ވަޒީފާ ދިނުމާ އެކު، ޔޫތު މިނިސްޓްރީގެ އާ ޕީއެސް ގޭގައި މަޑުކުރަން އަންގައިފި

ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން އައްޔަން ކުރި ފާތުމަތު މުނާ ގޭގައި މަޑުކުރަން އެ މިނިސްޓްރީން އަންގައިފި އެވެ.


މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ޑިރެކްޓަރެއްގެ މަގާމުގައި ކުރިން ހުންނެވި މުނާ، ޔޫތު މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ހަމަޖެއްސީ މި މަހުގެ އެއްވަނަ ދުވަހު އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މަގާމުގެ ލިޔުން ދިން ދުވަހުން ފެށިގެން، ވަކި އެއްޗެއް އަންގަންދެން މުނާ ގޭގައި މަޑުކުރަން އެންގީ ސީދާ ޔޫތު މިނިސްޓްރީންނެވެ. އެކަމަކު އޭނާ ޕީއެސްގެ މަގާމަށް ހަމަޖެއްސި ކަމުގެ ލިޔުން ހަވާލު ކުރުމަށް އެ މިނިސްޓްރީގައި ބޭއްވި ޚާއްސަ ހަފުލާގައި މިނިސްޓަރު އިރުތިޝާމް އާދަމް ވެސް ބައިވެރިވެވަޑައިގަތެވެ. އެ ރަސްމިއްޔާތުގައި މަގާމުގެ ލިޔުން މުނާއާ ހަވާލުކޮށްދެއްވީ ސީއެސްސީގެ ރައީސް އަލީ ޝަމީމް އެވެ.

ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހެއްގައިވާ ގޮތުން ޕީއެސް އައްޔަން ކުރަން ޖެހެނީ އެ ބޭފުޅަކު އައްޔަން ކުރާ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ލަފަޔާ އެކުގަ އެވެ.

މުނާއާ މަގާމު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިރުތިޝާމް ބައިވެރިވެވަޑައިގެންނެވި ނަމަވެސް، ފަހުން މުނާއާ މެދު ހިޔާލު ތަފާތުވި ސަބަބެއް ނޭނގެ އެވެ.

ޔޫތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ޕީއެސްގެ މަގާމަށް ބޭފުޅަކު ހަމަޖެއްސިކަން އެނގިވަޑައިގެންފައިވާ ކަމަށާއި އެކަމަކު އޭނާ އޮފީހަށް ވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އޭގެ ސަބަބު އެނގޭނީ ސީއެސްސީ އަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫތު މިނިސްޓްރީގެ ޕީއެސްކަމުގެ ލިޔުން މުނާއަށް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މުނާ (މެދުގައި) އަދި މިނިސްޓަރު އިރުތިޝާމާއި ސީއެސްސީގެ ރައީސް އަލީ ޝަމީމް ބައިވެރިވެވަޑައިގަންނަވަނީ.

މިކަމާ ގުޅޭ ގޮތުން ސީއެސްސީގެ ތަފްސީލު ޖަވާބެއް ނުލިބުނެވެ. އެތަނުން ހަމައެކަނި ބުނީ "ތި ފަދަ ކަމެއް އުޅޭ ކަމަށާއި ބަލަމުން އަންނަ" ކަމަށެވެ.

މުނާ ގޭގައި މަޑުކުރަން ޔޫތު މިނިސްޓްރީން އެންގި ކަން ވެސް އަދި އޭގެ ސަބަބެއް ވެސް ކަމާ ބެހޭ އެއްވެސް އިދާރާ އަކުން ނުބުންޏެވެ.

އެނގިފައިވާ ގޮތުގައި ޔޫތު މިނިސްޓްރީގެ ޕީއެސްގެ މަގާމު ސީއެސްސީން މުނާ އަށް ދިނީ ގިނަ ބަޔަކާ އިންޓަވިއުކޮށް، އިމްތިހާނެއް ވެސް ހެދުމަށް ފަހު އެވެ. އެ މަގާމު ހަމަޖެހުމާ އެކު އޭނާ ވަނީ އެމްއެމްސީގެ ޑިރެކްޓަރުގެ މަގާމުން ވެސް ވަކިވެވަޑައިގެންފަ އެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ނަންގަވާފައިވާ މުނާ ވަނީ ހައުސިން މިނިސްޓްރީގެ ޑިރެކްޓަރުކަމާއި ހެލްތު މިނިސްޓްރީގެ ހިއުމަން ރިސޯސަސް އޮފިސަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

ޔޫތު މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވީ އެ މަގާމުގައި ބޭފުޅަކު ނުހުންނަވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އެ މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މުހައްމަދު މާހިދު ޝަރީފް އެވެ. އޭނާ މިހާރު ވަޒީފާ އަދާކުރައްވަނީ ހައުސިން މިނިސްޓްރީގަ އެވެ.

ޕީއެސް އަކީ ސަރުކާރުގެ ކޮންމެ މިނިސްޓްރީއެއްގައި ވެސް ސިވިލް ސާވިސް މުވައްޒަފުންގެ އެންމެ އިސްވެރިޔާ އެވެ.