ގާނޫނާ އެއްގޮތަަށް ވެރިކަން ކުރައްވަން "ބޯގޮވާ ނަމަ" ފަރުވާއަކީ އިސްތިއުފާ: އަލީ ޒާހިރު

ގާނޫނުއަސާސީއާ ހެދި ވެރިކަން ނުކުރެއްވިގެން "ބޯގޮވާ ނަމަ" އެކަމުގެ ފަރުވާއެއްގެ ގޮތުގައި އިސްތިއުފާ ދެއްވުމުގެ އިހްތިޔާރު ވެސް އެ ގާނޫނުއަސާސީގައި ދީފައިވާ ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ރޭ ވިދާޅުވެއްޖެ އެވެ.


ގާނޫނުއަސާސީ އަށް ނުވަ އަހަރު ފުރުން ފާހަގަކުރަން އިދިކޮޅު ޕާޓީތަކުން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ގާނޫނުއަސާސީގައިވާ ހައްގުތައް ރައްޔިތުންނަށް ކަށަވަރުކޮށްދީގެން، އެއާ އެއްގޮތަށް ވެރިކަން ނުކުރެއްވޭ ނަމަ ވެރިކަމުގައި ދެމިހުންނެވުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެކަމަށް ގާނޫނުއަސާސީން ހޯދައިދީފައި އޮތް ހައްލަކީ އެ ވެރިއަކު އިސްތިއުފާ ދެއްވުން ކަމަށް ވިދާޅުވި އެވެ.

"އެކަން އެގޮތަށް ނުކުރުމުން ދެން މިއަންނަނީ ރައްޔިތުންނާ ހަމައަށް. ރައްޔިތުން އިންތިހާބުކޮށްފައިވާ މަޖިލީހާ ހަމައަށް. ރައްޔިތުންގެ މަޖިލީހަށް އެބަ އޮތް އެ ޒިންމާ ނުވަތަ އެ ބާރު މި ގާނޫނުއަސާސީން ދީފައި،" އަލީ ޒާހިރު ވިދާޅުވި އެވެ.

"ރައީސުލް ޖުމްހޫރިއްޔާ ވެސް ގާނޫނުއަސާސީއާ ހިލާފުވަނީ ކަމުގައި ވާ ނަމަ، ގާނޫނުއަސާސީއާ އެއްގޮތަށް ވެރިކަން ނުކުރައްވަނީ ނަމަ ޖަވާބުދާރީ ކުރުވަން ނުވަތަ އަޒުލުކުރުމުގެ ބާރު ވެސް ގާނޫނުއަސާސީގައި ރައްޔިތުންނަށް ދީފައި އެބަވޭ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި ގޮތަށް ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރަން ވެސް މަޖިލީހަށް ހުށަހަޅަން އޭނާ ގޮވާލެއްވި އެވެ. އެއީ އިދިކޮޅު ޕާޓީތަކުގެ ގާނޫނީ ޒިންމާއެއް ކަމަށާއި އެކަން ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އަލީ ޒާހިރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ ވާހަކައަކީ ދައްކަން ނުޖެހޭ ވާހަކައެއް ކަމަށާއި އެއީ ވެރިކަން ވައްޓާލަން އުޅުން ކަމަށް ބުނެ ބިރުދައްކައި ތަހުގީގުތައް ހިންގާއިރު ގާނޫނުއަސާސީގައި އެ ވާހަކަ ދެއްކޭނެ ކަން ބަޔާންކޮށްފައި އޮންނަ ކަމަށެވެ. ރާއްޖޭގެ މިހާރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ، ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސަކު އަޒުލުކުރަން ގާނޫނުއަސާސީގައި އޮންނަ ގޮތާ ގުޅޭ ގޮތުން އެކި ތަންތަނުގައި ވާހަކަފުޅު ދައްކަވާފައި ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ ޒާހިރު ވިދާޅުވީ މިހާރު އެ ވާހަކަ ދައްކާ ބަޔަކު ގޯސްވެ ވެރިކަން ވައްޓާލަން އުޅޭ ކަމަށް ތުހުމަތުކޮށް ފުލުހުން ލައްވައި ތަހުގީގުތައް ސަރުކާރުން ހިންގުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ހައްޔަރުކޮށްގެން ގެންގުޅެނީ ނުހައްގުން ކަމަށާއި އެ މެމްބަރުންނާ މެދު އަނިޔާވެރިވެ އެ ގޮނޑިތައް ގެއްލުވާލިޔަަސް މެމްބަރުން ތިއްބެވީ އެކަމަށް ރުހިގެން ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތު ވަރަށް ދަށު ދަރަޖައަށް ވެއްޓިފައިވާކަމުގެ މިސާލު ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެތައް ހައްގުތަކެއް ވަނީ ގެއްލިފަ އެވެ. އެކަމަކު ޒިންމާ ގިނަ ފަރާތްތަކަކުން އުފުލަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ ނަގަހައްޓައި ދަމަހައްޓާނެ ގޮތާއި މާނަކުރާނެ ގޮތް ވެސް ބަޔާންކޮށް އެ ޒިންމާ ޖުޑިޝަރީއާ ހަވާލުކޮށްފައި ވަނިކޮށް، އޭގައި އޮތް ގޮތާ މުޅިން ޚިލާފަށް ކަންކަން ނިންމުމަކީ، ވެވޭނެ އެންމެ ބޮޑު ޚިޔާނާތެވެ. އެ ބަޔަކު ބޭނުންވާ ގޮތަށް ގާނޫނުއަސާސީ މާނަކޮށްގެން ކަންކަން ނިންމުމުގެ ބާރު އެއްވެސް މުއައްސަސާއަކަށް ލިބިދީފައި ނުވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އަލީ ޒާހިރު ވިދާޅުވީ ގާނޫނުއަސާސީ މުގުރާލައި ހިންގަމުންދާ އަމަލުތައް ދެމިގެން ހިނގައްޖެ ނަމަ ދުވަހަކު ވެސް އަރައިނުގަނެވޭ ފަދަ އަނދިރި ވަޅުގަނޑަކަށް ރާއްޖެ ވެއްޓިދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ހަމަޔާއި އިންސާފު ގެއްލި ގަދަ މީހާ ގަދަވެ، ނުވަތަ ޖަންގަލީގެ އުސޫލް އަޅުގަނޑުމެންގެ ތެރެއަށް އާއްމުވެގެން ހިނގައިދާނެ،" އޭނާ ވިދާޅުވި އެވެ.