިވެސް އެއާޕޯޓުގައި ހުރި އިރު، އޭނާ މިހާރު ފުރަން ނިންމާފައި ވަނީ ޕްރައިވެޓު ޖެޓުގައި ކަމެއް ނުވަތަ އިންޓަނޭޝަނަލް އެއާލައިނަކުން ކަން ވެސް އަދި ޔަގީނެއް ނުވެ އެވެ.
މިކަމާ ގުޅޭގޮތުން އެއާޕޯޓުގެ ބަހެއް ނުލިބުނެވެ.