އުމުރުން 11 އަހަރުގެ ކުއްޖަކު ދަންޖެހިގެން މަރުވެއްޖެއޭ ބުނުމުން ކޮންމެ މީހަކަށް ވެސް ސިހުން ލިބޭނެ އެވެ. ނ. މާޅެންދޫ ރައްޔިތުންނަށް ވެސް ވީ އެހެންނެވެ. އެ މީހުން އެންމެ ހައިރާންވީ، އެހާ އުފާވެރި، ސިއްހަތު ރަނގަޅު ކުއްޖަކު އެގޮތަށް މަރުވެދާނެތީ އެވެ.
އެ ކުއްޖާ ދަންޖެހިގެން މަރުވެދާނެ ކަމަކަށް މާޅެންދޫގެ އެއްވެސް މީހަކަށް އަދިވެސް ގަބޫލެއް ނުކުރެވެ އެވެ.
"އެއީ ކުރީ ދުވަހު މިތާ ގެ ކައިރީގައި ކުޅެން އުޅުނު ކުއްޖެއް. އޭރު ހިޔެއް ނުވޭ އެއްވެސް ކަމެއް ގޯސްހެންނެއް. އެކަމަކު ދެން އޭނާ ނުފެންނާނެ. ގެ ކައިރީގައި ސަކަރާތް ޖަހާތަނެއް ދެނެއް ނުފެންނާނެ،" އެ ކުއްޖާގެ އާއިލާއާ ގާތްގުޅުމެއް އޮންނަ، އަވައްޓެރިއަކު އަސަރާ އެކު ކިޔައިދިނެވެ.
ރަށުގެ ގިނަ މީހުންނާ ވާހަކަ ދައްކާލުމުން ވެސް އެންމެންހެން ވެސް ބުނަނީ އެއީ އުފާވެރި އާއިލާއެއް ކަމަށެވެ. އޭނާގެ ބައްޕަ ރިސޯޓެއްގެ މަތީ ވަޒީފާއެއް އަދާކުރާއިރު މަންމަ އިންނަނީ ގޭގައި ކުދިން ބަލާށެވެ. ހަގަށް އަދި އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ހުރެ އެވެ.
އެ ހުރިހާ ކުދިން ވެސް އެ ދެމަފިރިން ބަލަމުން އައީ ފަރުވާތެރިކަމާ އެކު ވަރަށް ލޯބިން ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. އަދި އަވައްޓެރިންނާއި އެ އާއިލާއާ ދެމެދު ވެސް ގާތްގުޅުމެއް އޮވެ އެވެ. އެހެންވެ، އެ ކުއްޖާއާ ދޭތެރޭ އޭނާގެ އާއިލާއިން އިހާނާތްތެރި ގޮތެއް ހަދައިފާނެ ކަމަކަށް އެ ރަށުގެ މީހުންނަކަށް އެއްވެސް ވަރަކަށް ގަބޫލެއް ނުކުރެވެ އެވެ.
"އެހެންވެ، އަޅުގަނޑުމެންނަށް އެހާ ގަބޫލުކުރަން ދަތިވެގެން މިއުޅެނީ. އެހާ އުފާވެރިކުއްޖަކު އެ ކަހަލަ ގޮތަކަށް ނިޔާވީމަ. އެއްވެސް މީހަކަށް ވީގޮތެއް ނޭނގެ،" އަވަށްޓެރިޔާ ބުންޏެވެ.
ރަށުގެ ބައެއް މީހުންނާއި އަވަށްޓެރިން ބުނިގޮތުގައި އެ ކުއްޖާގެ ކަންކަން ހޯދައި، ތަޖުރިބާ ކުރަން އުޅޭ ކުއްޖެކެވެ. ގޭގައި ހުންނަ ކޮމްޕިއުޓަރު ފަދަ އެއްޗެހި ރޫޅައި، އަމިއްލަ އަށް ރާވާ ހަދަ އެވެ. ގޭދޮށުން ފެންނަ އެއްޗެހި ބޭނުންކޮށްގެން އަމިއްލަ "އެކްސްޕެރިމެންޓް"ތައް ހަދަ އެވެ.
އެހެންވެ، އެ ކުއްޖާ މަރުވީ ވެސް އެފަދަ ކަމެއް ކުރަން އުޅުމުގެ ތެރޭގައި ވެސް ވުން އެކަށީގެންވާ ކަމަށް ބައެއް މީހުން ބުންޏެވެ.
އެ ކުއްޖާ "ދަންޖެހިފައި" ހުއްޓާ ފެނުނީ ހަމައެކަނި އޭނާގެ މަންމަ އަށެވެ. ކަމެއް ވެގެން އުޅޭކަން މީހުންނަށް އެނގުނީ ކުއްޖާ ނަގައިގަނެގެން، ގޯތި ތެރެއަށް ނިކުމެ "މަގޭ ދަރިފުޅު މަރުވެއްޖޭ" ކިޔާފައި މަންމަ ރޯން ފެށުމުން ކަމަށް އަވައްޓެރިން ބުންޏެވެ.
މާޅެންދޫގެ ބައެއް މީހުން ބުނާގޮތުގައި އެ ކުއްޖާ ވާގަނޑު އައްސާފައި ހުރީ ކޮޓަރީގެ ދޮރުގެ ތަޅެއްގަ އެވެ. އެހެން އައްސައިގެން އުޅެނިކޮށް، ކައްސާލައިގެން ވެއްޓި މަރުވީ ކަމަށް ވެސް ބައެއް މީހުން ދެކެ އެވެ. އެކަމަކު މިކަމާ ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނާތީ އޭގެ ހަގީގަތެއް ނޭނގެ އެވެ.
އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.
މި މަރުގައި ޝައްކުތަކެއް އުޅޭތީ ޓެސްޓުތަކެއް ހެދުމަށް ކުޑަކުއްޖާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފަ އެވެ. އެ ޓެސްޓު ހަދަނީ އެ ކުއްޖާ މަރުވީ އަމިއްލައަށްތޯ ނުވަތަ ނޫންތޯ ބެލުމަށެވެ.
މާޅެންދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އިބްރާހިމް މުހައްމަދު ވިދާޅުވީ އެ ފަދަ ގޮތަކަށް އެ ކުއްޖާ މަރުވުމުން މުޅި ރަށަށް ބޮޑު ހިތާމައެއް ލިބިފައިވާ ކަމަށެވެ. އަދި އެހާމެ ބިރުވެރިކަން ރަށަށް ވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ މީހަކު ވެސް ހިތަށް އަރަނީ ތިމަންނަ އަށް އެއްޗެއް ބުނެވިފައި އޮވެދާނެބާއޭ ކުޑަކުއްޖަކު އެގޮތަށް މަރުވާން. ކުޑަކުއްޖަކު ވާގަނޑެއް ހިފައިގެން އުޅުނަސް ބިރެއް ގަންނަނީ." އިބްރާޙިމް ވިދާޅުވި އެވެ.
ޝައްކު މަރެއް ނަމަވެސް، މިކަމާ ގުޅޭގޮތުން މާޅެންދޫ އެއްވެސް މީހަކު ވަކި މީހަކަށް ތުހުމަތެއް ނުކުރެ އެވެ. އިބްރާހިމް ވިދާޅުވި ގޮތުގައި އެ ފަދަ ކަމެއްވީ، ވަކި ސަބަބަކާ ހުރެގެން ކަން ވެސް މީހަކަށް ބުނަން ނޭނގެ އެވެ. އެހެންވެ، މިކަމުގައި އެންމެން ވެސް ތިބީ ބަސްހުއްޓިފައި ކަމަށް އޭނާ ވިދާޅުވި އެވެ.